(22 ޖެނުއަރީ 2017 އާ ގުޅޭ)
ހަވީރުގެ ވަގުތު ފަތަން ގޮސްފައި އައި ޝަމްއާނަށް ލިޒީމެންގޭ ގޯތިތެރޭގައި ހުރި ފިރިހެނަކު އައިރާއަށް މާވަރަކަށް ބަލަމުންދިޔަތަން ފެނި އޭނާގެ ލޭ ވަނީ ހޫނު ވެފައެވެ. އޭނާ ނޫން މީހަކަށް އައިރާއަށް ބެލިގެން ނުވާނެ އެވެ. ޝަމްއާނުގެ ނަޒަރުގައި އެފަދަ ހުއްދައެއް އައިރާ އެހެން މީހަކަށް ދީގެން ވެސް ނުވާނެ އެވެ. ހިތަށް އުނދަގޫ ވެގެން އުޅެނީ އެހެންވެ އެވެ. ލޮލަށް ނިދިނައީ ވެސް ޝަމްއާނުގެ ގާތަށް އައިސްފައި ހުރި ރުޅިއެއްގެ ސަބަބުންނެވެ.
ކަނާތްތިލަ މުއްކަވާލުމާއެކު ވައަތްތިލައިގައި ޝަމްއާނު ނިކަން ބާރަށް ޖަހާލަމުން ނުރުހުމުގައި ޗޮސް ކަނޑާލި އެވެ. ފުން ނޭވާއެއް ލާފައި އަތުކުރީގައި އޮތް ގަޑިއަށް ބަލާލި އެވެ. މެންދަމު ބާރަގަޑި ބައިވެ އެކެއްޖަހަން ކައިރިވަނީ އެވެ. މުޅި ގޭތެރެއަށް އެވަގުތު ވެރިވެފައި އޮންނާނީ ފުން ހިމޭން ކަމެއްކަން ޝަމްއާނަށް ވެސް އެނގެ އެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގާލުމާއެކު ބޮލުގެ ފުއްކިބައާ ދިމާލުގައި ކަނާތް ހިންގާލި އެވެ.
"ހުރިހާ ވެސް ނުބަޔަކީ އެ ފިރިހެނާ... ހިތަށް އަރާ މިއުޅޭ އެހެން އަންހެނުން ފަދައިން އައިރާ ނުވީ ކީއްވެބާއޭ... އެ ފިރިހެނާއާ ބަލާފައި އަހަރެން ގައިމު ހުތުރީކީ ނޫން... މިރަށުގައި އަހަންނަށް ހިތް ނުކިޔާ ޒުވާން އަންހެންކުއްޖަކު ނެތް... އެކަމަކު މި އައިރާގެ ބޮލަށް ނޭނގެ ކޯއްޗެއް ސަވާރުވެގެން ކަމެއް އެ އުޅެނީ... ލިޒީމެންގޭ ތެރޭގައި މިހާރު އޭނާ ކުރާ ކަމަކީ އެއީ ކަންނޭނގެ... އަހަންނާ ދުރުން ވެސް އެ އުޅެނީ އެ ފިރިހެނާގެ މަޅީގައި ޖެހިގެން... ލާހިކެއް ނޫން އަހަރެން ފޮނިކޮޅު ބޯނުލަނީސް އެ މާ ބިނދެލާކަށް... އަހަރެން ހަދާނެ އެއްޗެއް ހަދާ ފަހުން އެ މީހަކަށް އައިރާ ލިބޭނީ... ހީކުރާ ގޮތްތައް...!" ކޮޓަރިތެރޭ ދެކޮޅަށް ހިނގަމުން ޝަމްއާނު އޭނާގެ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. ހިނދަކަށްވުރެ ހިނދެއް އޭނާ އިރުކޮޅަކަށް ހުއްޓުން އަރާފައި ހުރި މީހަކުހެން ކޮޓަރީ ދޮރާ ދިމާއަށް ބަލަހައްޓައިގެން ޝަމްއާނު ހުއްޓެވެ. އަދި އެހެން ހުރިއިރު ތިރީތުންފަތުގައި ދަތް އަޅާލައިގެން ކަނާތުން ދަތްދޮޅިއާ ދިމާގައި އަތްހާކަމުން ދިޔަ އެވެ. ސިކުނޑީގައި ކަމެއް ރާވާ ނިންމާލި ކަހަލަ އެވެ. ކުރިއަށް ފިޔަވަޅު އަޅާލުމާއެކު ކޮޓަރީގެ ދޮރު ޝަމްއާނު ހުޅުވައިލައި ބޭރަށް ނުކުތެވެ. ސިއްރުން އުޅޭ މީހަކުހެން މަޑުމަޑުން އޭނާގެ ފަހަތުން ދޮރުލައްޕާލާ ހިނގައިގަތީ އައިރާގެ ކޮޓަރިއާ ދިމާއަށެވެ. އައިރާއަށް ހަދާލާނޭ ގޮތްތައް ހިތާއި ސިކުނޑީގައި ރާވަމުން ދިޔަ ނަމަވެސް ޝަމްއާނު ހުރީ ޖެހިލުންވެފަ އެވެ. އޭނާގެ މައިންބަފައިން ނުކުމެ ދާނެތީ އެވެ.
