ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ޕީޕީއެމުން ކައުންސިލްތަކުގެ މެޖޯރިޓީ ނަގަން ރައީސް އެދިވަޑައިގެންފި

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށް ޕީޕީއެމްއަށް ރާއްޖޭގެ ކައުންސިލްތަކުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދައި ދިނުމަށް އެ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ އެދިވަޑައިގެންފި އެވެ.

ޕީޕީއެމް ގިނަ ބަޔަކު ގުޅުމަށް ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގައި ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަސައްކަތްތަކަށް އިދިކޮޅު މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ހުރަސްއަޅާ ކަމަށެވެ. އެހެންކަމުން ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް އޮތުމަކީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއު ހިންގުމަށް ފަސޭހަވެގެން ދާނެ ކަމެއް ކަމަށެވެ.

"ރާއްޖޭގެ ރަށްރަށުގައި ކައުންސިލްތައް މެދުވެރިގެން ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް ފަހިވާނެ ކަންކަން ކުރަން ބޭނުންވާތީ އަޅުގަނޑުމެން ކައުންސިލްތަކުގެ މެޖޯރިޓީ ބޭނުންވަނީ، އެއްގޮތަކަށް ވެސް އެއީ ގޮނޑިއެއް ހޯދުމަށް ކުރާ ކަމެއް ނޫން، ކައުންސިލް އެހެން ބައެއްގެ އަތުގައި އޮތުމުން ރަށްރަށުން ބިން ދޫކުރުމާއި ތަރައްގީ އާއި އިގްތިސޯދީ މަސައްކަތްތައް އެޅިފަ ހުރި ހުރަސްތައް ކޮންމެ މީހަކަށް ވެސް އެނގޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ޕީޕީއެމްގެ ހުރިހާ އާންމު މެންބަރުން އެއް އަޒުމެއްގައި މަސައްކަތްކޮށް، ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ނަގައިދިނުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފަ އެވެ.

މިފަދަ ކާމިޔާބީތައް ހޯދުމަށް ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތައް ނައްތާލަންޖެހޭކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ޕާޓީގެ އެތެރޭގައި ހަމަޖެހުން އޮންނާނީ ޕާޓީގެ އިސް މީހެއް ނުވަތަ އިސް ނޫން މީހެއް ތަފާތު ކުރުމެއް ނެތި އުސޫލުތަކަށް ތަބާވެގެން ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ޕާޓީގެ ތެރޭގައި ހަމެޖެހުން އޮތުން، ޕާޓީ ތެރޭގައި ހަމަޖެހުން އޮންނާނީ ޕާޓީގެ ކުޑައެއް ބޮޑެއް އިސްމީހެއް، އިސް ނޫން މީހަކަށް ނުވިސްނާ އުސޫލަށް ތަބާވާ ޕާޓީއަކަށް އަޅުގަނޑުމެންގެ ޕާޓީވެގެން، އެއީ ޑިމޮކްރަސީގެ އަސާސަކީ ވެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ އަޣުލަބިއްޔަތަށް ތަބާވުން ކަމަށެވެ.