ރައީސް އަބްދުﷲ ޔާމީން

އެމްޑީޕީގެ ފިކުރު ވަނީ ފެއިލްވެފަ، ޕީޕީއެމް ދަނީ ކުރިއަރަމުން: ރައީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ފިކުރު ވަނީ ފެއިލްވެފައި ކަމަށާއި އެ ފިކުރަށް ދެން ދިވެހި ރައްޔިތުން ޖާގަ ދޭން ބޭނުން ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ، އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. ރައީސް ވަނީ ސަރުކާރު ހިންގާ، ޕީޕީއެމް ކުރިއަރަމުންދާކަން ފާހަގަ ކުރައްވާފަ އެވެ.

ޕީޕީއެމްއާ އަލަށް 470 މީހަކު ގުޅުމަށް ކުއްލި ގޮތަކަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަހަށް އެންމެ ބޮޑު ބަދަލެއް އައީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދިގު ވެރިކަން ނިމުމުން ކަމަށެވެ. ބަދަލަކަށް ބޭނުންވެގެން މުޅިން އާ ބަޔަކަށް އާ ފިކުރަކަށް ވެރިކަން ހަވާލުކުރެވުމުން ކަމަށެވެ. ނަމަވެސް ވެރިކަން ހަވާލުކުރި މީހުންވީ ފެއިލް ކަމަށް ރައީސް ވިދާޅުވި އެވެ.

"އާ ވިސްނުންތަކަކާއެކު އާ ބަޔަކަށް އާރޯތާނާ ބަޔަކަށް އާރޯތާނާ ފިކުރަކަށް އަޅުގަނޑުމެން ޖާގަ ދިނީ، އެވީ ފެއިލް، އެވީ ފެއިލް ހަމަ ދުވަސްނުފުރާ ވިހެއީ، އެހެންވީމަ ދެން މީހުންގެ ވިސްނުން އެއަށް ދާންޖެހޭ ސަބަބެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ ފިކުރު ވަނީ ފެއިލްވެފައި ކަމަށާއި ނަތީޖާ ނެރެދެވިފައިނުވާ ކަމަށެވެ. އެހެންކަމުން އަލުން އެ ފިކުރަށް ވެރިކަން ހަވާލުކުރުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް މަދު ދުވަސްކޮޅެއްގައި ރައްޔިތުން އެދޭ އެދުންތައް ހަގީގަތަކަށް ހެދުމަށް މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ސަބަބުން ޕީޕީއެމްގެ ފިކުރަށް ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ. ޕީޕީއެމްގެ ފިކުރަކީ ދިގު ތާރީހެއް އޮތް ފިކުރެއް ކަމަށާއި އެއީ ރައީސް މައުމޫންގެ ވެސް ފިކުރު ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމަ 30 އަހަރުގެ ވިސްނުމާއި ފިކުރަށް އަމާނަތްތެރިކަމާއެކު މަސައްކަތް ކުރާ ފަރިތަ ކައްޕިއަކާއެކު ދިޔުން ނޫން ގޮތެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިހާރު ސަރުކާރުން ދެވޭ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންގެ އުދަނގޫ ފިލާ ކަމަށްވާނަމަ ޕީޕީއެމްގެ ފިކުރު ނޫން އެހެން ފިކުރަކަށް ރައްޔިތުން ތާއީދުކުރާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. މިހާރު ވެސް އެކަން ފެންނަމުންދާ ކަމަށާއި އެހެން ޕާޓީތަކުން މީހުން ޕީޕީއެމްއާ ގުޅެމުން ދިޔުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.

"މިހާރު މިކުރާ މަސައްކަތަކީ އޭރަށްވުރެ ބާރަށް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދެމުން، ރައްޔިތުންނަކީ އަމާން ހަމަޖެހޭ ވެއްޓެއްގައި ދިރިއުޅެވޭ ބަޔަކަށް ހެދުން،" ރައީސް ވިދާޅުވި އެވެ.

މިހާރުގެ ސަރުކާރުގެ އަމާޒަކީ ދިވެހި ރީތި އާދަކާދަތައް ދެމެހެއްޓުން ކަމަށް ރައީސް ވިދާޅުވި އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ހަނގާކޮށް ހަމަނުޖެހުން ހިންގުމަކީ އެމަނިކުފާނު ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.