އައިރާގެ ކޮޓަރީގެ ދޮރު ޝަމްއާނުގެ އަތުގައި އޮތް ތަޅުދަނޑިން ހުޅުވާލި އެވެ. އަދި މީހަކަށް ނުފެންނަނީސް ހަލުވި ކަމާއެކު އައިރާގެ ކޮޓަރިތެރެއަށް ދެމިގަންނަން ވެގެން ޝަމްއާނު އުޅުނެވެ. އެހެންނަމަވެސް އޭނާ ވެސް ސިހިގެންދިޔައީ ބާރު އަޑެއް އިވިގެންނެވެ. ދޮރު ހުޅުވާލި ވަގުތު ދޮރުގައި ވިއްދާފައި ހުރި ކޮންމެވެސް އެއްޗެއް ފަހަތަށް ކެހިގެންދިޔަ އަޑެވެ.
"ކާކު؟" ފުންމައިގެން ތެދުވެވުނު އައިރާ ނިކަން ބާރަށް އަހާލިއެވެ. ގައިމަތީ އަޅާފައި އޮތް ކުލަވެއްޓި ބާވެފައި އޮތް ބެޑުޝީޓުގަނޑު މެޔާލާ ބޮނޑިކޮށްލެވުނީ އައިރާގެ ހިތް ބިރުވެރިކަމާއެކު ތެޅިގަތްލެއް ބާރުކަމުންނެވެ. ފަޅި ސިކުންތެއްގެ ތެރޭ އޭނާ އެނދުން ފޭބިގޮތަށް ކޮޓަރީގައި ހުރި ސުވިޗު ޖައްސާލި އެވެ. އެއާއެކު މުޅި ކޮޓަރިތެރެއަށް ހުދުއަލި ފެތުރިގެންދިޔަ އެވެ. ބިރުން ހުރެ މަޑުމަޑުން އެއްފަރާތަށް ޖެހެމުން އައިސް ކުޑަކޮށް ހުޅުވިފައި ހުރި ދޮރަށް ބަލާލިއެވެ. ބޭރުގައި ހުރި ފަނޑު އަލިކަމުގެ ތެރެއިން މީހަކު އައިރާއަކަށް ނުފެނުނެވެ. ކަންބޮޑުވެފައި ހުރެ ދޮރުލައްޕާލާފައި ދޮރުގައި ޖައްސާފައި ހުރި މޭޒު ދޮރާ ކައިރިކޮށްލި އެވެ.
"ނަސީބެއް މޭޒު ޖެއްސުނުކަން... އެ އައީ ޝަމްއާނު ނޫން މީހަކަށް ނުވާނެ... އޭނާ އެހާ ފަސޭހައިންނެއް ނުދާނެ..." ހާސްވެފައި ހުރެ އައިރާއަށް އަމިއްލަ ނަފްސަށް ބުނެލެވުނެވެ.
