މީރު އައިލެންޑް

މީރުފެންފުށިން މޫދަށް ދިޔަ ދެ ޓޫރިސްޓަކު ގެއްލިގެން ހޯދަނީ

Jan 20, 2017

މާލެ އަތޮޅު މީރު ފެންފުށީ ކައިރިން މޫދަށް އެރުނު ދެ ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައި ވަނީ ރޭ 11:30 ގައި ކަމަށާއި ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ޑައިވަރުންނާއެކު ނުކުމެ އެ ފަތުރުވެރިން ހޯދުމުގެ މަސައްކަތް އޭރުންސުރެ ފަށާފައިވާ ކަމަށެވެ. އެ ދެމީހުންގެ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑްގެ ފްލީޓަށް އަލަށް އިތުރު ކުރި "ފާމުލަދޭރި" ބައިވެރިވެ އެވެ.

އެ މީހުން ހޯދުމުގެ މަސައްކަތުގައި މީރު ފެންފުށި ރިސޯޓްގެ ތިން ލޯންޗަކާއި ދޯންނެއް ވެސް ނުކުމެ ދަނީ ބަލަމުންދާއިރު ދިއްފުށިން ވެސް ފަތުވެރިން ހޯދަންވަނީ ނުކުމެފައެވެ.

ގެއްލިފައި ވަނީ މީރު ފެންފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި 30 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އެ ދެމީހުން ގެއްލިފައިވާއިރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން އަންނަ ޓޫރިސްޓުން ގެނބިގެންނާއި ސްނޯކަލް އާއި ޑައިވް ކުރުމުގެތެރޭގައި އެކި ހާދިސާތައް ދިމާވެގެން މަރުވުން ވަނީ އިތުރުވެފައެވެ.