ދިވެހި ސިނަމާ

ފައްތާހު ބޭނުމީ ރީތި ހަށިގަނޑެއް ހުންނަ އެކްޓަރުން!

އާ ތަރިން ފިލްމީ ދާއިރާއަށް ނެރޭ އެއް ޕްރޮޑިއުސަރު ނުވަތަ ޑައިރެކްޓަރަކަށް އަބްދުލް ފައްތާހު ވާނެ އެވެ. ފައްތާހުގެ ފިލްމު ތަކުގައި އާ ތަރިން ލީޑް ރޯލަށް ލާ "ރިސްކު" ނަގާފައިވެ އެވެ. މިހާތަނަށް އެއިން އެއްވެސް ފިލްމެއް ފްލޮޕަކަށް ވެސް ނުވި އެވެ. ހުރިހާ ފިލްމެއްވެސް އޮތީ އޯޑިއެންސަށް ކަމުގޮސް ލޯބި ލިބިފަ އެވެ. ފައްތާހުގެ 12 ވަނަ ފިލްމު "ހައްދު" ގައި ވެސް މުޅިން އާ ތަރިއެއް ނެރޭނެ އެވެ.

ޝިބާން އަހްމަދު ލީޑު ރޯލަށް ނަގާފައިވަނީ ފިލްމުގެ ދެވަނަ ޕްރޮޑިއުސަރު ނިއުމާ މުހައްމަދަށް ވެސް ކަމުގޮސްގެންނެވެ. ފިލްމުގެ މަންޒަރުތައް ޝިބާން ކުޅެން ފަށަން ނުކުންނަނީ "އެކްޓިން ޕްރޮގްރާމް" ތަކެއް ފުރިހަމަކޮށްފަ އެވެ. ތަރިން ހޮވީ ފިލްމުގެ ކެރެކްޓާތައް އެންމެ ރަނގަޅަށް ދެއްކޭނެ ނުވަތަ ޕޯޓްރައި ކުރެވޭނެ ތަރިންނަށް ބަލާފަ އެވެ. ލީޑް އެކްޓްރެސް އިން ފެނިގެންދާ މަރިޔަމް އައްޒަ އަކީ އެ ރޯލަށް އެންމެ އެކަށީގެންވާ ތަރި ކަމާމެދު ޕްރޮޑިއުސަރުން ޝައްކެއް ނުކުރެ އެވެ. އައްޒަގެ ކުޅަދާނަ ހުނަރު ހަމައެކަނި "4426" ގައި ވެސް ރަނގަޅަށްވަނީ ދައްކާލާފަ އެވެ.

ބެލުންތެރިން އެންމެ ބޮޑު ސުވާލެއް އުފައްދާނީ ޝިބާން އާ ހިސާބުންކަން ޔަގީނެވެ. އެކަމަކު ފައްތާހުގެ ކުރީގެ ފިލްމުތަކަށް ބަލާފައި މާބޮޑަށް ޝައްކު ކުރާނެ ޖާގައެއް ނެތެވެ. ފައްތާހު ބުނާ ގޮތުގައި 100 ޕަސަންޓު ޕާފޯމަންސް ޝިބާންގެ ކިބައިން ފެންނާނެ އެވެ.

"ހަމަ ޔަގީނުންވެސް 100 ޕަަންޓް ޕާފޯމަންސް ފެނިގެންދާނެ. ބެލުންތެރިންނަށް ކަމުދާ ވަރަށް އޭނަގެ ޕާފޯމަންސް ފެންނާނެ. އޭނައަށް އިތުރަށް ޓްރޭނިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ. ޓްރެއިނިން އަށްފަހު އޭނަ ޝޫޓަށް ނުކުންނާނީ" ފައްތާހު ބުންޏެވެ.

ޝިބާނަށް ފައްތާހު ފުރުސަތު ދިނީ ހަމައެކަނި އޭނާގެ ހުނަރަށް ބަލައިގެނެއް ނޫނެވެ. މޮޑެލިންގެ ދާއިރާގައިވެސް ހަރަކާތްތެރިވާ ޝިބާންގެ ހަށިގަނޑުގެ ވެސް ސަބަބުންނެވެ.

"އަޅުގަނޑުމެން ޝިބާން ޗޫޒް ކުރީ، އަސްލު މިހާރު އެބަޖެހޭދޯ ފިރިހެން ތަރިންވެސް ޝޭޕް އަކާއި ފިގާއަކާއި މިހުރިހާ އެއްޗެހި ހުންނަން. އެއީ ބޮލީވުޑް ހޮލީވުޑް ތަންތާގައި ލީޑް އެކްޓަރުންނަކީ ސަޅި މީހުން. ހުސް. ހަމައެކަނި ރާއްޖޭގައި މިބައި މަދުވެގެން މިއުޅެނީ. ރާއްޖޭގައި ވެސް އަންހެން ތަރިން ވަރަށް ސަޅި ތަރިން އެބަތިބި. އެކަމަކު ފިރިހެން ތަރިން އަޅުގަނޑު ބުނާނީ ވަރަށް މަދޭ. އެކަމަށް ނީޑް އިމްޕްރޫވްމަންޓް" ފައްތާހު ބުންޏެވެ.

ފައްތާހުގެ މި ފުރުސަތާއެކު ޝިބާން ވެސް ހުރީ ފިލްމީ ދާއިރާގައި ފިޔަ ޖަހައިގަންނަން ތައްޔާރަށެވެ. ފައްތާހުގެ އެދުމާއެކު އޭނާ ނުކުތީ ފިލްމީ ދާއިރާއަށް ބަދަލެއް ގެންނަން ބޭނުންވާތީއާ ވެސް އެކުގަ އެވެ. ފުރުސަތުތައް ލިބޭ ވަރަކުން ދާއިރާއިން ކުރިއަށްދާން ޝިބާން ތައްޔާރެވެ.

"އެންމެ ފުރަތަމަ ފައްތާހު އެޕްރޯޗް ކުރީ އަޅުގަނޑަށް. ރަނގަޅު ފިޒީކް އެއް އިންނާތީ. ހޮލީވުޑް ބޮލީވުޑް ތަންތާގައިވެސް އަލަށް ނުކުންނަ ކުދިންގެ ހުރޭ ރަނގަޅު ފިޒީކްއެއް. އަޅުގަނޑަށް ގަބޫލު ކުރެވުނީ މި އިންޑަސްޓްރީއަށް ޗޭންޖެއް ގެންނަން ޖެހޭކަން. ދެން ސްޓޯރީއާ ކޮންސެޕްޓާ އެއްޗެހި ބަލާފައި ކަމުދާތީ ނިންމީ ކުޅެން. ވަރަށް އެކްސައިޓިން ހަމަ،" ޝިބާން ބުންޏެވެ.

މި ފިލްމުގައި ޝިބާން އަދި އައްޒަ އާއެކު އައިމިނަތު ރިޝްފާ ވެސް ފެނިގެންދާނެ އެވެ. މި ފިލްމަކީ ވަކި ލިމިޓެއްގެ ތެރޭގައި ދިރިއުޅެން ޖެހުމުން ދިމާވާ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. "ހައްދު" ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަވަަނަ ދުވަހު އެވެ.