ނަސީބު ރަނގަޅުކަމުން ރޭގެ ބާކީ އޮތްބައިގައި ޝަމްއާނުގެ އުނދަގުލެއް އައިރާއަކަށް ނުފޯރި އެވެ. އެހެން ނަމަވެސް ހަމަޖެހިލައިގެން އޮވެ އައިރާއަށް ނިދޭ ގޮތެއް ނުވިއެވެ. ދޭތެރެއަކުން ހޭލެވުމާއެކު ދޮރާ ދިމާއަށް އޭނާއަށް ބަލާލެވެއެވެ. ނިދީގެ ފުރިހަމަ އަރާމެއް އޭނާއަކަށް ނުލިބުނެވެ. ފަތިސް ނަމާދަށް ތެދުވުމާއެކު ތުވާލި ހިފައިގެން ކޮޓަރިއާ ޖެހިގެން ހުރި ކުޑަ ފާޚާނާ ގަނޑަށް އައިރާ ވަދެފައި ނުކުތެވެ. އޭނާގެ ދުވަސް ފެށުނީ އެވެ. މޫނުދޮވެލައި ވުޟޫކޮށްލައިގެން ނުކުމެ ފަތިސް ނަމާދު ކުރުމަށްފަހު އައިރާ ބަދިގެއަށް ވަންއިރު ދުނިޔެމަތި އަލިވާން ކައިރި ވެސް ނުވެއެވެ. ނަމަވެސް ބަދިގެއަށް ވަންގޮތަށް އަވަހަށް ފުށްމޮޑެ ރޮށިފިހަން އުޅުނެވެ. މެންދުރަށް ވާވަރަށް ރޮށިފިހެފައި ލައިގެން ކާނޭ އެއްޗެއް ތައްޔާރުކުރި އެވެ. ތާއިބުއަށް ޚާއްޞަ ބާމިޔާ ތޮޅީގައި ސަޓަނި ތައްޔާރު ކުރިއެވެ. ޝަމްރާއަށް ޚާއްޞަ ސޮސެޖާއި ފިޔާމިރުސް އެޅި ބިސްގަނޑުގެ އިތުރުން އޮރެންޖު ފަނި ތައްޔާރުކުރި އެވެ. އެ ހުރިހާ މަސައްކަތެއްކޮށް ނިންމާލާފައި ބަދިގެއިން އައިރާއަށް ސަލާމަތްވެވުނީ ހަތެއް ޖަހަން އުޅެނިކޮށެވެ. އަވަސްއަވަހަށް ސައިތަށްޓަކައި ހުސްރޮށިކޮޅެއް ކާލައިގެން ބަދިގެއިން ނުކުން ގޮތަށް އައިރާ ފާޚާނާއަށް ވަދެ ފެންވަރައިގެން ނުކުތީ އޮފީހަށް ދާން ތައްޔާރުވާށެވެ. ގޭތެރޭގައި އުޅޭ މީހެއްގެ މޫނަކަށް ބެލުމެއް ނެތި އެވެ. ކުރަން ހަވާލުވެފައި ހުރި މަސައްކަތްތައް ބަރާބަރަށް ކޮށްފައި ހުރުމުން އިތުރަށް ކުރާނޭ ކަމެއް ނޯންނާނޭކަން އައިރާއަށް ޔަޤީން ވެއެވެ.
ދޮރޯށި ހުޅުވާލަފައި އޮފީހަށްދާން ނުކުން ވަގުތު އައިރާ ސިހުނީ ބޭރުފާރު ކައިރީގައި ޝަމްއާނު ލެނގިލައިގެން ހުރި ތަން ފެނިފަ އެވެ. ހަމައެހިނދު ލިޒީމެންގޭ ޔޯލީގައި އޮތް ނިޔާނު ވެސް އައިރާގެ ލޮލުގައި އަޅައިގަތެވެ. އެހެންނަމަވެސް މިއަދު އައިރާއަށް އިސް އުފުލާ ބަލާލަން ވެސް ނުކެރުނެވެ. ފާރު ކައިރީ ހުރި ޝަމްއާނު ބޫޓަށް އަރައިގެން ހުރިއިރު އޭނާއަށް ހުރީ ވަރަށް ބޮޑަށް ހޫނުވެ ދާތިކިތަކުން ފެންވެރޭވަރުވެފަ އެވެ. އެހެންވެ އޭނާ އެ އައީ ދުވެފައިކަން އައިރާއަށް އެނގެ އެވެ.
