ވާހަކަ

މުޅިޖާންހިތާ

(19 ޖެނުއަރީ 2017 އާ ގުޅޭ)

އިށީނދެގެން އިން ޖޯލިން ލިޒީ ތެދުވިއެވެ. އޭނާގެ ބަސްތަކުން ނިޔާނުގެ ހިތަށް އަސަރުކުރީ ކީއްވެކަމެއް ޚުދު އޭނާއަކަށް ނޭނގުނެވެ. ލިޒީ ދެއްކި ވާހަކަތައް ނިޔާނަށް ޤަބޫލުކުރެވެއެވެ. އޭނާއަށް އެ ސުވާލުތަކަށް ދޭނޭ ޖަވާބެއް އެވަގުތަކު ނެތެވެ. އައިރާއާ މެދު އޭނާ ޝައުގުވެރި އެވަނީ ކީއްވެބާއޭ އަމިއްލަ ޟަމިރާ ނިޔާނު ސުވާލުކޮށްލިއެވެ.

"ހުރިހާ އިންސާނުން އެއްގޮތެއްނުވާނެ... އަދިވެސް އެހެންމީހުންނާ މެދު ވިސްނާ ފިކުރުކުރާ މީހުން އެބައުޅޭ... އަހަންނަކީ ވެސް އެފަދަ މީހެއް... މިވަގުތު ލިޒީގެ ތި ސުވާލުތަކަށް ދޭނޭ ޖަވާބެއް އަހަރެންގެ އަތުގައި ނެތް... އެހެންނަމަވެސް އަހަރެން ސުވާލުކުރީ އައިރާއާ މެދު ކަންބޮޑުވާތީ..." އިސްޖަހާލައިގެން ހުރެ ނިޔާނު ބުންޏެވެ. އަދި ލިޒީގެ ފަރާތުން ވަކި ޖަވާބެއް ނައުމުން ނިޔާނު އެތަނުން ދިއުމަށް ހިނގައިގަތެވެ.

ދެތިން ދުވަހުގެ ތެރޭގައި ޝަމްއާނުގެ ނޭފަތްމަތި ރަނގަޅުވެއްޖެއެވެ. ލިބިފައި ހުރި ޒަޚަމުތަކާ މެދު ހިޝްމާ ސުވާލުކުރުމުން ޝަމްއާނު ބުނެފައިވަނީ އޭނާ ނިދާފައި އޮއްވާ އެނދުން ވެއްޓުނީ ކަމުގައެވެ. ލޯބިވާ ފިރިހެން ދަރިފުޅު ޢަމަލުތަކާމެދު އެއްވެސް ފަރުވާލެއްނެތް ހިޝްމާ ނިކަން ފަސޭހައިން އޭނާ ހެދި ދޮގު ޤަބޫލުކުރިއެވެ. ލޯގަނޑު ކުރިމަތީ ޓީޝާޓަށް ދެއަތް މަހާލައިގެން ޝަމްއާނު ހުރިއިރު އޭނާ ބަލަމުން ދިޔައީ ލޯގަނޑުން ފެންނަމުން ދިޔަ އޭނާގެ އަރިކަށްޓަށެވެ. ދިގު ރޮނގޮއްހެން ލާފައި ހުރި ލަކުނަށް ބަލަން ހުރިއިރު އޭނާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވޭވޭ ހުއްޓެވެ.

"ބޭނުންވި ކަންތައްކޮށްފައިނޫނީ ހުއްޓައެއްނުލާނަން... އަހަންނަށް ވެސް އަނިޔާވެރިވާން އެނގޭ..." ހިމަކޮށްލައިގެން ހުރި ލޮލުން ލޯގަނޑަށް ޝަމްއާނު ބަލަމުން ވާހަކަދެއްކިއިރު ހީވީ އޭގެ އަނެއްފަރާތުގައި ހުރި މީހަކާ މުޚާޠިބުކުރިހެނެވެ.

