ވިޔަފާރި

ފެން ކުންފުނި ސޯޝަލް މީޑިއާޔާ ގާތަށް!

Jan 23, 2017

ގައުމީ ފެން ކުންފުނި ކަމަށްވާ، މާލެ، ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ސޯޝަލް މީޑިޔާއާ ކައިރިއަށް ޖެހިލުމުގެ ގޮތުން، "އެމްޑަބްލިއުއެސްސީ ސޮލިއުޝަންސް" ފޭސްބުކް ޕޭޖު ލޯންޗް ކޮށްފި އެވެ.

އެމްޑަބްލިއުއެސްސީ ޓެރަސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި "އެމްޑަބްލިއުއެސްސީ ސޮލިއުޝަންސް" ފޭސްބުކް ޕޭޖް ލޯންޗް ކޮށްދެއްވީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ.

މި ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވީ މި ފޭސްބުކް ޕޭޖަކީ އަސާސީ ހިދުމަތައް ހާއްސަ ކުންފުނީގެ ވިޔަފާރީގެ ދާއިރާއަށް ހުޅުވާލެވޭ އާ ދޮރެއް ކަމަށެވެ.އަދި މި ޕޭޖު މެދުވެރިކޮށް ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް އަންގައި ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފޭސްބުކް ޕޭޖްގެ ޒަރިއްޔާ އިން އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ވިޔަފާރިވެރިންގެ އިތުރުން، އަޅުގަނޑުމެންގެ އެތެރޭގެ ތިބި ކަސްޓަމަރުންނަށް ވެސް މައުލޫމާތު ހިއްސާކުރެވޭނެ،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ މިދިޔަ އަހަރު ފަހުކޮޅު އެމްޑަބްލިވްއެސްސީގެ ޝޯރޫމެއް ހުޅުވުނު ކަމަށާއި އަދި އޭގެ ކުރީ އަހަރު ހުޅުމާލޭގައި ހޮޅި އުފައްދަންވެސް ފެށިފައިވާ ކަމަށެވެ.

ގައުމީ ފެން ކުންފުންޏަކީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތަފާތު އެކި މަޝްރޫއުތައް ހިންގާ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރުވެސް 30 ހަކަށް މަޝްރޫއު މުޅިރާއްޖޭގައި ކުރިއަށް ގެންދެ އެވެ.