ލައިފްސްޓައިލް

ޒީބާގެ ކޮޓަރި: މިހާރު އެއީ އެންމެނަށް ކާން ދޭ ކޮޓަރި!

މީގެ ދެ ތިން މަހެއްހާ ދުވަސް ކުރިން ހަމަ މި އިންޓަވިއު އަށް ގުޅާލުމުން އޭނާ ބުނީ އިންޓަވިއުއަކަށް ވަގުތު ދެވިދާނެއެކޭ ބުނަން ނުކެރޭނެ ކަމަށެވެ. ކެފޭ ހިންގުމުގަ އާއި ކެފޭ އަށް ކެއްކުމުގައި އަދި އެތަނަށް ދާ މީހުންނަށް ހިދުމަތްކޮށް އެމީހުން ހިތްހަމަޖެއްސުމަށް އޭނާގެ މުޅި ދުވަހުގެ ހުރިހާ ވަގުތެއް ހުސްކޮށްލާފައިވީމަ އެވެ.

އެހެންވެ، އެފަހަރު އެ އިންޓަވިއުއެއް ނުނަގައި ދޫކޮށްލީ އެވެ.

އެކަމަކު ދެ ތިން މަހެއްހާ ދުވަސްކޮށްލާފައި އަލުން ގުޅުމުން ވެސް އިންޓަވިއުއަކަށް އޭނާ އަށް ފުރިހަމަ އަށް "ފްރީވެލެވޭ" ގޮތެއް ނުވި އެވެ. މާލޭގެ މާފަންނު ކޮޅުގައި އޭނާ ހިންގާ ކެފޭ އޭގެ ސައިޒުން ކިތަންމެ ކުޑަޔަސް ކޮންމެ ދުވަހަކު މި ކުޑަކުޑަ ކެފޭއެއް އާންމުންގެ މިހާ މަގްބޫލު ތަނެއްގެ ގޮތުގައި ހިންގުމަށް އޭނާ ލާން ޖެހޭ ހިތްވަރާއި ކުރާ މަސައްކަތް ދުވާލަކަށްވުރެން ބޮޑުވެފައި ބުރަވީމަ އެވެ.

މި ހުރިހައި ބުރައަކަށް ފަހު އައިޝަތު ޒީބާ ސައީދުއާ ބައްދަލުވީ މިދިޔަ ބުދަ ދުވަހުގެ އިރާކޮޅު އެވެ. އެއީ އޭނާގެ ނަމުން ނަންދީފައިވާ މި ހިތްގައިމު ކެފޭއެއްގައި ބަންދު ބޯޑު އަޅުވާ ގަޑި އެވެ. ގަޑިން އަށެއް ޖެހިއިރު ބަންދު ބޯޑު އަޅުވައި ފެންސުތައް ކަހައި ކެފޭގެ އެތެރެ އޮތީ އަމާންވެ މައިތިރިވެ މަޑު ރީނދޫ ކުލައިގެ ފަނޑު އަލިކަމެއްގެ ތެރެއަށް ގެނބިފަ އެވެ.

ބިއްލޫރި ގޮޅިތަކުން އެތެރެ ހާމަކޮށްދޭ ވަރަށް ސާފުކަން ލިބިފައިވާ ދޮރުގައި ޓަކި ނުދެވި އުޅެނިކޮށް އެތެރެއިން ކުއްލިއަކަށް ނުކުމެގެން އައި ދެބައި އުމުރުގެ ފިރިހެނަކު އަތުގެ އިޝާރާތުން އެތެރެއަށް ވަނުމަށް އަހަރެމެންނަށް އެންގި އެވެ. ވަދެގެން ގޮސް އެތަނުގެ ކަނެއްގައި ހުރި ތިރިތިރި މޭޒެއް ކައިރީގައި ހަމަޖެހިލުމާ އެކު ބަދިގެއިން ނުކުމެގެން އައި އަންހެނަކު، ޖުމްހޫރީ މޭވާގެ ބޮޑު ބިޔަ ދެ ފަނިތަށިން އަހަރެމެންނަށް މަރުހަބާ ކިޔައިފި އެވެ. – އެއީ އެތަނުގެ ވެރިޔާ އަދި ކައްކައި ހިދުމަތް ވެސް ދޭ، ހިތްހެޔޮ ހިނިތުންވުމެއްގެ އަންހެނާ ޒީބާ އެވެ. ވަފާތެރި ކަސްޓަމަރުންގެ މެދުގައި އޭނާ މަޝްހޫރުވެފައިވާ ގޮތަކީ ވެސް މިއީ އެވެ.

