ތިމާވެށި

ދޫނިތަކެއް ހިފި ހަ މީހަކަށް ބޮޑު ޖޫރިމަނާއެއް

ހިމާޔަތް ކޮށްފައިވާ ދޫނިތަކެއް ހިފައި ބަންދުކޮށްގެން ގެންގުޅުނު ހަ މީހެއްގެ މައްސަލަ ބަލައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އިން އެ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން ބުނީ، ހިމާޔަތް ކޮށްފައިވާ ދޫނިތަކެއް ހިފައި ބަންދުކޮށްގެން ގެންގުޅުނު ދެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެ ދެ މައްސަލައަކީ މ. މުއްޔާއި މުލަކުން ފެންމަތިވި ދެ މައްސަލައެކެވެ.

މުލަކުގައި ދޫނިތަކެއް ހިފައިގެން ގެންގުޅުނު ހަތަރު މީހަކު 96،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު އެމީހުން ގެންގުޅެފައިވަނީ ހިމާޔަތްކޮށްފައިވާ އަށް ދޫންޏެކެވެ. އެ ހަތަރު މީހުން ޖޫރިމަނާ ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ދެވަނަ މައްސަލާގައި ޖޫރިމަނާކޮށްފައިވަނީ ދެ މީހެކެވެ. އެއީ އިއްޔެ އެވެ. މުލީގެ އެ ދެ މީހުން ގެންގުޅިފައިވަނީ ހިމާޔަތްކޮށްފައިވާ ފަސް ދޫންޏެވެ. އެ މީހުން ޖޫރިމަނާކޮށްފައިވަނީ 60،500 ރުފިޔާއިންނެވެ.

މިދިޔަ މަހުގެ ތެރޭ ބ. ދޮންފަނު މީހަކު ދޫނިތަކެއް ގެންގުޅުނު މައްސަލާގައި އޭނާ ވެސް ވަނީ 111،500 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.