އައިރާއަށް ދިމާވި ހާދިސާއަށްފަހު ކޮންމެ ދުވަހަކު ހެނދުނު އޮފީހަށް ދާން އައިރާ ނުކުންނައިރު ލިޒީމެންގޭ ޖޯލިފަތީގައި ނިޔާނު އޮންނަތަން އައިރާއަށް ފެންނަން ފެށިއެވެ. ބޭއިޚްތިޔާރުގައި އެ ދިމާއަށް އައިރާއަށް ބަލާލެވެނީ ކީއްވެކަމެއްނޭނގެއެވެ. އެއިން ކޮންމެ ފަހަރަކު ނިޔާނު އޭނާއަށް ލުއި ހިނިތުންވުމެއް ހަދިޔާކުރެއެވެ. ނަމަވެސް ކޮންމެ ފަހަރަކު އައިރާއަށް ލަދުވެތިކަމާއި ހާސްކަމެއްގެ ތެރެއިން އިސްޖަހާލެވެނީއެވެ. އަދި ދެފަޔަށް ބާރުލާފައި ހަލުވިކަމާއެކު ނިޔާނުގެ ނަޒަރުތަކުން ސަލާމަތްވުމަށް ތެޅިފޮޅެގަނެވެނީއެވެ. އައިރާ ޤަބޫލުކުރާން ބޭނުންނުވާކަމީ އޭނާގެ ދެ ލޯ ނިޔާނަށް ހޭނެމުން އައިކަމެވެ. އޮފީހަށްދާން ގެއިން ނުކުންނަން އަންނައިރު ވެސް އައިރާގެ ހިތުގައި މިއަދު ނިޔާނު ޖޯލީގައި އޮންނާނެތޯ ސުވާލުކުރެވެން ފެށުމެވެ. ދޮރުން ނުކުމެވުމާއެކު ފަޅި ސިކުންތަކަށްވިޔަސް ނިޔާނާ ދިމާއަށް ބަލާނުލާ އައިރާއަށް ނުހުރެވެއެވެ.

"ކޮންޚިޔާލެއްގައި..." ބަސްމަދުވެފައި އެއްދިމާއަކަށް ނަޒަރު ހުއްޓާލި ގޮތަށް އައިރާ ހުންނަން ފެށުމުން ލިޒީ އަހާލިއެވެ. ހަވީރުގެ ވަގުތަށްވެފައި މަގުމަތީ މީހުން ވެސް ގިނައެވެ. ފާރުބުރީގައި އައިރާ ލެނގިލައިގެން ހުރިއިރު ޖޭމުގަހުން ދޮންވެފައި ހުރި ޖޭމު ލިޒީ ބިނދެފައި އަޅަމުންދިޔައީ އައިރާގެ އަތުގައި އޮތް ޓިޝޫކޮޅަކަށެވެ.

"ލިޒީ... އަހަރެންގެ ކަމުދާ ސިފައެއް އެބަހުރިތަ؟"

"ޔޭ ކެއިސާ ސަވާލު ހޭ..." އައިރާގެ ސުވާލުން ހުއްޓުން އެރި ލިޒީ އުނަގަނޑުގައި ދެއަތްވިއްދާލާފައި މޫނަށް ގޮތެއް ހަދާލަމުން ހިންދީ ބަހުން ވާހަކަދެއްކިއެވެ.

"ސީރިއަސްކޮށޭ... ލިޒީ ތީ ފިރިހެންކުއްޖަނަމަ އަހަރެން ކަހަލަ އަންހެންކުއްޖަކު ކަމުދާނެތަ... ނޫނީ ލިޒީ ކަހަލަ ކުއްޖެއްތަ ކަމުދާނީ..." އައިރާ ވާހަކަދެއްކީ ޖެހިލުންވެފައި ހުރެއެވެ.

