ކްރިމިނަލް ކޯޓްގެ އިސް ގާޒީ ހައްޔަރު ކުރި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ކުރާ ދައުވާގައި ތިން މީހެއްގެ ހެކިބަސް ނަގައިފި އެވެ.
މިއަދު ކްރިމިނަލް ކޯޓްގެ ޝަރީއަތަށް ހެކިބަސް ނަގާފައި ވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ އަނބިކަނބަލުންނާއި އޭނާގެ ދައްތަކާއި ސިފައިންގެ ކުރީގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމުގައި ހުންނެވި އަހުމަދު ނިލާމުގެ ހެކިބަހެވެ.
އޭގެ ތެރެއިން ނިލާމަކީ ގާޒީ ބަންދުކުރަން އޭރުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން އެކަމުގައި ތޮލްހަތު މަޝްވަރާކޮށް، ބައިވެރިވިކަން ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެއްކެކެވެ.
ހެކިބަސް ދެމުން ނިލާމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ކުރިން ސިފައިންގެ އިސް އޮފިސަރުންތަކަކާ އެކު ތޮލްހަތު ބައްދަލުވުމެއް ބޭއްވި ކަމަށާއި ބަޔަކު ހައްޔަރުކުރާ ވާހަކަ ތޮލްހަތު ވިދާޅުވި ނަމަވެސް ގާޒީ ހައްޔަރުކުރާ ވާހަކަ ތޮލްހަތު ވިދާޅުވިކަން ހަނދާން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެފަހުން އެކަމާ ގުޅޭގޮތުން ތޮލްހަތު ބައްދަލުވުމެއް ބޭއްވިކަން ނުވަތަ ނޫންކަން ވެސް ނޭނގޭ ކަމަށް ވެސް ނިލާމް ވިދާޅުވި އެވެ.
ނިލާމްގެ ހެކިބަސް ނަގަން އުޅުމުން ތޮލްހަތުގެ ވަކީލުން ވަނީ އެކަމަށް ދެކޮޅު ހަދާ ކަމަށް ބުނެފަ އެވެ. އެއީ ތޮލްހަތު ޑިފެންސް މިނިސްޓަރަކަށް ހުންނެވިއިރު ނިލާމް އިންޓެލިޖެންސްގެ ވެރިޔާގެ މަގާމުގައި ހުންނަވައިގެން ސިޔާސީ ބައެއް ބޭފުޅުންގެ ފޯން ކޯލް ލީކު ކުރުމުން ނިލާމް އެހެން ޑިޕާޓްމެންޓަކަށް ބަދަލުކޮށްފައިވާތީ ތޮލްހަތާ މެދު ނިލާމް އަދާވާތްތެރިކަމެއް އޮވެދާނެތީ ކަމަށް ތޮލްހަތުގެ ވަކީލުން ބުންޏެވެ.
ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ނިލާމްގެ ހެކިބަސް މިއަދު ނަގާނެ ކަމަށާއި އަދި އެ ހެކިބަސް ބަލައިގަތުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.
މިއަދުގެ ދެން ހެކިބަސް ދިން އަބްދުﷲ ގާޒީގެ އަނބިކަނބަލުންނާއި އަނބިކަނބަލުންގެ ދައްތަ ވެސް ހެކިބަސް ދެމުން ބުނެފައިވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގާޒީ ގެންދިޔައީ ގަދަކަމުން ކަމަށާއި އޭނާ ހައްޔަރުކުރި ފަހުން އޭނާއާ ބެހޭ މައުލޫމާތު ވެސް ލިބުނީ 48 ގަޑިއިރުވާން ކައިރިވެފައި ވަނިކޮށެވެ. ބަންދުކޮށްފައި ހުރިއިރު ވެސް ގާޒީއާ ބައްދަލު ނުކުރެވޭ ކަމަށާއި ނަމަވެސް ސިފައިން މެދުވެރިކޮށް ފަސް ވަރަކަށް ފަހަރު ފޯނުން ގުޅުނު ކަމަށް އެ ދެ މީހުން ބުންޏެވެ.