މާފަންނު އިރަމާ މަގުގައި އެހެރަ، މި "ޒީބާސް ކެފޭ" އެއް، އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން މަޝްހޫރުވެ ހާއްސަވެ، ދުވާލުގެ ކޮންމެ ވަގުތަކު ކަސްޓަމަރުންނާ އެކު ފުރިގެން ބަންޑުންވެފައި އޮންނަ ސަބަބަކީ މިއީ އެވެ.

މިހައި ހިސާބުން "ޒީބާސް ދެލީ އެންޑް ކެފޭ" ގެ ކެއުމާއި ކެއްކުމުގެ ދުނިޔެ އަށް ވަދެގަންނަމާ ހިނގާށެވެ. އެކަމަކު ކުޑަކުޑަ ކެފޭއަކާ އެކު ކުރުމުއްދަތެއްގެ ތެރޭގައި މާލޭގެ ކެއިންބުއިމުގެ ވައްޓަފާޅި އާއި މާހައުލު ފަތަހަކޮށްލާފައިމިވާ ޒީބާ އަކީ ކާކު ހެއްޔެވެ؟ ކެއްކުމުގެ އެއްވެސް ޕްރޮފެޝަނަލް އިލްމެއް ނުވަތަ ތަމްރީނެއް ނެތް މި އަންހެނާގެ "ބަދިގެ އާއި އެތަނުގެ ރަހަތައް" މިވަރުގެ ބޮޑު ނުފޫޒަކަށް ބަދަލުވީ ކިހިނެތް ހެއްޔެވެ؟

ކެއުމުގެ ދައުވަތު އަމިއްލަ ގެއަށް!

މީރުކޮށް ކައްކަން ނޭނގޭ ނުވަތަ ކެއްކުންތަކަށް މީހުންގެ ފަރާތުން ތައުރީފު ނުއޮހޭ ހަނދާނެއް ޒީބާގެ ނެތެވެ. ނަމަވެސް އެ ހުރިހާ ތައުރީފަކާ އެކު ގޮސް އޭނާ އެންމެ ފުރަތަމަ ވަޅުލެވިގަތީ ކެއްކުމާއި ކެއުމަކާ ގުޅުމެއް ހުރި ވަޒީފާއެއްގައެއް ނޫނެވެ. މީގެ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ކުރިން އޭ ލެވެލްގެ ކިޔެވުން ނިންމާލި ގޮތަށް އޭނާ ގުޅުނީ ޔުނިވާސަލް ގްރޫޕާ އެވެ. އޭނާގެ ވަޒީފާ އަކީ ރިޒަވޭޝަންސްތައް ތަނުގެ ސިސްޓަމަށް އެންޓާކުރުމެވެ.

އަޑުއިވޭހާ ފަސޭހަ އަދި އެހާމެ އާދައިގެ ވަޒީފާއެކެވެ.

"އޭރުގައި ސިކުނޑީގައި އިންނަނީ ސްޓޭބަލް ލިވިންއަކަށް ވާނީ ޖޮބަކަށް ގޮސްގެން އަމިއްލަ އަށް އާމްދަނީއެއް ހޯދައިގެން އަމިއްލަ އަށް މުސާރައަށް ލިބިގެންނޭ. އެހެންވެ އެހާ އަވަހަށް ވަޒީފާއަކަށް ދިޔައީ،" ތިރީސް ހަތަރު އަހަރުގެ ޒީބާ ކިޔައިދިނެވެ.

"އެކަމަކު އޭޖުގެ ވަކި ހިސާބަކުން ދެން ހިތަށް އެރީ އަމިއްލަ ކަމަކަށް، އަމިއްލަ އަށް އޯންކުރާ މަސައްކަތެއް ކުރަން."

މި ވިސްނުން ޒީބާގެ ބޮލަށް ވަންއިރު އޭނާގެ ބޯ ހުރީ ޔުނިވާސަލްގެ ސީލިންގުގައި ޖެހިފަ އެވެ. އެއީ 13 އަހަރުގެ ދިގު ދަތުރެކެވެ. މެނޭޖަރެއްގެ ވަޒީފާ ދޫކޮށް އޭނާ ދެން ބަދަލުވީ އަމިއްލަ ދިރިއުޅުމުގައި މިހާތަނަށް ނެގި އެންމެ ބޮޑު ރިސްކާއި ޗެލެންޖު ތަންފީޒުކުރުމުގެ މެނޭޖަރަކަށެވެ.