"އައިރާއަށް ކިހިނެއްތަވީ؟ އަހަރެން މީ ފިރިހެންކުއްޖެއްނޫން... އަހަންނަކަށް ނޭނގެ ފިރިހެންކުދީން ހިތަށް އަރުވާނީ ކޮންކަހަލަ އެއްޗިއްސެއްކަމެއް... އެހެންވިޔަސް އައިރާއަކީ އަހަރެންގެ ބެސްޓްފްރެންޑް... އެންޑް ސީއިޒް ޕާފެކްޓް އިން މައި އައިސް" ލިޒީ ހީނލަމުން އައިރާގެ ކޮލުގައި ދެ ފަރާތުން ހިފާލިއެވެ. އެއާއެކު އައިރާ ވެސް އޭނާގެ ސުވާލުތައް ހިތުގައި ފޮރުވާލީއެވެ. ލިޒީއަށް ޖަވާބު ނުދެވޭނެކަން އެނގޭތީއެވެ.

ދެ ކުދީން ޖޭމު ގަސްދޮށުގައި ތިއްބާ ނިޔާނު ނުކުތެވެ. އެހެންނަމަވެސް އޭނާ ދޮރުކަނީގައި ކޮނޑު ޖައްސާލައިގެން ލައިގެން ހުރި ޖިންސުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން މަޑުކޮށްލިއެވެ. އޭނާ ފެނި އައިރާގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅިގަތެވެ.

"ހާއި ނިޔާން... ޖޭމު ކާނަންތަ؟" ލިޒީއަށް ނިޔާނު ފެނުމާއެކު އޭނާއަށް ގޮވާލުމާއެކު އަހާލިއެވެ.

"އަހަރެން ކާނަން..." ކުއްލިއަކަށް ގޭތެރެއިން ނިޔާނުގެ ކައިރިން އަޅާފައި ނުކުންތަން ފެނުނީ ޖުވައިންއެވެ.

"މަޑުކުރޭ... ދޮވެފައި ދޭނަން..." ލިޒީ ބުނެލިއެވެ.

ލިޒީ ދޭތެރެއަކުން ބުނެލާ އެއްވެސް ވާހަކައެއް އައިރާއަކަށް ސާފެއްނުވިއެވެ. ޖޯލިފަތީގައި ޖުވައިން ޖައްސާލައިގެން އޮތްއިރު އޭނާއަށް ވުރެ އައިރާގެ ލޮލުގައި އަޅައިގެންފައި ވަނީ ދޮރުކަނީގައި ލެނގިލައިގެން ހުރި ނިޔާނެވެ. ވިލުފެހިކުލައަކަށްދާ ޓީޝާޓާއި ގަދަނޫކުލައިގެ ޖިންސުގައި ނިޔާނު ފެންނަނީ އާދަޔާ ޚިލާފަށް ޒުވާންކޮށެވެ. މައްޗަށް ފުނާއަޅާލާފައިވާއިރު އޭނާގެ ތަނަވަސް ނިތްކުރި މައްޗަށް ދެތިން އިސްތަށިކޮޅެއް ވެއްޓިފައި ހުއްޓެވެ. ދޭތެރެއަކުން އައިރާއާ ހަތަރުކަޅި ބައްދަލުވާ ހިނދު ތުންފަތަށް ގެންނަ ހިނިތުންވުމުން ހިތް ތޮރުފާލާ ފަދަ އަސަރެއް އެކުލެވިފައިވިއެވެ.

ލިޒީގެ ވާހަކަތަކަށް ސަމާލުކަމެއް ނުލިބޭހެން ހީވެ އޭނާ އެކުވެރިޔާއަށް ބަލާލިއެވެ. އެވަގުތު އައިރާއާއި ނިޔާނުގެ ނަޒަރު ބައްދަލުވުމާއެކު ދެ މީހުން އެކަކު އަނެކަކަށް ބަދަލުކޮށްލި ހިނިތުންވުން ލިޒީއަށް ހައިރާންކަން ގެނުވިއެވެ. ކުއްލިއަކަށް ލިޒީގެ ސިކުނޑި މަސައްކަތްކުރަންފެށިއެވެ. އައިރާއާއި ނިޔާނަށް ލިޒީގެ ސަމާލުކަން ހުއްޓާލެވުނެވެ.

