މިދިޔަ އަހަރު ނިމިގެން ދިޔައިރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ފިލްމެއް ނެތުމުން ހިތާމަ ކުރި މީހުންނަށް މިއީ އުފާވެރި ހަބަރެކެވެ. ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ރިލީޒްކުރާ ފައްތާހުގެ ތަފާތު އަދި އާ ފިލްމު "ހައްދު" ރޭ ވަނީ ލޯންޗުކޮށްފަ އެވެ.
ފައްތާހު ވަނީ ކަމިޔާބު 11 ފިލްމު ބެލުންތެރިންނަށް ދޫކޮށްފަ އެވެ. ބާރަ ވަނަ ފިލްމުވެސް ސަޅިވެފައި ކޮލިޓީވާނެ ކަމަށް ބެލެވެ އެވެ. މި ފިލްމު ފައްތާހު ޕްރޮޑިއުސް ކުރަނީ މަޝްހޫރު ތަރި ނިއުމާ މުހައްމަދު އާ ގުޅިގެންނެވެ. ފިލްމަށް ތަރިން ހޮވީވެސް ދެ ޕްރޮޑިއުސަރުން އެކީ އެވެ.
މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ މަރިޔަމް އައްޒަ އެވެ. އައްޒައަކީ މިހާރު މި އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަ ޖަމުންދާ ތަރި އެވެ. އައްޒަގެ މަގުބޫލުކަން ވަރަށް ބޮޑެވެ. މިއީ އައްޒަ މިހާތަނަށް ކުޅޭ އެންމެ އަގު ބޮޑު ފިލްމެވެ. މި ފިލްމުގައި އައްޒަ އާއެކު އައިމިނަތު ރިޝްފާ ވެސް ފެނިގެންދާނެ އެވެ. ލީޑް އެކްޓަރެއްގެ ގޮތުގައި ފެނިގެންދާނީ މުޅިން އަލަށް ދާއިރާއާ ގުޅޭ ޝިބާން އަހްމަދެވެ. ޝިބާންއާ މެދު ފައްތާހުގެ އުންމީދުތައް ބޮޑެވެ.
ހައްދުގެ ޕޯސްޓަރަށް ބަލާފައި މިއީ ތިނެސްކަން ލޯބީގެ ވާހަކައެކޭ ހީވެދާނެ އެވެ. އެކަމަކު ފައްތާހު ފިލްމު ސިފަކުރާ ގޮތް ތަފާތެވެ. ފައްތާހު ބުނަނީ މިއީ ވަކި ހައްދެއް ނުވަތަ ލިމިޓެއްގެ ތެރޭގައި އުޅެން ޖެހުމުން ދިމާވާ މައްސަލަތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށެވެ. އަންނަ މަހު ފިލްމު ޝޫޓުކުރަން ފަށާއިރު ފިލްމު ޝޫޓު ކުރާނީ މާލެ އާއި، ހއ. ކެލާ އަދި ރ. ވާދޫގަ އެވެ. ލަވަތައް ނަގާނީ ރާއްޖޭގެ އެކިއެކި ހިތްގައިމު ހިސާބުތަކުގަ އެވެ. "ހައްދު" ގައި ތީމް ލަވަޔާއެކު ފަސް ލަވަ ހިމެނޭނެ ކަމަށް ފައްތާހު ބުންޏެވެ. ފައްތާހުގެ ފިލްމުތަކާއި ޑްރާމާތަކުން މީގެކުރިން ވެސް އޭނާގެ އުފަން ރަށް ކެލާގެ ހިތްގައިމު މަންޒަރުތައް ފެނިގެން ގޮސްފައިވެ އެވެ.
މި ފިލްމުގެ ލިރިކްސް ހަދާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އެވެ. ފިލްމުގެ ޕްރޮމޯޝަނަލް ލަވަ ފިޔަވާ ހުރިހާ ލަވައެއް ވެސް ކިޔާފައިވަނީ ތޭރަވާ އަދި އަންހެނުން މަރިޔަމް އަޝްފާ އެވެ. ޕްރޮމޯޝަނަލް ލަވަ ކިޔާފައިވަނީ އަހްމަދު ޔާފިއު އެވެ. ފިލްމަށް ފަސް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ފައްތާހު ލަފާކުރެ އެވެ.
އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ފައްތާހުގެ ފިލްމެއް އައިސްފައިވަނީ 2014 ވަނަ އަހަރު އެވެ.