"ޒީބާގެ ކެއުންތައް މީރުވެގެން އެންމެން ވެސް އެ ވާހަކަ ދައްކާނެ. އޭރު އެންމެން ވެސް ބުނާނީ ކައްކާ ތަނެކޭ ހުޅުވަންވީ،" ޒީބާ ބުންޏެވެ.

"ވަރަށް ރަސްޓިކް ތަނެއް ހުޅުވަން ބޭނުންވީ. މިތަނަށް ވަންނަ މީހާ އަށް އައިސް އިހްސާސްކުރެވެން ޖެހޭނީ އެ މީހާ އަށް އައިސް އެވަދެވެނީ އަމިއްލަ ގެއަށޭ. އަމިއްލަ ގޭގައި އުޅެވޭ އިހްސާސްކުރެވެން ބޭނުންވަނީ. ހޯމް ކުކް މީލްއެއް ކާލެވޭ ކަމުގެ އިހްސާސެއް ކުރެވުން ބޭނުމަކަށްވީ"
"މިގޮތަށް ކުރާ ހިތްވީމަ ފަށައިގަތީ ޗެލެންޖަކަށް. ވަރަށް ގިނަ މީހުން ބުނި ނުކުރެވޭނެއޭ މިގޮތަކަށެއް."

ނަމަވެސް އަމިއްލަ ގޭގެ ކުޑަ ކޮޓަރީގައި އޮވެ ބެލި ހުވަފެން ހަގީގަތަށް ހެދުމަށް އޭނާ މާ ދުރަކަށް ދާކަށް ނުޖެހުނެވެ. "ޒީބާސް ކެފޭ" އަކީ އޭނާގެ ގެ އެވެ. އޭރު އޭނާ ނިދި އެ ކުޑަ ކޮޓަރި މިހާރު ބަދަލުކޮށްލާފައި މި ވަނީ އޭނާ އެންމެ ގިނަ ވަގުތު ހޭލައި ހޭދަކުރާ ކޮޓަރިއަކަށެވެ.

"ދިސް އިޒް އަވާ ހޯމް. ދިސް ޔޫސްޓް ބީ އަވާ ސޭމް ހޯމް. މިއީ ސިޓިން ރޫމް. ބަދިގެ އަކީ ހަމަ ކުރިން ވެސް ބަދިގެ. އެހެރީ އަހަރެންގެ ކޮޓަރި،" ކެފޭގެ ކަނާތްފަރާތު ކުޑަދޮރާ އެއްވަރަކަށް ހިއްލާފައި ހުރި މޭޒާއި ގޮނޑިތަކާ ދިމާލަށް އިޝާރާތްކުރަމުން ޒީބާ ބުންޏެވެ.

އެހެންވީމަ "ޒީބާގެ ކެފޭއަށް" ވަނުމުން އަމިއްލަ ގެއަކަށް ވަދެވޭ ކަމުގެ އިހްސާސްކުރެވެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ޒީބާ ބުނީ އޭނާގެ އާއިލާ އަކީ ކެއުމަށް ވަރަށް ފޯރި ހުންނަ ބައެއް އުޅޭ އާއިލާއެއް ކަމަށާއި ވަކިން ހާއްސަކޮށް އެހެން މީހުންނަށް ކެއުމުގެ ދައުވަތު ދިނުމަކީ އާއިލާގެ ސަގާފަތެއް ކަމަށެވެ. އެހެންވީމަ ޒީބާސް ކެފޭ އަކީ އެގޮތަށް ދިން އެންމެ ބޮޑު ދައުވަތެވެ.

"އާއިލާ އަކީ އަބަދުވެސް ވަރަށް ކެއުމުގެ ކަންތައް އޮންނަ ބައެއް. އީދެއް އަޔަސް ވަރަށް ގަދަ އަށް ކައްކައި އެންމެނަށް ދައުވަތު ދީ ކަންތައް ކުރާނެ. ބައްޕަ އަކީ ވަރަށް ސޯޝަލް މީހެއް. އެހެންވީމަ ބައްޕަ ވަރަށް ބޭނުންވާނެ މީހުންނަށް ދައުވަތު ދީގެން ގެއަށް ގެނެސް ކާންދޭން،" ޒީބާ ކިޔައިދިނެވެ.

