ރައީސް އަބްދުﷲ ޔާމީން

ބޭރުގެ ހިމާޔަތް ހޯދައިގެން ހިދުމަތްކޮށްދިނުން ބަލައެއް ނުގަނެވޭ: ރައީސް

ބޭރުގެ ގައުމަކުން ސިޔާސީ ހިމާޔަތް ހޯދައިގެން ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކޮށްދޭން ވިދާޅުވި ނަމަވެސް އެއީ ބަަލައި ގަނެވޭނެ ވާހަކައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މ. ދިއްގަރަށް ވަޑައިގެން މިއަދު އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްކޮށް ދޭން ވިދާޅުވާ ބޭފުޅަކީ ރާއްޖޭގެ ގާނޫނު އަސާސީއަށް ބޯލަނބައި އެއަށް އިހުތިރާމްކުރާ ބޭފުޅަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެއީ ގާނޫނުގެ ކުރިމަތީގައި އެހެން މީހުންނެކޭ އެއްފަދަ ބޭފުޅަކަށް ވެސް ވާންޖެހޭނެ ކަމަށެވެ.

ރައީސްގެ މި ވާހަކަފުޅުތައް އަމާޒުކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެ މަނިކުފާނު ވަނީ އިނގިރޭސިވިލާތަށް ބޭހަށް ވަޑައިގެން ސިޔާސީ ހިމާޔަތް ހޯއްދަވާފަ އެވެ. އަދި ދިވެހިންނަށް ހިދުމަތް ކޮށްދެއްވާނެ ކަމަށާއި ދިވެހިންނަށްޓަކައި ބޭރުގައި މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުންތަކަށް ނުބަލައި، ގައުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށް ދިނުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ ދަތިތައް ހައްލުކޮށްދިނުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ސިޔާސީ އެއްވެސް ބޭފުޅަކާ އިސްވެ ޖަދަލު ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީއަށް ހުރަސް އަޅާނަމަ އެކަމަށްޓަކައިއެމަނިކުފާނު ކުރައްވަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.