ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ސްޓްރެޓެޖިކް ޕްލޭނަށް، ލަފާ ދޭން އޭއެފްސީގެ ޓީމެއް

Jan 23, 2017

އެފްއޭއެމްގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމުގެ މަސައްކަތަށް ލަފާ ދޭން އޭއެފްސީގެ މެންބަރު އެސޯސިއޭޝަންގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިއްޖެ އެވެ. މި ޓީމު މާލެ އަންނަނީ އަންނަ މަހު އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ސްޓެރެޓެޖިކް ޕްލޭން ހާދާނީ ދިވެހިން ކަމަށެވެ.

"އޭއެފްސީގެ ޓީމު އަންނަނީ ސްޓްރެޓެޖިކް ޕްލޭނަށް ކޮންސަލްޓެންސީ ފޯރު ކޮށް ދޭން، މިކަމުގައި ހިމެނޭ ހުރީހާ ސްޓޭކް ހޯލްޑަރުންނާއެކު އޭއެފްސީގެ ޓީމުން ބައްދަލު ކުރާނެ." އަވަސްއާ ވާހަކަ ދައްކަމުން ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގްގެ ދައުރުގައި އޭނާ ވަނީ އެފްއޭއެމްގެ ސްޓްރެޓެޖިކް ޕްލޭން ހެދުމަށް ބައިނަލްއަގްވާމީ ކުންފުންނަކާ ހަވާލު ކޮށްފަ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަނެ ރަނގަޅު ކުރަންޖެހޭ ކަންކަން ބުނެ ދިނުމަށް، އިޓަލީގެ އޭސީ މިލާންގެ ކުރީގެ އެސިސްޓެންޓް ކޯޗް ޖެންސް ބެންގްސްބޯ ވެސް ގެނެސްފަ އެވެ.

ނަމަވެސް ބައްސާމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ސްޓްރެޓެޖިކް ޕްލޭނުން ހާސިލު ކުރަން ބޭނުންވާ ކަންކަން އެނގެނީ ރާއްޖޭގެ ފަރާތްކަށް ކަަމަށް ވުމުން ރާއްޖޭގެ ސްޓްރެޓެޖިކް ޕްލޭން ރާއްޖޭގެ ފަރާތްތަކުން ހެދުމަށް އޭއެފްސީ އާއި ފީފާއިން ލަފާ ދިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އޭއެފްސީގެ ޓީމުން، ކުލަބު ލައިސެންސާ ބެހޭގޮތުން ވެސް ކުލަބުތަކަށް މައުލޫމަތު ފޯރު ކޮށްދޭނެ ކަމަށެވެ.

ބައްސާމް އިތުރަށް ވިދާޅުވީ، މިމަހު ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓްވާޓް މާލެ އައުމަށް ހަމަޖެހިފައިވީ ނަމަވެސް، ކޯޗުގެ އާއިލީ ބައެއް ކަންކަން ހަމަޖެެއްސަން އެދި ފައިވުމުން، ކޯޗު އައުން އަންނަ މަހު ދެ ވަނަ ދުވަހަށް ލަސް ކޮށްފައިވަ ކަމަށެވެ.

"ކުރިން އޮތީ މިމަހު ފަހު ކޮޅު މަލެ އައިސް، އަންނަ މަހު ދެ ވަނަ ދުވަހު މަސައްކަތް ފަށާ ގޮތަށް ނަމަވެސް ކޯޗުގެ އެދުމުގެ މަތިން އިތުރު ދެ ދުވަސް ދީފައި ވާނެ މިހަރު ކޯޗް މާލެ އަންނާނީ އަންނަ މަހު ދެ ވަނަ ދުވަހު. އަދި ތިނެއް ނޫނީ ހަތަރު ވަނަ ދުވަހު މަސައްކަތަށް ނިކުންނާނެ." ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަކަށާއި ރެފްރީސް ޑައިރެކްޓަރަކަށް ބޭރުގެ އެކްސްޕާޓުން ގެނައުމަށް ބައްސާމް ވަނީ ނިންމަވަފަ އެވެ. އޭނާ ވިދާޅުވީ އެކަމަށް އޭއެފްސީގައި ރިކްއެސްޓް ކޮށްފައިވާނެ ކަމަށެވެ. އަދި އެފްސީއިން ބައެއް ނަންތައް ފޮނުވި ނަމަވެސް، މިހަރު ލަސްވަމުން ދަނީ ރާއްޖޭގެ ކްރައިޓީރިއާ އަށް ފެތޭނެ ބޭފުޅުން ހޯދުމަށް ކަމަށެވެ.