ހަބަރު

އިއްތިހާދު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އިތުރު ކުރަނީ

ޔްނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭސީ)ގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން ކަމަށްވާ އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އިއްތިހާދު އެއާވޭސް އިން ހުކުރު ދުވަހު ބުނީ ހޫނު މޫސުމުގައި އެ އެއާލައިނުން މިހާރު ހަފުތާއަކު ރާއްޖެއަށް ދަރުކުރާ މިންވަރަށް ވުރެ ހަތަރު ދަތުރު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ބަދަލާއެކު އެ އެއާލައިނުން ރާއްޖެއަށް ކުރާނީ ހަފުތާއަކު 11 ދަތުރެވެ. ދަތުރުތައް އިތުރު ކުރާނީ ޖުލައިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. އެގޮތަށް ހަމަޖެއްސުމުން ހޫނުމޫސުގައި ރާއްޖެއަށް ދަތުރު ކުރުމަށް އޮންނަ ޑިމާންޑާ އެއްވަރަށް ހިދުމަތް ދެވޭނެ ކަމަށް އެއާލާއިނުން ބުންޏެވެ.

އަބޫދާބީގައި މަރުކަޒުކޮށްފައިވާ އިއްތިހާދު އެއާވޭސް އިން މިކަން ހާމަކޮށްފައި މިވަނީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ ފަސް އަހަރު ފުރިފައި ވަނިކޮށެވެ.

ހޫނު މޫސުމުގައި ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް އިއްތިހާދު އެއާވޭސް އިން ބޭނުން ކުރާނީ އެއާ ބަސް އޭ 320 މަރުކާގެ ދެ މަތިންދާ ބޯޓެވެ. ކޮންމެ ބޯޓެއްގައި ބިޒްނަސް ކްލާސްގެ 16 ސީޓާއި އިކޮނޮމީ ކްލާހުގެ 120 ސީޓެވެ.

އިއްތިހާދު އެއާވޭސް އިން ރާއްޖެއާ އަބޫދާބީއާ ދެމެދު މިދިޔަ ފަސް އަހަރު ކުރި ދަތުރުތަކުގައި 450000 އަށް ވުރެ ގިނަ ޕެސެންޖަރުން އުފުލާފައި ވެއެވެ. އޭގެ ތެރެއިން ގިނަ މީހުން ދަތުރުކޮށްފައި ވަނީ އަބޫދާބީން ރާއްޖެއަށެވެ. -- ގަލްފް ނިއުސް