ކުރީގެ ސަރުކާރުތަކަށް ތުހުމަތުވާ ކޮރަޕްޝަންގެ ކަންކަން ނަގައި ފާޑުކިޔައި ނުހަދަނީ ފަހަރެއްގައި ވެސް އެފަދަ ކަންކަން ނެތިގެން ނޫން ކަމަށާއި އެއީ އެކަންކަން ބަލާނެ ގާނޫނީ މުއައްސަސާއެއް އޮތުުމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަންގެ ވާހަކަ ދައްކަން ސަރުކާރުން ފަސްޖެހޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން މިއަދު މ. މުލަކުގައި ރައީސް ޔާމީން ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަ ބަލައި އެއަށް ގޮތް ކިއުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ތަހުގީގުކޮށް އެކަންކަމަށް ފާޑު ކިޔަން ގާނޫނުން މަތިކޮށްފައިވާ މުއައްސަސާއެއް އޮންނަ ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ އެފަދަ ކަންކަމާ ސަރުކާރަށް ނުބެހެވޭނެ ކަމަށެވެ.
"މިނިވަން މުއައްސަސާއަކުން ކުރާ ކަމެއްގެ ގޮތުގައި ކޮރަޕްޝަންގެ ކަންކަން ތަހުގީގު ކުރުން އޮތުމަކީ އެންމެ ރަނގަޅު ގޮތް. 2008 ވަނަ އަހަރުގެ ގާނޫނު އަސާސީއާއެކު އެކަން އެ އޮތީ އެގޮތަށް ނިމިފަ. އެހެންވީމަ ކުރީގެ ސަރުކާރުތަކުން ކޮށްފަ ހުރި ކަންކަމުގެ ވާހަކަ ދައްކާފަ އޭގަ ކޮރަޕްޝަނެއް ނެތޭ، ނޫނިއްޔާ ކަމެއް ނެތީމަ ނޫންހޭ މިހާރުގެ ސަރުކާރުން އެވާހަކަ ނުދައްކަނީ.... ނޫން އެހެން ވެގެނެއް ނޫން. ހަމަޔަގީނަށް ވެސް އަޅުގަނޑުމެން ޒައާމަތުގައި ބޭނުމެއް ނުވޭ އަމިއްލަޔަށް ބަޔަކާ ހަގާކޮށް ފާޑުކިޔަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރީގެ ސަރުކާރުތަކުގައި ކަންކަން ކޮށްފައި ނެތީ ނޫން ކަމަށެވެ. އެހެން ނަމަވެސް ގާނޫނު އަސާސީން ވަކި ބަޔަކާ މަތިކޮށްފައިވާ ކަމެއް އަވަސް އަރުވާލައިގެން ސިޔާސީ ކުލައެއް ގެނެސް "މީހުން ގަންހިންގަން" ކަންކަން ކުރުމަކީ އެމަނިކުފާނުގެ ޒަމީރުފުޅު އެއް އިރެއްގައި ވެސް ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
"ކުރީގެ އޮޑިޓް ރިޕޯޓްތަކުގައި ހުންނަ މައްސަލަތައް ނަގައިގެން އެ ކަންކަން ފުލުހުންނާއި އޭސީސީން ތަހުގީގު ކުރުމަކީ ސަރުކާރާ ބެހޭ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.