"ޕިޔާރުކީ ޗައްކަރު... އައިރާ.... އާ ޔޫ އިން ލަވް..." ހިތާ ހިތުން ލިޒީ ބުނެލީ ޤަބޫލުކުރަން ދަތިވެފައި ހުރެއެވެ. އަދި އަމިއްލައަށް ހިނިތުންވެލެވުނީ އެކުވެރިޔާއަށް ގޯނާއެއް ކޮށްލަން ހިތަށް އެރުމުންނެވެ.

ލައިގެން ހުރި ޖިންސުގެ ފަހަތު ޖީބަށް ކޮށްޕާލާފައި އޮތް ފޯނު ނަގާ ޖުވައިންގެ ނަންބަރަށް ލިޒީ މެސެޖުކޮށްލިއެވެ. އެއާއެކު ފޯނާ ކުޅެން އިން ޖުވައިންގެ ސަމާލުކަން ލިޒީއަށް ލިބިއްޖެއެވެ. އަދި ކައިރީގައި ހުރި ނިޔާނަށް ޖުވައިން ބަލާލިއެވެ. ލާނެތް ހިންޏެއް އައުމާއެކު ލިޒީއަށް ބަލާލަމުން ޖުވައިން އެއްލޯ މަރާލިއެވެ. ފޯނު ހިފަހައްޓާލައިގެން ހުރި ލިޒީ ޔޫޓިއުބް ހުޅުވާލުމާއެކު ހިންދީ ލަވައެއް ހޯދާލިއެވެ. އަދި ފޯނުގެ އަޑު ބާރުކޮށްލުމާއެކު ލަވަ ޕްލޭކޮށްލިއެވެ.

"އޭސޭނަ މުޖޭ ތުމް ދޭ ކޯ... ސީނޭސެ ލަނގާލޫނގާ..." ހިންދީ ލަވައިގެ އަޑު މާޙައުލަށް ފެތުރިގެންދިއުމާއެކު އައިރާއާއި ނިޔާނަށް ވެސް ބަލާލެވުނީ ލިޒީއާ ދިމާއަށެވެ. އެއާއެކު ލިޒީ ޖުވައިންއަށް ބަލާލުމާއެކު ލަވައިގެ އަޑު ދަށުން ކިޔަންފެށިއެވެ. އައިރާއާއި ނިޔާނަށް ރެއަކާލީ ދެނެވެ. ޖުވައިންއާއި ލިޒީއާ ދެމީހުން އެ ދިމާކުރަނީ އެ ދެމީހުންނާކަން އެނގުމުން އައިރާ އަވަސް އަވަހަށް އަތުގައި އޮތް ޓިޝޫކޮޅު ޖޭމުތަކާއެކު ހިފައިގެން އެތެރެއަށް ވަންނަން ދިޔައެވެ. އެހިނދު ޖޯލީގައި އޮވެފައި ކުއްލިއަކަށް އައިރާގެ އަތުގައި ޖުވައިން ހިފަމުން ލަވަކިޔާލިއެވެ. އެތަން ބަލަން ހުރި ނިޔާނު ގެނައި ކުއްލި ހަރަކާތާއެކު ޖުވައިންގެ އަތުގައި ޖަހާ އައިރާގެ އަތުން އޭނާގެ އަތް ފޮޅުވާލިއެވެ. ނިޔާނު އެހެން ހެދުމުން އައިރާ ލަދުގަތްވަރު ފެނިގެންދިޔައީ އޭނާގެ މޫނަށް ޖަމާވަމުންދިޔަ ލޭގެ ސަބަބުން ފާޅުވެގެންދިޔަ ޖަންބުކުލައިންނެވެ. އައިރާ ދުވެފައި ގޭތެރެއަށް ވަދެގެން ދިޔައެވެ. ލިޒީއާއި ޖުވައިން އެއްފަހަރާ ހޭންފެށިއެވެ. ނިޔާނު ހުރީ ބުނާނެ އެއްޗެއް ނޭނގި ރަކިވެފައި ހުރި ހެންނެވެ.