"އެންމެންނަކީ ވެސް މީރުކޮށް ކައްކާ މީހުން. މަންމަ ވެސް. ދޮން މަންމަ ވެސް. އަދި ބައްޕަ ވެސް ވަރަށް މޮޅުވާނެ ކައްކަން. އަހަރެންގެ ކޮއްކޮމެން ވެސް ވަރަށް މީރުކޮށް ކައްކާނެ މިހާރު ވެސް."

ޒީބާ މޮޅުވީ ދަތުރުކޮށްގެންނާއި ޔޫޓިއުބު ބަލައިގެން

މިހެން ބުނުމަކީ ދޮގަކަށް ވެދާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. އާއިލާގައި މޮޅަށް ނުވަތަ މީރުކޮށް ކައްކަން އެނގޭ މީހުން ތިއްބަސް ޒީބާ ކައްކަން މޮޅުވީ އާއިލާގެ އެ ނުފޫޒުން އެކަނި ކަމަކަށް އޭނާ ގަބޫލެއްނުކުރެ އެވެ. އެކަމަކު އޭނާ ކިޔައިދޭން ބޭނުންވާ އެހެން ވާހަކަތަކެއް އެބަހުއްޓެވެ.

"ފުޑަށް އިންޓްރެސްޓް ހުންނާތީ ރާއްޖެއިން ބޭރަށް ދިޔަޔަސް ހުރިހާ ވައްތަރެއްގެ ކެއުންތަކެއް ވެސް ޓްރައިކުރަން. ދެން އެ އެއްޗެއް ޓްރައިކޮށްފަ ލައިކްވާ އެއްޗެއް ނަމަ ޔޫޓިއުބުން ބަލަނީ ކިހިނެތްތޯ ތައްޔާރުކުރާނީ،" ޒީބާ ބުންޏެވެ.

"ދެން ބައެއް ފަހަރު ނުކެޔަސް، ޓީއެލްސީ ފަދަ ޗެނަލްތަކުން ފެންނަ ޝޯތަކުން ދޭ ކޮމެންޓްތަކަށް ބަލައިގެން ވެސް ހުންނާނެ އަމިއްލަ އަށް ތައްޔާރުކޮށްފައި ގިނަ އެއްޗެހި ކައްކަން ދައްކުރަނީ ޔޫޓިއުބުން ބަލައިގެން"

"ދެން ބަދަލުކުރަނީ ދިވެހިން ލައިކްވާނެ ގޮތްގޮތަށް. ގިނަ ފަހަރަށް ސީދާ އިޓާލިއަން ޓޭސްޓްގެ ޕާސްޓާ ވެސް ގިނަ ދިވެހިންނަށް ކަމަކުނުދޭ. އެހެންވީމަ ކުޑަކުޑަ ގިތެޔޮ މިރުސްކޮޅަކާ އެއްޗެހި ލައިގެން ބަދަލުކޮށްލެވިދާނެ. އޭރުން ދިވެހިންނަށް ކަމުދާނެ."

އޭނާ ބުނީ ދުވަހަކުވެސް ކެއްކުމުގެ ރަސްމީ ކޯހެއް ނުވަތަ ތަމްރީނެއް އޭނާ ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. ހުރިހާ ވެސް ޝުކުރެއް ޔޫޓިއުބަށެވެ. އަދި ޒީބާގެ، މީރުކޮށް ކައްކަން އެނގުމުގެ ހުނަރަށެވެ.

އޭނާ ބުނީ ކެފޭގެ ސްޓައިލް އާއި ލުކްސް އަދި ރަހަތަކުގެ ފަހަތުގައި އޮތް އެންމެ ބޮޑު އިންސްޕިރޭޝަނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރެވުނު ދަތުރުތައް ކަމަށެވެ.

"ޒީބާ އަކީ އަބަދުވެސް ވަރަށް ޓްރެވަލްކުރާ ހިތްވާ މީހެއް. ދަތުރުތަކުގައި މިކަހަލަ (ރެސްޓޯރަންޓްތައް) ފެނުނީމަ ވެސް ހިތަށް އަރަނީ ކޮންމެ ވެސް ދުވަހަކު އަޅުގަނޑު ވެސް މިކަހަލަ ތަނެއް ހުޅުވާނީއޭ."