ދޮރޯށި ހުޅުވާލާފައި ނުކުން އައިރާ ބަލާ ނުލުމުން ނިޔާނުގެ ހިތަށް އުނދަގޫތަކެއް ވެގެން ދިޔަ އެވެ. އެހެންނަމަވެސް އައިރާގެ ހަރަކާތްތަކަށް އޭނާ ބަލަން އިނެވެ. އެންމެ ފަހަރަކު ވިޔަސް އޭނާއާ ދިމާއަށް ބަލާލާތީ ހިތާހިތުން އެދެވެން ވެސް އެދެވުނެވެ. އެހެން އިންދާ ނިޔާނުގެ ޟަމީރަށް ލޮޅުން ގެނުވީ އައިރާމެން ގޭ ފާރުގައި ލެނގިލައިގެން ހުރި ޒުވާނާ ކުއްލިއަކަށް އައިރާގެ އަތުގައި ހިފުމުންނެވެ. އޭނާ ސިއްރު ވާހަކަތަކެއް އައިރާއަށް ދެއްކުމަށްފަހު ހެނީ އެވެ. ނަމަވެސް އައިރާ މަސައްކަތް ކުރަމުން ދިޔައީ އެ ޒުވާނާގެ އަތް އައިރާގެ އަތުން ނައްޓުވާލެވޭތޯ އެވެ. ހިތަށް ނުބައި އަސަރުތަކެއް އިހުސާސްކުރެވިގެންދިޔަ ނިޔާނަށް ޖޯލީގައި ނީނދެވުނެވެ. ގޮތް ނޭނގޭ ރުޅިއެއް ނިޔާނުގެ ނަފްސު ވަށައިގެން ބައްދަން ފެށިއެވެ. ނިޔާނު ތެދުވެގެން އައިސް ލިޒީމެންގޭ ފާރުބުރީގައި އަތްއަޅުވާލުމާއެކު ސީދާ އައިރާއަށް ބަލަން ފެށިއެވެ. އެވަގުތު އެ މަގުންލާފައި ސައިކަލެއް ދިއުމުން އައިރާގެ އަތުން އެ ޒުވާނާ ދޫކޮށްލި މަންޒަރު ނިޔާނަށް ފެނުނެވެ. އައިރާ އަވަސް އަވަހަށް ދުއްވައިގަތީ އެ މީހަކާ ދުރަށެވެ. ނިޔާނަށް އެންމެ ނަޒަރެއް ވެސް ނުދީއެވެ. ނިތަށް ގިނަވެގެން ދިޔަ ރޫތަކާއެކު ނިޔާނު ތުންފިއްތާލި އެވެ. އެހިނދު ހައިރާންކަމެއް ލިބިގެންދިޔައީ އައިރާގެ އަތުގައި ހިފި ޒުވާނާ ނިޔާނަށް ބަލާލި ގޮތް ފެނިފަ އެވެ. ހިނި އައިސްފައި ހުރި އިރު އޭނާގެ އެ ހިނިތުންވުމުގައިވަނީ ހިތްހެޔޮ ކަމެއް ނޫންކަން ނިޔާނަށް ދެނެގަންނާކަށް އުނދަގުލެއް ނުވި އެވެ. މަކަރުވެރިކަމާއި ޖަދަލު ކުރުން އޭނާގެ ހުރިހެން ނިޔާނަށް ހީވިއެވެ. އަދި އެ ހިނިތުންވުމަކީ ގަސްދުގައި އޭނާ ނިޔާނާއި ބަދަލުކޮށްލި ހިނިތުންވުމެއް ކަހަލައެވެ. ބަލަބަލާ ހުއްޓާ އެ ޒުވާނާ ދޮރޯށި ހުޅުވާލާފައި ގޭތެރެއަށް ވަދެ ގެއްލިއްޖެ އެވެ.
