ހަބަރު

ގާޒީ ބަންދު ކުރުމުގެ ދައުވާގެ ދިފާއުގައި ޒިޔާދުގެ ފަރާތުން ހެކި ހުށަހަޅައިފި

Mar 17, 2015

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގެ ދައުވާލިބޭ މުހައްމަދު ޒިޔާދުގެ ފަރާތުން ދިފާއީ ހެކިން މިއަދު ހުށަހަޅައިފި އެވެ.

އަބްދުﷲ ގާޒީ ބަންދު ކުރިއިރު ސިފައިންގެ އޮޕަރޭޝަންސް ޑައިރެކްޓާގެ މަގާމުގައި ހުންނެވި ޒިޔާދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ދިފާއުގައި އޭނާގެ ފަރާތުން ހުށަހެޅީ ސިފައިންގެ ވަޒީފާއިން މިހާރު ވަކިކޮށްފައިވާ ކެޕްޓަން އަބްދުލް މުއިއްޒު މުސްތަފާ އާއި ފަސްޓް ލެފްޓިނެންޓް އަބްދުﷲ ސައީދާއި ކެޕްޓަން ހުސައިން ރިޔާޒެވެ. އޭގެ ތެރެއިން ރިޔާޒަކީ ގާޒީ ހައްޔަރުކުރަން ދިޔަ ސްނެޗް ޓީމްގެ އިސްވެރިޔާ އަދި ކޮމާންޑަރެވެ.

އެ ތިން މީހުންގެ އިތުރުން ގިނަ އަދަދެއްގެ ލިޔުންތައް ވެސް ޒިޔާދުގެ ފަރާތުން ދިފާއީ ހެކީގެ ގޮތުގައި ޒިޔާދުގެ ފަރާތުން މިއަދު ހުށަހެޅި އެވެ. އެ ހުރިހާ ލިޔުންތަކަކާއި ހެކިވެރިންނަކީ ވެސް ގާޒީ ހައްޔަރު ކުރި އޮޕަރޭޝަންގައި ޒިޔާދު ކޮމާންޑް ނުކުރާ ކަމާއި ކޮމާންޑް ކުރުމުގެ ބާރު ޒިޔާދަށް ލިބިފައި ނެތްކަން ސާބިތުކުރަން ހުށަހެޅި ހެކި ކަމަށް ޒިޔާދުގެ ވަކީލުންގެ ޓީމުން ބުންޏެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ޒިޔާދުގެ ފަރާތުން ހުށަހެޅި ހެކިވެރިން ހާޒިރުކުރާނީ އެ މީހުން ހާޒިރުކުރަން ކޯޓަށް ފެންނަ ނަމަ ކަމަށާއި އެހެން ނޫން ނަމަ ހާޒިރު ނުކުރާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވަނީ ޒިޔާދާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ދެ މީހެއްގެ ހެކިބަސް ނަގައިފަ އެވެ. އެއީ އަބްދުﷲ ގާޒީގެ އަނބިކަނބަލުންނާއި އަނބިކަނބަލުންގެ ދައްތަގެ ހެކިބަހެވެ. އެ ދެ މީހުން ވެސް ބުނީ ގާޒީ ހައްޔަރުކުރީ ގަދަކަމުން ކަމަށާއި ހައްޔަރުކުރި ފަހުން 48 ގަޑިއެއްހާ އިރު ވަންދެން ގާޒީގެ އެއްވެސް ހަބަރެއް ނުލިބި ދިޔަ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޒިޔާދާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރެއިން އަބްދުﷲ ގާޒީ މަހްމޫދާ ޝަރީފް ނަމަކަށް ކިޔާ މީހަކު ހާޒިރު ނުކުރިޔަސް މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ހެކިންގެ ތެރޭގައި ހިމެނޭ ކުރީގެ ސީޕީ އަހުމަދު ފަސީހާއި އޭރުގެ ޑީސީޕީ އިސްމާއިލް އަތީފްގެ އިތުރުން ކާނަލް ވައިސް ވަހީދާއި އިބްރާހިމް ރަޝީދު ނަމަކަށް ކިޔާ މީހަކު ހާޒިރުކުރަން ބޭނުންވާ ކަމަށް ދައުލަތުން ބުންޏެވެ.

ފަސީހާއި އަތީފާއި ވައިސް ވަހީދުގެ އިތުރުން އިބްރާހިމް ރަޝީދު އުޅޭ ތަނެއް ނޭނގޭތީ މިހާތަނަށް އެ މީހުން ހާޒިރު ނުކުރެވޭ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ. އެހެންވެއެ މައުލޫމާތުތައް ސާފުކޮށް ކޯޓަށް އަންގަން ތިން ދުވަހުގެ މުއްދަތެއް ދައުލަތަށް ކޯޓުން ވަނީ މިއަދު ދީފަ އެވެ.