- ބޯޑު އުފައްދަން ބޭރުގެ އެހީ ލިބޭނެ
- އުފައްދާނީ ގިނަ އިދާރާތައް ހިމެނޭ ގޮތަށް
- މިއީ ރާއްޖެއަށް މިހާރު މުހިންމު ކަމެއް
ރާއްޖެ އަށް އެތެރެ ކުރާ މުދަލުގެ ޔަގީންކަން އިތުރު ކުރުމަށް، ހަލާސް އެކްރިޓިޑޭޝަން ބޯޑެއް ގާއިމު ކުރުމުގެ މަސައްކަތް ފަށަން މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އިން ފަށަން ތައްޔާރުވަމުންދާ ކަމަށް ބުނެފި އެވެ.
ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާ ކުރުމަށް އުފައްދާފައިވާ، ކުންފުނި ކަމަށްވާ އެމްސީއައިއެފްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ (ޑީޑީ) "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހަލާލް އެކްރިޑިޓޭޝަން ބޯޑެއް ގާއިމު ކުރަނީ ރާއްޖެއަށް އެތެރެކުރާ ހުރިހާ އެއްޗެއް ހަލާލް ސެޓިފައި ކުރަން ލާޒިމް ކުރުމަށް ނޫން ކަމަށާއި، ނަމަވެސް އެކަން ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ، ތިޔަރިޓެޓިކަލީ މީހުން ބޭނުން ކުރަން ހަލާލު ނޫން އެއްޗެއް އެތެރެއެއް ނުވާނެ. ނަމަވެސް ތަފާތު ސަބަބުތަކާ ހެދި އެބަ އާދެ، މާކެޓު ތެރޭގައި ދައުރުވާ ބައެއް ޕްރޮޑަކްޓްތައް. ޗޮކްލެޓާއި އެކި ފާޑު ފާޑުގެ ޗީޒް ފަދަ ތަކެތި. ހާއްސަކޮށް ފުޑް ޕްރޮޑަކްޝަންގައި ހިމެނޭ 'ޖެލެޓިން' ގެ އެންމެ ފަސޭހައީ އޫރުގެ މާއްދާއެއް ބޭނުންކޮށްގެން އުފައްދާ އުފެއްދުން. އެހެންވެ މި ހިސާބަށް މޮނީޓަރިން ގެންދަން އެބަ ޖެހޭ،" ޑީޑީ ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖޭގެ ބާޒާރުގައި ވިއްކާ ބައެއް އުފެއްދުންތަކުން ވެސް މިފަދަ މާއްދާތައް ފެނިގެން އެ އުފެއްދުންތައް ބާޒާރުން ނަގާފައި ވެސް ވެއެވެ.
ޑީޑީ ވިދާޅުވީ އެފަދަ ކަންކަމަކީ ފަރުވާ ކުޑަކޮށްލައި ދޫކޮށްލެވޭނެ ކަންކަން ނޫން ކަމަށެވެ.
"ހަގީގަތުގައި އެއްވެސް މީހަކު ބޭނުމެއް ނުވޭ މިފަދަ އެއްޗިހި ކާކަށް. އެހެންވެ މިތަކެތި ރަނގަޅަށް ބެލޭނެ އިންތިޒާމެއް ގާއިމުވާންޖެހޭ. ހާއްސަކޮށް ހަލާލް ސެޓިފައިޑޭ ބުނާ ކަމަށްވާނަމަ މި ތަންތާކު ނުހުންނާނެ ހަލާލް ސެޓިފައިޑް އެކްރިޑިޓޭޝަން ބޯޑުން ނުބަލާ އެއްޗެއް،" ޑީޑީ ވިދާޅުވި އެވެ.
އެމްޑީ ވިދާޅުވީ މިގޮތަށް ސެޓިފައިޑް ކުރަން ފެށިއްޖެނަމަ، ކާނާގެ ބާވަތްތަކަށް އޮންނައިތުބާރު މިހާރަށްވުރެ ބޮޑު ވެގެންދާނެ ކަމަށެވެ.
"ހަގީގަތުގައި ރާއްޖެ ތަރައްގީ ވަމުންދާ މިދާވަރުނަމަ މި ކަންކަން އަންނަން ޖެހޭ. ހާއްސަކޮށް މުސްލިމް ޓްރެވަލާސް ދަތުރު ކުރޭ. އެހެންވެ މިބައިތައް ރާއްޖެއަށް މުހިންމު. ސަރުކާރުން ވެސް ވަރަށް އިސްކަން ދެއްވާކަމެއް މިކަން ކުރުމަކީ،" ޑީޑީ ވިދާޅުވި އެވެ.
ބޯޑުގައި ގިނަ އިދާރާތަކެއް ހިމެނޭނެ
ޑީޑީ، ވިދާޅުވީ ހަލާލް އެކްރިޑިޓޭޝަން ބޯޑުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހެލްތް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީ ފަދަ ގިނަ ވުޒާރާ ތަކެއް ވެސް ހިމެނޭނެ ކަމަށާއި އެ މިކަމަށް ބޭނުންވާ ވަސީލަތްތައް ބޭރުން ހޯދާނެ ކަމަށެވެ.
"ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ލެބޯޓްރީ ބައިވެރިވާނެ. އެތަނުގައި ކެޕޭސިޓީ މަތި ކުރަން ބޭރުގެ ފަރާތްތަކުގެ އެހީގައި މަސައްކަތް ކުރާނަން. ދުނިޔޭގެ އެހެން ތަންތާގައި ވާގޮތަކީ ވަކި މިނިސްޓްރީއަކުން ކުރުމަށްވުރެ ކޮމްޕްލިކޭޓެޑް ކަމެއް މިއީ. ހަލާލް އެކްރިޑިޓޭޝަން ދިނުމަށްފަހު ބަރާބަރަށް އޮޑިޓް ކުރަން ޖެހޭ. ސުޕަވައިޒް ކުރުން ވަރުގަދަ ވާންޖެހޭ،" ޑީޑީ ވިދާޅުވި އެވެ.
ބޭރުގެ އެހީ ލިބޭނެ
ޑީޑީ ވިދާޅުވީ ޕާކިސްތާނު ފަދަ ގައުމުތަކުން މިހާރުވެސް ރާއްޖެއަށް އެކަމުގެ އެހީ ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
"މިހާރުވެސް ދުބާއީ އާއި ސިންގަޕޫރު އަދި މެލޭޝިޔާ ފަދަ ގައުމުތަކުން އެހީތެރިކަން ލިބޭ. ޕާކިސްތާނުން ވަނީ ފުލް ސެޓަޕް ހަދައިދޭނެ ކަމަށް ޔަގީންކަން ދީފައި،"