"އައި ފައިނަލީ ފައުންޑް ސަމްވަން، ހޫ ނޮކްސް މީ އޯފް މައި ފީޓް... އައި ފައިނަލީ ފައުންޑް ދަ ވަން ހޫ މޭކްސް މީ ފީލް ކޮމްޕްލީޓް..." ޖޯލިން ތެދުވިގޮތަށް ނިޔާނުގެ ކަނދުރާގައި ކަނާތް އަޅުވާލުމާއެކު ފަޒާގެ ތެރެއަށް ވައަތް ދަމާލައިގެން ހުރެ ޖުވައިން އިނގިރޭސި ލަވައެއް ކިޔަންފެށިއެވެ. މަގުމަތިން ދާ ބަޔަކަށް އޭނާގެ ކުޑަ ވެސް ސަމާލުކަމެއްނެތެވެ. ލިޒީ ހީނހީނ ހުއްޓެވެ.

"ޖުވައިން..." ޖުވައިންގެ އަތް ކަނދުރާއާ ދިމާލުން ނެގުމާއެކު ނިޔާނު އޭނާ ކޮށްޕާލިއެވެ. އަދި ދެފަރާތަށް ބޯހޫރަމުން ނިޔާނު ގޭގެ ބިއްދޮށަށް ދާން ހުރި ހިމަ ގޯޅިގަނޑުގާ ދިމާއަށް ދިޔައެވެ. އެކުވެރިންގެ ދިމާކުރުމުން ސަލާމަތްވުމަށެވެ. ގޯޅިގަނޑު ތެރެއަށް ވަދެވި ލިޒީއާއި ޖުވެއިންގެ ނަޒަރުން ސަލާމަތްވެވިއްޖެކަން އެނގުމުން ނިޔާނަށް ފާރުގައި ލެނގިލުމާއެކު ފުންނޭވާއެއް ލިއެވެ. އަދި އޭނާއަށް އައިރާ ފެނުމުން ކުރެވޭ އިހުސާސްތަކާ މެދު ވިސްނުން ހިންގާލެވުނެވެ.

"ކޮންއިރަކުން ބާބެކިޔު..." ޖޯލީގައި އިށީންނަމުން ޖުވައިން އަހާލިއެވެ.

"މާދަން ނޫން އަނެއް ދުވަހުއެއްނު... ގުރޫޕުގަނޑު ހަމަވާނީ އޭރުން..." ލިޒީ ބުންޏެވެ.

"އައިރާ ދާނެތަ؟" ޖުވައިން އަހާލިއެވެ.

"ނޭނގެ... ގެންދަން ވަރަށް މަސައްކަތްކުރާނަން..." ލިޒީގެ މޫނުމަތިން ސީރިއަސްކަން ފާޅުވެގެންދިޔައެވެ.

"ލިޒީ... އެއްޗެއް ހީނުކުރައްޗޭ... އަހަންނަށް ދުވަސްކޮޅެއްވެއްޖެ ނިޔާނު ކަމަކާ ވިސްނާހެން ހީވާތާ... އަހަންނަށް ހީވަނީ ނިޔާނަށް ލިޒީގެ ބެސްޓްފްރެންޑް ވަރަށް ކަމުގޮސްފިހެން... އެ ދެމީހުން ގުޅުމަކީ ރަނގަޅުކަމެއްކަމުގައި ލިޒީއަށް ފެނޭތަ؟" ޖުވައިންގެ އަޑު ކުއްލިއަކަށް މަޑުކޮށްލުމާއެކު އަހާލިއެވެ.