ޒީބާގެ ކެފޭ އަކީ ތަފާތެއް ގެނައި ފުރަތަމަ ކެފޭ!

ނުވަތަ ބޮހޭމިއަން ސްޓައިލްގެ ކެފޭތައް މާލޭގައި އިތުރުވަމުން އަންނައިރު މި ސިލްސިލާއެއްގެ ހަގީގީ ފެށުމަކީ "ޒީބާސް ކެފޭ" އޭ ބުނެވިދާނެ އެވެ. ނަމަވެސް އަދިވެސް މާލޭގައި ހުރި އެންމެ ތަފާތު ކެފޭ އަކީ ނުވަތަ ހިދުމަތުގެ ގޮތުން ވެސް އެންމެ ތަފާތީ މި ކުޑަކުޑަ ކެފޭއޭ ބުނެވިދާނެ އެވެ.

އެތަނުގައި އަގު ލިސްޓެއް ނުވަތަ މެނޫއެއް ނެތެވެ. ބޭނުންވާ ކާ އެއްޗެއް ފަހަރެއްގައި ނުވެސް ލިބިދާނެ އެވެ. އަދި އެއް ދުވަހު ކާން ލިބޭ މީރު ކެއުން ކޮންމެ ދުވަހަކު ކާން ނުވެސް ލިބިދާނެ އެވެ. އަދި އިރުއޮއްސި އަށެއްގެ ފަހުން އަމުދަކުން އެތަނުން ކާކަށް ނުލިބޭނެ އެވެ. ހުކުރު ދުވަހަކީ ވެސް ޒީބާސް ކެފޭ އަށް ބަންދެކެވެ.

އެކަމަކު މި ކެފޭއެއް ހުޅުވާފައި ހުންނަ ކޮންމެ ދުވަހަކީ ކަސްޓަމަރުންގެ ކިޔޫ ކޮންމެ ދުވަހަކު ވެސް ބޭރުގައި ބޮޑުވާ ދުވަހެކެވެ. އެތަނުގެ ބްރޭކްފާސްޓް މީލްސްތަކާއި ލަންޗަށް ހާއްސަ މީލްސްތަކުގައި އާދަޔާހިލާފު ލޯތްބަކާއި ރަހައެއް އެކުލެވިގެންވާތީ އެވެ.

"ބޭނުން އެއްޗެއް ކާން ނުލިބިދާނެ. އެ ދުވަހެއްގައި ހުންނަ އެއްޗެއް ލިބޭނީ. އާންމުކޮށް އަންނަ މީހުންވީމަ އެނެގޭނެ އެ ދުވަހަކު ހުންނަ އެއްޗެއް. ކޮންމެ ދުވަހަކު ވެސް ވަކި ވަރަކަށް ތައްޔާރުކުރާނީ. ހުސްވީމަ ހުސްވީ ޕޮލިސީ އިންނާނީ،" ހަފުތާގެ ދުވަސްތަކުގައި ކާން ލިބޭ އެއްޗެހި ތަފާތުވާނެ ކަމަށް ބުނެ ކިޔައިދެމުން ޒީބާ ބުންޏެވެ.

ބްރޭކްފާސްޓުން ފެށިން ލަންޗް މީލްސްތަކާއި ކޭކާއި މޭވާ ޖޫހުގެ އެކި ބުއިންތައް ލިބެންހުރިއިރު މެރާކީއިން އެތަނަށް ހާއްސަކޮށް ރޯސްޓްކޮށްދޭ ކޮފީ އަށް ދެވިހިފާފައިވާ މީހުން ވެސް ވަރަށް ގިނަ އެވެ. ސިއްހަތަށް ލޯބިކުރާ ފަރާތްތަކަށް އޮތް އަނެއް ހިތްހަމަޖެހުމަކީ ޒީބާގެ ކެފޭގައި އެނާޖީ ޑްރިންކާއި ފިޒީ ޑްރިންކްސް އެއްވެސް ވަރަކަށް ސާވްކޮށްނުދޭ ކަމެވެ.

އެންމެ އުފާވަނީ އެންމެން އުފާކޮށްދެވޭތީ!

