ވިޔަފާރި

އައިޑީބީ ފަންޑްގައި އިސްލާމިކް ރިސޯޓުގެ މަސައްކަތް މި އަހަރު ފަށަނީ

  • ރިސޯޓު ހަދަން ސަރުކާރުން ރަށެއް ދީފި
  • މަޝްރޫއަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ
  • ހަލާލް ޓޫރިޒަމް ޕްރޮމޯޓް ކޮށްގެން މަންފާ ހޯދޭނެ

ރާއްޖޭގައި އިސްލާމިކް ރިސޯޓެއް ތަރައްގީ ކުރަން، އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީބީ) ފަންޑު ދީފައިވާ ކަމަށާއި، މި އަހަރުގެ ފަހުކޮޅު ބައެއް މަސައްކަތްތައް ފަށާނެ ކަމަށް މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އިން ބުނެފި އެވެ.

"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމްސީއައިއެފްގެ ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ ވިދާޅުވީ ރާއްޖޭގައި އިސްލާމިކް ރިސޯޓެއް ނުވަތަ "ހަލާލް" ޓޫރިޒަމް ގެނައުމުގެ ގޮތުން އައިޑީބީގެ އިސްލާމިކް ސޮލިޑާރިޓީ ފަންޑް ފޯ ޑިވްލޮޕްމަންޓް (އައިއެސްޑީބީ) ގެ އެހީގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ސަރުކާރުން ވަނީ އިސްލާމިކް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ދެއްވާފަ، މިހާރު ކުރިއަށް ދަނީ ރަށް ގެޒެޓް ކުރުމުގެ މަސައްކަތްތަކާއި ޕްރޮސީޖިއަލް މަސައްކަތްތަކާއި އިޖުރާއީ މަސައްކަތްތައް. މި މަސައްކަތް ފެށީ ވެސް އައިޑީބީގެ އައިއެސްޑީބީގެ ފައިނޭންސް ދެއްވާ ގޮތަށް. އިރާދުކުރެއްވިއްޔާ މި އަހަރުގެ ފަހުކޮޅު މަސައްކަތް ފެށޭނެ،" މުނީޒާ ވިދާޅުވި އެވެ. ނަމަވެސް، އައިޑީބީ އިން މި ކަމަށް ދިން ފަންޑުގެ އަދަދާއި، ރިސޯޓު ތަރައްގީކުރަނީ ކޮން ރަށެއްގައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ މި ރަށުގައި ތަރައްގީކުރާ އެނދުގެ އަދަދާއި މި ރަށް ތަރައްގީ ކުރާނެ ކޮންސެޕްޓް ހެދުން ފަދަ މަސައްކަތްތަކާ ހަމަ އަށް އަދި ނުދެ އެވެ.

"ދާދިއިހަކަށް ދުވަހަކު ރަށް ހަމަޖެހިގެން އެ ދިޔައީ. އެހެންވީމަ ރަށުގެ ހުރިހާ ލީގަލް ޑޮކިއުމެންޓްތައް ނިމުނީމަ އެއްޗެއް ދެންނެވޭނީ،" މުނީޒާ ވިދާޅުވި އެވެ.

ހަލާލް ޓޫރިޒަމަށް ރާއްޖޭގައި ފުރުސަތު ބޮޑު

އޭނާ ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގައި އެންމެ ބޮޑު ބްރޭންޑް ކަމަށާ، ނަމަވެސް މިހާތަނަށް ރާއްޖޭގައި ހަލާލް ޓޫރިޒަމް ޕްރޮޑަކްޓެއް ނެތުމަކީ ލިބޭ ހީނަރު ކަމެއް ކަމަށެވެ.

"ރާއްޖެއޭ ބުނާއިރަށް ދުނިޔޭގެ ގިނަ މީހުން ބުނާނެ މިއީ ފޭމަސް ހަނީމޫން ޑެސްޓިނޭޝަނެކޭ. ނަމަވެސް މި ފޭމަސް ހަނީމޫން ޑެސްޓިނޭޝަންގައި މުސްލިމުންނަކީ 100 ޕަސެންޓް އުޅޭ ބަޔަކަށްވާއިރުގައި ކީއްވެގެން ހެއްޔޭ ފުރުސަތު ނެތީ އިސްލާމިކް ނުވަތަ ހަލާލް ޓޫރިޒަމަށް؟ އަޅުގަނޑުމެން ދިވެހިރާއްޖެ ކަމަކުން ކުރި އަރައިގެންދާނަމަ ނަގަން ޖެހޭނީ އެ ގައުމެއްގައި އޮތް އެންމެ ބޮޑު ސްޓްރެންތު. އެހެންވެ މި ބަލަނީ އެކަމަށް،" މުނީޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ހާއްސަ ކަމަކީ ގުދުރަތީ ރީތިކަން ކަމަށާ، އެހެންކަމުން ރާއްޖޭގައި އިސްލާމިކް ޓޫރިޒަމް ތަރައްގީ ކުރެވޭނެ ކަމަށެވެ.