"ދެ މީހުން އެކަކު އަނެކަކުދެކެ ވަނީ ތެދުވެރިލޯބިކަމުގައިވަންޏާ ދެ މީހުން ގުޅުމަކުން މައްސަލައެއްނެތް... އަހަރެން ވޮރީ އެންމެ ކަމަކާ... ޖުވައިންއާއި ނިޔާނަކީ މާލެ އިން އައިސް ތިބި ބައެއް... މިކޮޅުގެ މަސައްކަތް ނިމުނީމަ ތި މީހުން އެނބުރި ދާނީ މާލެއަށް... ތިހެން ރަށްރަށަށް އަރާ މީހުންނަށް އިތުބާރު ކުރުމަކީ އެހާ ފަސޭހަކަމެއްނޫން... މިރަށު ކިތައް އަންހެންކުދީންނަށް އެފަދަ މީހުން ލަނޑުދީފައި ދިޔައީ... އަހަރެން ބޭނުމެއްނޫން އައިރާއަށް އެކަހަލަ ކަމެއްވާކަށް... އައިރާއަކީ މީހަކު ޓައިމް ޕާސް ކުރާ ކަހަލަ ކުއްޖެއްނޫން... އައި ޑޯންޓް ނޯ ވައި... އައިރާ ކަހަލަ ކުއްޖެއް ނިޔާނު ފަދަ ރަށަށް އަރާ ހުރި ބީރައްޓެއްސަކަށް ހިތްކިޔަންވީ ސަބަބެއް..."

"އެކަކު އަނެކަކަށް ހިތްދެނީ އެއީ ބީރައްޓެއްސެއްތޯ ބަލާފައެއްނޫން... އަހަންނަށް ވެސް ނިޔާނާ މެދު ފުރިހަމަ އިތުބާރު ދޭކަށް ނޭނގޭނެ... އެހެންވިޔަސް އަހަންނާ ނިޔާނަކީ އެކުގައި މަސައްކަތްކުރާ ރަޙުމަތްތެރިން... އޮފީހުގައި އުޅޭ ގޮތް ވެސް ފެނޭ... އަހަރުމެންނާއެކު ބޭރުތެރޭގައި އުޅޭ ގޮތް ވެސް ފެނޭ... އަހަންނަށް ޔަޤީންވާ ކަމަކީ ނިޔާނަކީ ވިޔާނުދާ ޒުވާނެއްނޫންކަން... އޭނާ އަންހެންކުއްޖަކަށް ލަނޑެއް ދޭނެއެކޭ އަހަރެންގެ ހިތެއްނުބުނޭ... އެކުގައި އުޅުނު ދުވަސްތަކުގައި އަންހެންކުއްޖެއްގެ ނަން ވެސް ނުގަނޭ... ހިޔެއްނުވޭ ދުވަހަކު ވެސް މީގެ ކުރިން އޭނާ އަންހެންކުއްޖަކަށް ހިތްކީ ހެނެއް... އެހެންވެއްޖެއްޔާ އޭނާއަށް އައިރާ ކަމުދިއުންވާނީ ވަރަށް ސީރިއަސްކަމަކަށް... އައިރާގެ ހިތާ ކުޅެލަންކޮށްލާ ކަމަކަށް ނުވާނެ... އައި ނީ ނިޔާނު ވަރަށް ވިސްނާނެކަން ކަންކަމާ... ހަރުދަނާ ވިސްނުމެއް ގެންގުޅޭ އެކުވެރިއެއް އޭނާއަކީ... ބްލީވް މީ... އެނީ ބޮޑީ ވިލް ބީ ހެޕީ ޓު ހޭވް ހިމް..." ބަހުގެ ޔަޤީންކަން ޖުވައިންގެ ލޮލުން ލިޒީއަށް ދޭން މަސައްކަތް ކުރި ކަހަލައެވެ. ލިޒީ ފުންނޭވާއެއް ބޭރުކޮށްލިއެވެ.

"އަހަރެން ވަރަށް ބޭނުން އައިރާގެ ލައިފްއަށް ހެޕިނެސް އަންނަން... އޭނާ ހަމަޖެހިގެން ދިރިއުޅޭ ދުވަހެއް ދެކެން... އެނީ ވޭސް... ނިޔާން އިޒް ނޮޓް ދެޓް ބޭޑް..." ލިޒީ މިހެންބުނެ ހިނިގަނޑެއް ޖަހާލިއެވެ. އަދި އެތެރެއަށް ހިނގައިގަތީ އައިރާ ހިފައިގެން ދިޔަ ޖޭމުތަކަށްވީގޮތެއް ބަލާފައި އަންނާނަން ކަމުގައި ބުނަމުންނެވެ.