ޒީބާ ބުނީ މިހާތަނަށް މި ކުޑަކުޑަ ކެފޭއާ އެކު ފެށި ދަތުރުގައި ހިތްހަމަނުޖެހުނު ކަސްޓަމަރަކާ ބައްދަލުވެފައިނުވާ ކަމަށެވެ. އަދި އެންމެ އުފާވަނީ ކެއުންތަކަށް ތައުރީފުކޮށްލަކޮށްލަ ތިބޭ ވަފާތެރި ކަސްޓަމަރުންތަކެއް އޭނާ އަށް ލިބުނީތީ އެވެ.

"ވަރަށް ވަރަށް ބޮޑަށް ހިތްހަމަޖެހޭ މިހާރު. އެކަމަކު ފުރަތަމަ ދުވަސްކޮޅުގަ ހިތަށް އެރި ސަވައިވްވެސް ވާނެބާވައޭ. ވަރަށް ބިރުގަތް. ވަރަށް ބިރުގަތް. އައި ޕުޓް އެވްރިތިން އިން ދިސް. ސޯ އިޓް ވޯޒް އަ ބިގް ރިސްކް އޯލްސޯ. ވާނެ ގޮތެއް ވެސް ނޭނގޭ. ތަފާތުގޮތަކަށް ފެށީމަ މީހުން ބަލައިގަންނާނީ ކިހިނެތް ކަމެއް ވެސް ނޭނގޭ،" ކެފޭގެ އިތުރުން 11 އަހަރުގެ ފިރިހެން ދަރިފުޅަށް ވެސް ހާއްސަ ސަމާލުކަން ދެމުން އަންނަ މަންމަ ކިޔައިދިނެވެ.

"އެހެންވީމަ ވަރަށް ހާސްވެސްވި. ވަރަށް ބިރުވެސް ގަތް"

އޭނާ ބުނީ އެ ބިރުވެރިކަން ފަހަނަޅައި ދެވެނީ ހިތްހަމަޖެހިފައި ތިބޭ ކަސްޓަމަރުން ފެނުމުން ކަމަށެވެ. އަދި ރިސްކެއް ނަގައިގެން އޭނާ ދިވެހިންނާ ހަމަ އަށް ގެނެސްދިން ކެއުމުގެ ތަފާތު މި ކޮންސެޕްޓްގެ ފައިދާ ހަމައެކަނި ބަނޑުފުރުމަކަށް ނުވުން ވެސް އެއީ އޭނާ އަށް އޮތް ހިތްހަމަޖެހުމެކެވެ.

"ފުރަތަމަ ކޮޅުގައި ފެށިއިރު ވަރަށް ގިނަ މީހުން ވެސް އައިސް ބުނި ޓޭބަލްތައް ވެސް ދެން މާކައިރިއޭ. ދިވެހިންނެއް ނުތިބޭނެއޭ ތިހެނެއް އިށީނދެގެން. އެކަމަކު ވަރަށް ފަހުން ވެސް އައިސް ކަސްޓަމަރަކު ބުނި ޖެހިގެން ތިބީ ނުދަންނަ ބައެކޭ، ނުވަތަ އެ މީހުން އެއް މޭޒެއް ޝެއާކޮށްލައިގެން ކާލައިގެން ދިޔައީ މިތަނުން،" ޒީބާ ބުންޏެވެ.

"ދެން ވަރަށް ގިނަ މީހުން ބުނާނެ މިއީ މިތަނަށް އައިސް އައިސް ރައްޓެހިވި މީހުންނޭ. ވަރަށް އުފާވޭ އެކަހަލަ ގަޑިގަޑީގައި. އިހްސާސްވަނީ ކޮމިއުނިޓީއަކަށް ވަނީއޭ"

"މީހުން ބޮޑަށް އުފާވަނީ މިހެންވެ ކަމަށް ވެދާނެ. އަބަދުވެސް ސްމައިލްއަކާ އެކު ސާވްކޮށްދެނީ. އަދި އަޅުގަނޑު އަމިއްލަ އަށް ގޮސް ވެސް އެމީހަކަށް ސާވްކޮށްދޭކަށް ފަހެއް ނުޖެހޭނަން. އެމީހުންނާ ވާހަކަ ދައްކާލާ ހިޔާލު ހޯދާލާ ވަރަށް ޕާސަނަލްކޮށް ހިދުމަތް ދެވޭތޯ ބަލަނީ. ވެދާނެ އެއީ ކަމަށް ތަފާތަކީ އެހެން މީހުންނާ."