ހަބަރު

ނިލާމް ވަޒީފާއިން ވަކިކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

Mar 17, 2015

ސިފައިންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމުގައި ހުންނެވި އަހުމަދު ނިލާމް ސިފައިންގެ ވަޒީފާއިން ވަކިކުރި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.

ސިފައިންގެ އޮފިސަރެއްގެ ކިބައިގައި ހުންނަންޖެހޭ އަޚުލާގީ މިންގަނޑުން ބޭރުވި ކަމަށާއި ސިފައިންގެ ސިއްރު މައުލޫމާތު ލީކުކުރާ ކަމަށް ބުނެ ސިފައިންގެ ވަޒީފާއިން ނިލާމް ވަކިކުރީ ނޮވެމްބަރު، 2013 ގަ އެވެ. ނަމަވެސް އެ މައްސަލަ ނިލާމްގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވަނީ މިއަހަރުގެ ކުރީކޮޅު އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށް، އެ މައްސަލަ ކޯޓުން ބޭރުކޮށްލީ ނިލާމް ދީފައިވާ އެޑްރެހަށް އަމުރު ރައްދުވެފައި ނުވާތީ އެވެ. ކޯޓުގެ ނިންމުމުގައިވަނީ އެދުވަހުގެ އަޑުއެހުމަށް ހާޒިރުވާން އަންގައި އަމުރު ފޮނުވި ނަމަވެސް ނިލާމްގެ ފަރާތުން ދީފައިވާ އެޑްރެހަށް އަމުރު ރައްދުވެފައި ނުވާ ކަމަށާއި އަދި އެޑްރެސް ބަދަލުވިކަން ވެސް އަންގާފައިނުވާ ކަމަށެވެ.

ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ބުނާގޮތުން ދައުވާކުރާ ފަރާތުން ދީފައިވާ އެޑްރެސް ބަދަލުވާ ނަމަ އެކަމެއް ކޯޓަށް އަންގަންޖެހޭނެ އެވެ.