ރައީސް އަބްދުﷲ ޔާމީން

"ތަރައްގީ ގެންނައިރު ބޮޑުވާ ދަރަންޏާމެދު ހީއެއް ނުކަރުވާ"

ތަރައްގީގެ މަޝްރޫއުތައް ހިންގަން ނަގައި ލޯނުތަކުގެ ސަބަބުން ދަރަނި ބޮޑުވުމަކީ ޖެހިލުންވެ "ހީކަރުވާ" ކަމެއް ނޫން ކަމަށާއި އެއީ އަމާޒެއް އޮވެގެން ތަރައްގީ ގެނެސްދޭން ހިންގާ މަޝްރޫއުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މ. ދިއްގަރުގެ ފެނުގެ ނިޒާމު ގާއިމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް ދެވޭނީ ކުރިއަށް ދިޔުމުގެ އަޒުމެއް އޮވެގެން ކަމަށެވެ. ހިދުމަތް ކުރުމުގެ ރޫހެއް ނެތި، ކަންކަމުގައި ކުރިއަށް ދިޔުމުގެ ފަސް ޖެހޭނަމަ ގައުމުގެ ތަރައްގީއަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ އަމާޒު ވަރަށް ސީދާ ކަމަށެވެ.

"ތަރައްގީ މަޝްރޫއުތަކަށް ނަގައި ދަރަނިތަކަށް ހީކަރުވާ ބަޔަކު ހީކަރުވަންވީ، އަޅުގަނޑުމެން މި ދަރަންޏާއެކު ކުރިއަށް ދަނީ އަޅުގަނޑުމެން ހީނުކަރުވާތީ، ކުރިއަށް ދެވޭނީ ކުރިއަށް ދިޔުމުގެ އަޒުމަކާއި ރޫހެއް ހުރެގެން، ހިދުމަތް ކުރުމުގެ ރޫހެއް ނެތި މިކަންކަމާމެދު ހީކަރުވާ ކަމަށްވާނަމަ މިއަދުގެ ޒުވާނުން ގޮވައިގެން މެކުހަށް ޖަހައި ދޯންޏެއްގެ ކައްޕިކަން ކުރާކަށް އެ ބޭފުޅެއްގެ ޝަރުތު ހަމައެއް ނުވޭ،" ރައީސް ވިދާޅުވި އެވެ.

ބިޔަ މަޝްރޫއުތަކެއް މިހާރު ވެސް ހިންގަމުންދާއިރު އެ މަޝްރޫއުތަކަށް ބޮޑެތި ލޯނުތަކެއް ވަނީ ނަގާފަ އެވެ. އެކަމާ ގުޅިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

އެހެންނަމަވެސް ރައީސް ވިދާޅުވީ، މިހާރު ރަށްރަށަށް ބޭނުންވަނީ ކުދިކުދި މަޝްރޫއުތަކެއް ނޫން ކަމަށެވެ. ރައްޔިތުންގެ އެދުންތަކާއި ބޭނުންތައް ވަނީ މަތިވެފައި ކަމަށެވެ. އެއް ކުލާސް ރޫމާއި ކުނި ކޮއްޓެއް އެޅުމަކީ މިހާރުގެ ވިސްނުން ނޫން ކަމަށާއި ވިސްނުން ހުރީ ސްކޫލްގައި އެތައް ބުރީގެ އިމާރާތްތައް އަޅާ ވާހަކަ އާއި އެކި ސަރަހައްދުތަކުގައި ބޮޑެތި އެއާޕޯޓްތައް އަޅަން ކަމަށެވެ. އެކަމުގެ ސަބަބުން ބޮޑުވާ ދަރަންޏާމެދު އެމަނިކުފާނު "ހީނުކަރުވާނެ" ކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މަސައްކަތަކީ ގައުމުގައި ހުރި ބޮޑެތި ކަންކަމަށް ހައްލެއް ހޯދެއްވުން ކަމަށެވެ. ސިޔާސީ ހަނގުރާމައެއް ކުރެވުން ނޫން ކަމަށެވެ. އިސްވެ އެއްވެސް ބޭފުޅަކާ ޖަދަލު ކުރެއްވުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމާޒު ވަރަށް ސީދާ، އަޅުގަނޑު އަމާޒާއި ވިސްނުމަކީ ރައްޔިތުންނަށް ހިދުމަތްކުރުން ބޭނުންވާ ކަންކަން ކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

މަގުތަކުގައި މުޒާހަރާ ކުރުމަކީ މިހާރު އުފާވެރި ކަމެއް ނޫން ކަމަށާއި ހިތްހަމަޖެހުން ލިބެނީ ދަރިންނަށް ރަނގަޅު އަހުލާގެއް ދެވި، ޒުވާނުން އެމީހުންގެ ވަގުތުތައް ހެޔޮ ގޮތުގައި ބޭނުންކުރާ ބަޔަކަށްވުމުން ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.