ވިޔަފާރި

ވެލާތައް މިނިވަންކުރި ދިވެހި ޑައިވަރުންނަށް ދުނިޔޭގެ ސަމާލުކަން!

Jan 20, 2017

ލޯންޗް ކައިރި ކުރިއިރު ވެލާތައް މަރަށް ތެޅި ފޮޅެނީ އެވެ. ދަލުގައި ބެދިފައި އޮތް އެއް ވެލާ މަރުވެފައި ވެސް އޮތެވެ. އެހެންވެ އަވަސްވެގަތީ ވެލާތައް ސަލާމަތް ކުރާށެވެ. ބުރަ މަސައްކަތުން ވެލާތައް އޮޅިފައި ތިބި ދާގަނޑު ކޮށާލައި، ވެލާތައް މިނިވަން ކޮށްލީ އެވެ. އަދި އެ މަންޒަރު ވީޑިއޯކޮށް، އިންސްޓަގްރާމްގައި ތަތްކޮށްލި އެވެ. މިއާއެކު، ދުނިޔޭގެ މީޑިޔާތަކުގެ ސަމާލުކަމަށް އެކަން ވަނީ އައިސްފަ އެވެ. ދުނިޔޭގެ ސަމާލުކަން ލިބުނު ކަމަކަށް ވެއްޖެ އެވެ.

"އެނބޫދޫ ފަރުމަތިން ވެލާތައް ފެނުނީ. އޭރު ތިބީ ދަލެއްގައި އޮޅިބެދިފަ. ކުޑަ ވެލައެއް މަރުވެސް ވެފައި އޮތް،" ވެލާތައް ސަލާމަތް ކުރުމުގައި މަސައްކަތްކުރި ރާއްޖޭގެ އެއް ފްރީޑަރު ކަމަށްވާ، މުހައްމަދު ރަޝީދު "އަވަސް" އަށް ބުންޏެވެ.

އިނިގިރޭސިވިލާތުގެ "މެއިލް އޮންލައިން" ގައިވާ ގޮތުން، ދިވެހި ފްރީ ޑައިވަރުންގެ ގްރޫޕަކުން މިނިވަން ކޮށްފައިވަނީ މާހައުލުން އާއްމުކޮށް ރާއްޖޭން ނުފެންނަ، ވެލާގެ ބާވަތެއް ކަމަށްވާ "އޮލިވް ރިޑްލީ" ވެލާ ތަކެވެ. މިކަން ކޮށްފައިވަނީ ރާއްޖޭގެ ފްރީޑައިވް ގްރޫޕެއް ކަމަށްވާ "އަޕޭނާ މޯލްޑިވްސް" އިންނެވެ. މެއިލް އޮންލައިންގައިވާ ގޮތުން މި ވީޑިއޯއިން އެނގިގެން ދަނީ ކަނޑަށް ކުނި އެޅުމުގެ ނުރައްކާތެރި ކަމެވެ.

ވެލާތައް ސަލާމަތް ކުރުމުގައި ހަރަކާތެރިވި އަހުމަދު ބުނީ އެ ވީޑިއޯ އިންސްޓަގްރާމަށް ލުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. އަދި ވަރަށް ގިނަ ބަޔަކު މި ވީޑިއޯ ފެނި "އިމޯޝަނަލް" ވެގެން އުޅުނު ކަމަށް އޭނަ ބުންޏެވެ.

" ހީވަނީ ވެލާތައް އޮޅިފައި ތިބީ މަސް ހިފާ ދަލެއްގައި ހެން އެއީ،" އަހުމަދު ބުންޏެވެ.

ކޮންމެއަކަސް ދިވެހި ފްރީޑައިވަރުންގެ ހިތްވަރުގަދަ މަސައްކަތް ވެގެން ގޮސްފައިވަނީ އެހެން މީހުންނަށް މިސާލަކަށެވެ. ތިމާވެށި، ހާއްސަކޮށް ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެއްޗަށް ލިބޭ ގެއްލުން ސަމާލު ކަމަށް ގެނެސްދިން ކަމަށެވެ.