އިރުއޮއްސެން އުޅެނިކޮށް ލިޒީގެ ފަހަތުން ނިޔާނު ހިނގަން ފެށި އެވެ. އޭނާގެ ސުވާލަށް ޖަވާބެއް ނުލިބިގެންނެވެ. ނިޔާނު އެނގެން ބޭނުންވަނީ ލިޒީ އިސްކޮށް ހުރެ ބާއްވަން އުޅޭ ބާބެކިއުއަށް އައިރާ އަންނާނެތޯ އެވެ. ނަމަވެސް ހަމަ ހިލާ އެ ސުވާލަށް ލިޒީ ޖަވާބު ދޭ ގޮތެއް ނުވި އެވެ. ދިމާކޮށްލުމުގެ ދެތިން ބަހެއް ބުނެލާފައި ވާހަކަ ބަދަލު ކޮށްލަނީ އެވެ. އައިރާގެ ވާހަކަ ނިޔާނުގެ ގާތުގައި އެއްގޮތަކަށް ވެސް ލިޒީ ދައްކަން ބޭނުންނުވާހެން ވެސް ބައެއް ފަހަރަށް ނިޔާނަށް ހީވެއެވެ. ލިޒީގެ ގާތުން ކަމެއް އޮޅުން ނުފިލުމުން އެންމެން ފަހުން ޖުވައިގެން ގާތުގައި ވެސް އަހަން ފެށި އެވެ.
"ސީރިއަސްކޮށް ހަމަތެދެއް މިބުނީ... އަހަންނަކަށް ހަމައެއްގޮތަކަށް ވެސް ނޭނގެ... ލިޒީގެ ވާހަކަ ހުރި ގޮތުން ހިޔެއް ނުވޭ އައިރާއަށް އާދެވިދާނެހެން... އަހަރެން ދެންތަ ޚިޔާލެއް... އެހާވަރުން ބާބެކިއުގައި އައިރާ ބައިވެރި ކުރަން ނިޔާނު ބޭނުންވާނަމަ ނިޔާނު ބުނަންވީނު އޭނާގެ ގާތުގައި... މަށަށް ވަރަށް ހީވޭ ނިޔާނު ބުނެފިއްޔާ އައިރާ ނާންނަން ހުރެފައި ވެސް އަތުވެދާނޭހެން" ޖުވައިން ބުންޏެވެ.
"މީހަކު ފެންނަ އިރަށް ލަދުން ދުވެ ފިލާ ކުދީންނާ ވާހަކަ ދައްކާނޭ ގޮތެއް އަހަންނަކަށް ނޭނގޭ" ކުޑަކޮށް ހީނލާފައި ނިޔާނު ބުނެލި އެވެ. އޭރު އޭނާގެ ސިކުނޑިއަށް އައިރާގެ ހަރަކާތްތައް ސިފަވެގެން ދިޔައެވެ.
އިޝާ ނަމާދުން ފައިބައިގެން ކޮޓަރިން އައިރާ ނުކުންއިރު ގޭތެރެ އޮތީ ހިމޭންވެފަ އެވެ. އައިރާ ކޮޓަރިއަށް ވަންއިރު އެންމެން ގޭތެރޭގައި އުޅެއެވެ. ރޭގަނޑު ހަމަނިދި ނުލިބޭތީވެ ވަރުބަލިކަން ނުފިލާ ހުންނަހެން އައިރާއަށް އިހުސާސްވެ އެވެ. އެހެންވެ އޭނާ ހަވީރު އެންމެން ސައި ބުއިމުން ކޮޓަރިއަށް ވަނީ ގޭގައި އެންމެން އުޅޭ ވަގުތެއްގައި ޝަމްއާނުގެ އުނދަގުލެއް ނުޖެހޭނެކަން ޔަޤީންވާތީ އެވެ. ކުޑަކުޑަ ވަގުތުކޮޅަކަށް ވިޔަސް ހަމަޖެހިގެން އައިރާއަށް ނިދާލެވުނެވެ. އެހެންނަމަވެސް ކޮޓަރިން ނުކުންއިރު މުޅި ގޭތެރެއަށް އޮތީ ފުން ހިމޭންކަމެއް ވެރިވެފައެވެ. އެހެންނޫނީ ހިޝްމާ ވެސް އާންމުކޮށް ސިޓިން ރޫމުގައި ޑްރާމާ ބަލަން އެ ގަޑީގައި އިންނާނެ އެވެ. ކޮޓަރި ހުޅުވާލައިގެން ލެޕްޓޮޕުން ފިލްމު ބެލުމުގައި އުޅޭ ޝަމްރާގެ އަޑެއް ބަޑެއް ވެސް ނީވުނެވެ. އައިރާ އައިސް ޝަމްރާގެ ކޮޓަރީގައި ޓަކިދީފައި ދޮރު ހުޅުވާލަން އުޅުނެވެ. އެހިނދު ދޮރު ތަޅުލާފައި ހުރިކަން އައިރާއަށް އެނގުނީ ދެނެވެ.