ގޯޅިތެރޭ ހުރެފައި ނިޔާނު ބޯދިއްކޮށްލިއެވެ. އޭނާއަށް ލިޒީއާއި ޖުވައިން ދެއްކި ވާހަކަތައް ސާފުކޮށް އަޑުއިވުނެވެ. ޖޯލީގެ ތެރެއަށް ޖުވައިންގެ ހަށިގަނޑު ހަމަޖައްސާލުމާއެކު ދެފައި ނަގާ ޖޯލީގެ ތިރީ ދަނޑީގައި އަޅުވާލިތަން ނިޔާނު ބަލަން ހުއްޓެވެ.

"އަހަރެން އައިރާއަށް ދުވަހަކު ވެސް ދެރައެއްނުދޭނަން.... އަހަންނަށް ރީތި އަންހެންކުދީން ފެނޭ... އަމިއްލައަށް އެމީހުންގެ ހުށަހެޅުންތައް ހިފައިގެން ވެސް އާދޭ... އެކަމަކު އައިރާ އެ ހުރިހާ އަންހެންކުދީންނާ ތަފާތު... އޭނާގެ ދެއްކުންތެރިކަމެއް ނުހުރޭ... ލަދުވެތިކަމާއި ބަސްމަދުކަމަކީ އަހަންނަށް އެންމެ ކަމުދާ ދެ ސިފަ... އަންހެނެއްގެ ކިޔަމަންތެރިކަން ދައްކުވައިދޭ ދެ ސިފަ.... އަހަންނަށް ނުދެވޭނެ އެއްޗަކަށް އައިރާ ނޭދޭނެކަން ޔަޤީން... ޝީ އިޒް ސްޕެޝަލް... ޖުވައިން... ޔޫ އާ ރައިޓް... އައި ފައިނަލީ ފައުންޑް ސަމްވަން ސްޕެޝަލް..." ނިޔާނުގެ ތުންފަތުގައިވި ހިނިތުންވުން އޭނާގެ ހިތުގެ ހާލު ބަޔާންކުރާ ކަހަލައެވެ.

ރޭގަނޑުގެ ނިދިން މަހުރޫމު ވެފައި އޮތް މީހަކު ފަދައިން ޝަމްއާނު ދެއަތަށް ފުރޮޅި ފުރޮޅި އޮތެވެ. އޭސީއާއި ފަންކާގެ ފިނީގައި ވެސް އޭނާ އޮތީ ދާހިތްލާލާފައެވެ. ކުއްލިއަކަށް ފުންމައިގެން ތެދުވެ އެނދުގެ އަރިމަތީ އިށީންނަމުން ބައްދާލައިގެން އޮތް ބާލީސްގަނޑު ގުޅައަކަށް ފާރަށް ޖެހިއެވެ. ހަވީރުގެ ވަގުތު ފަތަން ގޮސްފައި އައި ޝަމްއާނަށް ލިޒީމެންގޭ ގޯތިތެރޭގައި ހުރި ފިރިހެނަކު އައިރާއަށް މާވަރަކަށް ބަލަމުންދިޔަތަން ފެނި އޭނާގެ ލޭވަނީ ހޫނުވެފައެވެ. އޭނާ ނޫން މީހަކަށް އައިރާއަށް ބެލިގެން ނުވާނެއެވެ. ޝަމްއާނުގެ ނަޒަރުގައި އެފަދަ ހުއްދައެއް އައިރާ އެހެންމީހަކަށް ދީގެން ވެސް ނުވާނެއެވެ. ހިތަށް އުނދަގޫވެގެން އުޅެނީ އެހެންވެއެވެ. ލޮލަށް ނިދިނައީ ވެސް ޝަމްއާނުގެ ގާތަށް އައިސްފައި ހުރި ރުޅިއެއްގެ ސަބަބުންނެވެ.

(ނުނިމޭ)