"އިސްލާމިކް ޓޫރިޒަމް ޕްރޮމޯޓް ކޮށްގެން އޭގެ ނީޗް މާކެޓަކަށް ވެގެން ދުނިޔޭގެ ފެންވަރުގައި އަަޅުގަނޑުމެންނަށް ހާސިލް ކުރެވޭނެ ވަނަ ތަކެއް އެބަހުރި. ދުނިޔޭގެ އެއްވެސް ގައުމަކަށް ޕްރޮމޯޓެއް ނުކުރެވޭނެ ރާއްޖޭން ހަލާލް ޓޫރިޒަމް ޕްރޮމޯޓް ކުރަން ފަށައިފިނަމަ، ސަބަބަކީ އެހެން ގައުމުތަކުގައި އެ ވަރަށް ރިސޯސަސްއެއް ނެތް. ރާއްޖޭގައި ރިސޯސަސް އެބަހުރި،" މުނީޒާ ވިދާޅުވި އެވެ.

ސޮވެރިން ވެލްތް ފަންޑެއް އުފެއްދުން

މުނީޒާ ވިދާޅުވީ އައިޑީބީގެ އެހީގައި މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ ސޮވެރިން ވެލްތް ފަންޑެއް ގާއިމް ކުރުން ކަމަށެވެ.

"މީގެން ސޮވްރިން ވެލްތް ފަންޑަކާ ލިންކް މި ކުރަނީ އިސްލާމިކް ޓޫރިޒަމާ. ލިންކް ކޮށްގެން ފައިސާ ޖެނަރޭޓް ކުރެވޭ ފަދަ ސިސްޓަމެއް ގާއިމް ކޮށްގައި މިވަނީ. އެ ކަމަށް ރައީސް އޮފީހުން ވެސް ވަނީ ހުއްދަ ދެއްވާފަ. މިއީ ވަރަށް މެގަ މަޝްރޫއެއް،" މުނީޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާމިކް ރިސޯޓު ތަރައްގީ ކުރަނީ ހަމައެކަނި އޫރު މަހާއި ރާ ނުވިއްކާ ގޮތަށް އެކަނި ނޫން ކަމަށާއި، ރިސޯޓުގެ މުޅި ނިޒާމު ވެސް ހުންނާނީ 100 ޕަސެންޓް އިސްލާމިކްކޮށް ކަމަށެވެ.

"މުޅި ލައިން ޖެހޭނެ އިސްލަމައިޒް ކުރަން. މިސާލަކަށް ޓޫރިސްޓުންނަށް މަރުހަބާ ކިޔުމާ ހިސާބުން ރިސޯޓުގައި ހުންނަ ހުރިހާ ހިދުމަތްތަކެއް ވެސް. މީގައި ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަންކަމާ ހަމައަށް،" މުނީޒާ ވިދާޅުވި އެވެ.

ރާއްޖޭގައި އިސްލާމިކް ރިސޯޓެއް ތަރައްގީ ކުރުމުގެ ވާހަކަ ދައްކާތާ ގިނަ ދުވަސް ވެއްޖެ އެވެ. އަދި ރާއްޖޭގެ ބައެއް ކުންފުނިތަކުން އިސްލާމިކް ރިސޯޓު ތަރައްގީކުރުމަށް ބޭރުގެ ކުންފުނިތަކާއެކު އެއްބަސްވުމަކަށްވެސް މީގެ ކުރި އައިސްފައި އެބަހުއްޓެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް އެއްބަސްވުމަކީ އޭޑީކޭ ކުންފުނިން ށ. ގާކޮށިބީގައި އިސްލާމިކް ރިސޯޓެއް ހަދަން ތުރުކީ ކުންފުންޏަކާއެކުވީ އެއްބަސްވުމެވެ. ގާތްގަނޑަކަށް 170 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމް ކުރި އެއްބަސްވުން ފަހުން ވަނީ އުވާލާފަ އެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ، އަލް ހުޒާމާ ކުންފުނިން ވެސް ރާއްޖޭގައި އިސްލާމިކް ރިސޯޓެއް ތަރައްގީ ކުރުމުގެ ވާހަކަތަކެއް ދެއްވި އެވެ. ނަމަވެސް ފަހުން އެ މަޝްރޫއުގެ ހަބަރެއް ނުވެ އެވެ.