"ދައްތަ ބޭރަށް ދިޔައީބާ؟ އެކަހަލަ ވާހަކައެއް ނުވެސް ބުނޭ..." އައިރާ ވިސްނުމެއްގައި ހުރެ ޔަޤީންކޮށްލުމުގެ ބޭނުމުގައި އައިސް ހިޝްމާގެ ކޮޓަރީގައި ހިފާލިއެވެ. އެ ކޮޓަރި ވެސް ހުރީ ތަޅުލާފަ އެވެ.
އެކަނިމާއެކަނި ގޭގައި ނުހުންނަންވެގެން ލިޒީއަށް އައިރާ ގުޅިއެވެ. ފޯނުން ވާހަކަ ދައްކަމުން ސިޓިންރޫމާ ދިމާއަށް އަންނަނިކޮށް ކުއްލިއަކަށް ޝަމްއާނުގެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިއުމާއެކު އައިރާގެ އަތުގައި ހިފާ ދަމައިގަތެވެ. ޝަމްއާނު ދަމައިގަތްލެއް ބާރުކަމުން އައިރާގެ ކަނާތު ކޮނޑުހުޅަށް ވެސް ތަދުވި އެވެ. އަދި އޭނާ ޝަމްއާނުގެ ކޮޓަރިތެރެއަށް އެއްލާލި ފަދައަކުން ތަޅުން މައްޗަށް ވެއްޓި އަތުން ފޯނު ދޫވެއްޖެ އެވެ. ހަމަ އެހިނދު އައިރާގެ ހަޅޭކުގެ އަޑު އިވިގެންދިޔަ އެވެ. އަނގަ ބަންދުވީ އައިރާގެ ކޯތާފަތަށް އަރައިގެން ދިޔަ ޝަމްއާނުގެ ހޫނު އަތްތިލައިގެ އެތިފަހަރުންނެވެ. އެންމެ ފަހަރަކު ނޫނެވެ. ތިން ހަތަރު ފަހަރަށް އައިރާގެ ކަންފަތްމަތީ ޝަމްއާނު ޖަހައިފި އެވެ. ވީތަދުންނާއި ނަގަންފެށި ދިލައަކުން އައިރާގެ ދެ ލޯ ފެންކަޅިވެއްޖެ އެވެ. އައިރާ ތެދުވަން އުޅުމުން ވެސް ޝަމްއާނުގެ ދެއަތުން އަޅާ އޭނާ ކޮށްޕާލަ އެވެ. ވަށައިގެން އައިރާއަށް ނަޒަރު ހިންގާލެވުނެވެ. ޝަމްއާނުގެ މައްޗަށް ގަދަވާނޭ ގޮތެއް ހޯދުމަށެވެ. ނަމަވެސް ނިކަމެތިވެގެންދިއުން ނޫން ކަމެއް ނުވިއެވެ. އައިރާގެ ބުރުގާއާއެކު އޭނާގެ ބޮލުގައި ޖަހާފައި ހުރި ހުޅީގައި ހިފާ ޝަމްއާނު އޭނާ ނެގިއެވެ. އެނދުމައްޗަށް ވައްޓާލާ ކަރުގައި ދެއަތްތިލަ ވަށާލާ ބާރުކޮށްލި އެވެ. ނޭވާ ހާސްވެ އައިރާ ކޮށިއެރުމުން ކަރަށް ދުލެއް ދިނުމާއެކު ޝަމްއާނު ހޭން ފެށި އެވެ.
