އޮފްބީޓް

101 އަހަރު: ސިއްރަކީ ޑާކް ޗޮކްލެޓް!

Jan 20, 2017

ކާ އެއްޗެއްސަކީ ސިއްހަތު ދުޅަހެޔޮކޮށްދޭ، އަދި ހަލާކު ވެސް ކޮށްލާ އެއްޗެކެވެ. ކާން ބޭނުން ކުރާ އެއްޗަކުން ތިމާ ބަލިތަކުން ސަލާމަތް ވެސް ވެދާނެ އެވެ. ބަލިތަކާ ކައިރިއަށް ވެސް ގެންގޮސްފާނެ އެވެ. އެހެންކަމުން ސިއްހަތު ރަނގަޅު ހަށިގަނޑަށް ފައިދާ ހުރި އެއްޗެހި ކެއުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.

ހަށިގަނޑަށް އެންމެ ފައިދާ ވަނީ ފެހިކަން ގަދަ ތަރުކާރީ އާއި މޭވާ ކައިގެން ކަމަށް ސައިންސްވެރިން ބުނާއިރު ޗޮކްލެޓުގެ ބާވަތްތަކުން ގެއްލުމާއި ފައިދާވާ ކަމަށް ވެސް ބުނެ އެވެ. ނަމަވެސް އިންޑިއާނާއަށް ނިސްބަތްވާ އިއުނީސް މޮޑެލިންގެ ދިގު އުމުރުގެ ސިއްރަކީ ޗޮކްލެޓެވެ. ޑާކް ޗޮކްލެޓެވެ. އެއީ އޭނާ ބުނާ ވާހަކައެކެވެ. އޭނާއަށް މިހާރު 101 އަހަރެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ވެސް އޭނާގެ ދިގު އުމުރުގެ ސިއްރަކީ ކެއުމަށް އޭނާ ދޭ ސަމާލުކަމެވެ. އޭނާގެ ދިގު އުމުރުގެ ސިއްރަކީ ޑާކް ޗޮކްލެޓް ކަމަށް އޭނާ ބުނެ އެވެ. ކޮންމެ ދުވަހަކު ދެ ޑާކް ޗޮކްލެޓް ކާލަ އެވެ.

ކެއުމަށް ސަމާލުކަން ދޭ މޮޑެލިންގެ ދިގު ހަޔާތުގައި އެންމެ ފަހަރަކު ވެސް ސިނގިރޭޓެއް ބޮއެފައެއް ނުވެ އެވެ. ހަމައެހެންމެ ރާ ފުޅިއެއްގައި ވެސް އޭނާ އަތް ވެސް ނުލަ އެވެ.

މޮޑެލިން ބުނި ގޮތުގައި، ނިދުމަކީ ވެސް އޭނާގެ ދިގު އުމުރުގެ ސިއްރެކެވެ. ކޮންމެ ދުވަހަކު ވެސް ވަކި ވަގުތަކަށް އޭނާ ނިދަ އެވެ.