މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން އަކަށް މަޝްހޫރު ފިލްމް ތަރި، އަދި އެންސީއޭގެ އެގްޒެކެޓިވް ކޯޑިނޭޓާ، އަބްދުﷲ މުއާޒު (މުއާ) ހަމަޖައްސައިފި އެވެ. މުއާ ވަނީ "އަވަސް"އަށް އެކަން ކަށަވަރުކޮށްދީފަ އެވެ.
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއާ ޕާސަންގެ މަގާމް ހުސްވެފައި ވަނިކޮށް އެ މަގާމަށް ކުރިމަތިލާފައި ވަނީ މުއާ އަދި ކާމިޔާބު ފިލްމްތަކެއް ޑައިރެކްޓްކޮށްފައިވާ، ފާތިމަތު ނަހުލާ އެވެ.
މުއާ ވިދާޅުވީ ފިލް އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން ކަން އޭނާއަށް ކަށަވަރުވީ، އެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ކެންޑިޑެންސީގައި މައްސަލަތަކެއް އުޅޭތީ ހޯމް މިނިސްޓްރީގައި އެ މައްސަލަ އޮއްވައި، ނަހުލާ އަމިއްލައަށް އެ މަގާމަށް ކުރިމަތި ނުލާން ނިންމަވާ ނަން އަނބުރާ ނެންގެވުމުން ކަމަށެވެ. އެ މަގާމާ ރަސްމީ ގޮތުން މިއަދު ހަވާލުވެފައިވާ ކަމަށް މުއާ ވިދާޅުވި އެވެ.
މުނިފޫހިފިލުވުމާއި އާޓްސްގެ ދާއިރާގެ ގިނަ ކަންކަން ބަލަހައްޓައި އެންސީއޭ ހިންގުމުގައި މުއާ މިހާރުވެސް އިސްދައުރެއް އަދާ ކުރައްވަ އެވެ. އަދި ގައުމީ ފިލްމް އެވޯޑް ކާމިޔާބު ކަމާ އެކު ބޭއްވުމުގައި މުއާގެ ދައުރު މިފަހުން ވަރަށް ވެސް ބޮޑެވެ. އެންސީއޭ މެދުވެރިކޮށް ފިލްމީ ދާއިރާ އާއި އާޓިސްޓުން ކުރިއެރުވުމަށް މުއާ ގެންދަވަނީ ގިނަ މަސައްކަތްތަކެއް ރާއްވައި ހިންގަވަމުންނެވެ.