"އަނިޔާވެރިކޮށް ކަންތައްކުރާން ވެސް އަހަރެން ދަންނަން... މިހެން ކަންތައްކުރާން އަހަންނަށް މަޖުބޫރު ކުރުވީ އައިރާ... އެހެން ފިރިހެނުން މި ހަށިގަނޑަށް ކިތަންމެ ވަރަކަށް ބެލިޔަސް ވަރިހަމަ... އަހަރެން ދޯ ބަލައިގެން ނުވަނީ... އަހަންނަށް ހުއްދަ ވެސް ނުދެނީ... އެހެން މީހުންނަށް ހުރިހާ ކަމެއް ހުއްދަ... ނޫންތަ؟" އައިރާގެ ކަރުގައި ޝަމްއާނު ހިފާފައި ހުރުމުން އޭނާއަށް ވާހަކަ ދައްކަން އުނދަގޫވި އެވެ. އެހެންވެ ދެފަރާތަށް ބޯހޫރުވޭތޯ އުޅުނެވެ. އޭރު ދެ ލޮލުގެ ހިމަކޮޅުންލާފައި ކަރުނަތައް ކަންފަތުގެ ވޮށި ކައިރިން ފައިބަމުން ދިޔައެވެ. ޝަމްއާނުގެ ނޭވާ އައިރާއަށް އިހުސާސްވާ ގާތަށް މޫނާ މޫނު ގާތްކޮށްލި އެވެ. އެއާއެކު އައިރާ މޫނު އަނބުރާލަން އުޅުނެވެ. ނަމަވެސް ގަދަކަމުން އައިރާގެ މޫނުގައި ޝަމްއާނު ހިފެހެއްޓި އެވެ. އައިރާގެ ގިސްލުމުގެ އަޑު ބޭރުވެގެންދިޔައީ ޝަމްއާނު ކުރާން ފެށި ކަމަކުންނެވެ. ޝަމްއާނުގެ މޫނާ މޫނު ދުރުކޮށްލަން ކިތަންމެހާ ވެސް އައިރާ ބޭނުންވި އެވެ.
"އޭތް! ޖަނަވާރު... މި ދޮރުހުޅުވާ..." ބަންބަންލާފައި ދޮރުގައި ތަޅައިގަތް އަޑާއެކު ޝަމްއާނު ސިހުނެވެ. ހަދާނޭ ގޮތެއް ނޭނގިފައި އޭނާގެ ދެއަތުގެ ތެރޭ ހައްޔަރުވެފައި އޮތް އައިރާއަށް ބަލާލި އެވެ.
"އަހަރެން ދޫކޮށްލާ..." ގިސްލެވިފައި އައިރާއަށް ބުނެލެވުނެވެ. އެހެންނަމަވެސް އެއަޑެއް ޝަމްއާނަކަށް ނީވުނެވެ. ކުއްލިއަކަށް އޭނާގެ ގަދަފަދަކަން ފިލާ ރައްކާވެއްޖެ ކަހަލައެވެ. ފިނޑިކަން އިހުސާސްވެ މޭގައި އޮތް ހިތް ތެޅެންފަށައިފިއެވެ.
"ކަލޭ މީހުން ކައިރީ މަށަށް ފާރަލާން ވެސް ބުނަނީތަ؟ މީ އަހަރެންގެ ގެ... އަހަރެންގެ ކޮޓަރި... ކަލެއަކީ ވެސް އަހަރެންގެ މީހެއް... އަހަރެން އުފާކުރަން ހުރި މީހެއް... ނިކަން އެންމެ އަޑެއް ވެސް ލައްވާލަބަލަ... ބޭރަށް ނުނިކުމެވޭ ވަރަށް ދެ ލޯ ދުޅައަރުވާލާނަން..." ޝަމްއާނު ހަމައެކަނި އަނގައިން އިންޒާރު ދިނީކީ ނޫނެވެ. އަނެއްފަހަރު އައިރާގެ މޫނުމަތީގައި އެތިފަހަރެއް ޖަހައިފިއެވެ.
"ހަމަމިހާރު މި ދޮރުހުޅުވާ... އެހެންނޫނީ ދޮރުވައްޓާލާފައި ވިޔަސް ވަންނާނަން... ޕޮލިސްސްޓޭޝަންއަށް މި ގުޅަނީ..." ދޮރުގެ އަނެއްފަރާތުގައި އަންހެނަކު ބުނިއަޑު އިވުމާއެކު ޝަމްއާނު އަވަސް އައިރާ ދޫކޮށްލައިފި އެވެ. އައިރާ ފުންމައިގަތުމާއެކު އައިސް ދޮރު ހުޅުވާލިއެވެ. އެވަގުތު ދޮރުމަތީ ހުރި ލިޒީ ބޮޑު ކަތިވަޅިޔެއް އަތަށް ހެޔޮވަރުކޮށްލައިގެން ހުރެ ހުޅުވިގެން ދިޔަ ދޮރާ ދިމާއަށް އޭތި މަޅައިލަނީ އެވެ. (ނުނިމޭ)