ބޮލީވުޑް

ޝްރަދާ އާއި އަދިތުޔާ އަލުން ގުޅުނީތަ؟

Mar 18, 2015
1

"އާޝިގީ 2"ގެ ކާމިޔާބީއާ އެކު މަޝްހޫރުވެގެން ދިޔަ ޝްރަދާ ކަޕޫރު އާއި އަދިތުޔާ ރޯއި ކަޕޫރު ވެގެން ދިޔައީ ބޮލީވުޑްގެ އެންމެ ލޯބި ޖޯޑަށެވެ. އެހެން ނަމަވެސް މިވީހާ ތަނަށްވެސް މިދެތަރިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަން ނުވަތަ ނޫންކަން އެއްވެސް ސިފައެއްގައި ހާމަކޮށްފައެއްނުވެ އެވެ.

މިދެތަރިން މިކަމާ ގުޅޭގޮތުން ކޮމެންޓެއް ނުކުރިޔަސް ގިނަ ބަޔަކަށް ޔަގީންވާ ކަމަކީ ޕާޓީތަކާއި، ހަފްލާތަކުގެ އިތުރުން އެކުގައި ޗުއްޓީވެސް ހޭދަކޮށްފައިވާ ކަމެވެ.

ދެހާސް ތޭރަ ވަނަ އަހަރު ރިލީޒް ކުރި "އާޝިގީ 2" ޝޫޓްކުރުމުގެ ތެރޭގައި ރައްޓެހިވިކަމަށް ބުނާ މި ދެތަރިންގެ ވަނީ މާގިނަ ދުވަސްތަކެއްނުވެ ރުޅިވެފަ އެވެ.

ރުޅިވުމުގެ އެންމެ ބޮޑު އަސްލަކީ ދެމީހުންގެ ދޭތެރޭގައި އުފެދުނު ހިޔާލު ތަފާތު ވުންތަކާއި، އެކަކު އަނެކަކަށް ވަގުތު ނުދެވުން ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް ޝްރަދާ އޭނާގެ ބައެއް ރައްޓެހިން ކައިރީގައި ބުނެފައިވާ ކަމަށްވަނީ އަދިތުޔާ މިޒާޖަށް އަންނަ ބަދަލުތަކާއި، މާބޮޑަށް އެކަނިވެރިވެ އެއްވެސް ބަޔަކާ ގުޅިގެން ނުއުޅުމުގެ ސިފަތަކުގެ ސަބަބުން ޝްރަދާ އެކަމާ ހިތްހަމަ ނުޖެހުމުން ދެމީހުން ވަކިވީ ކަމަށެވެ. މީގެ އިތުރުން ޝްރަދާގެ ބައްޕަ ޝަކްތީ ކަޕޫރް އެއްވެސް އިރެއްގައި މިގުޅުމާމެދު ހިތްހަމަނުޖެހޭތީ، މި ދެތަރިން ވަކިވުމުގެ މައިގަނޑު ސަބަބަކީ އެއީ ކަމަށްވުން ވަރަށް ގާތެވެ.

މިހާރު އެންމެ ގަދަޔަށް ދެކެވެމުންދާ ވާހަކައަކީ މިދެތަރިންގެ ގުޅުމަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ވާހަކަ އެވެ. މީގެ ކުރިން ރައްޓެހިވެ ރުޅިވިކަމަށް އަދިވެސް އެއްބަސް ނުވާއިރު، އަލުން ގުޅުނު ކަމަށް އެއްބަހެއްވެސް ނުވާނެތާ އެވެ. ކޮންމެގޮތެއް ވިޔަސް މިއީ މިދެތަރިންގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ.

ޝްރަދާ މިވަގުތު އޭނާ އެންމެ ފަހުން ކުޅުނު "އޭބސީޑީ 2" ރިލީޒްކުރުމުގެ އިންތިޒާރުގައި ހުރިއިރު، އަދިތުޔާ މިހާރު ހުރީ ކެޓްރިނާއާއި އެކު ކުޅޭ "ފިތޫރް"ގެ ބައެއް މަންޒަރުތައް ނެގުމަށް އިންޑިޔާގެ ކަޝްމީރުގަ އެވެ.