ވިޔަފާރި

މާފުށީގެ ބިންތަކުގައި ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވަނީ

Jan 24, 2017
4
  • މަސައްކަތް ކުރަނީ ވުޒާރާތަކާ ގުޅިގެން
  • އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ހުއްޓުވާނެ
  • މާފުށީގެ ގިނަ ބިންތައް ބޭނުންކުރަނީ ގަވާއިދާ ހިލާފަށް

ރާއްޖޭގައި އެންމެ ފުޅާކޮށް ވިޔަފާރިކުރާ ކ. މާފުށީގެ ބައެއް ބިންތަކުގައި ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ކައުންސިލުން ފަށައިފި އެވެ.

މާފުށީ ކައުންސިލްގެ ނައިބު ރައީސް މަޖްދާ އިބްރާހިމް "އަވަސް" އަށް ވިދާޅުވީ އެ ރަށުގެ ގިނަ ބިންތަކުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ކަމަށާއި، މި މައްސަލައިގައި ފިޔަވަޅު އަޅަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުން ނިންމާފައިވަނީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ ހުއްދަ ލިބިގެން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ގިނަ ތަންތަން ބޭނުން ކުރަނީ ގަވާއިދާ ހިލާފަށް. އެހެންވެ މިކަމުގައި އަތޮޅު ކައުންސިލާއި މިނިސްޓްރީތައް ގުޅިގެން މި ނިންމުން ނިންމަނީ،" މަޖްދާ ވިދާޅުވި އެވެ.

ރަށުގެ ބައެއް ބިންތަކުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާތީ ބައެއް ވިޔަފާރިވެރިން ވަނީ ޝަކުވާ ކޮށްފަ އެވެ. މިގޮތުން ރަށުގައި ހިންގާ ބައެއް ރެސްޓޯރެންޓްތަކުން ހުއްދަނެތި، ރަށުގެ އަތިރިމަތި ބޭނުން ކުރުމުގެ ސަބަބުން މާފުށީގެ ގިނަ ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ބައެއް ވިޔަފާރިވެރިން ވެސް ބުނެފައިވެ އެވެ.

ކައުންސިލްގެ ނައިބް ރައީސް މަޖުދާ ވިދާޅުވީ މި އުސޫލުގެ ދަށިން، އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ރަށުގައި ހުރި މި ފަދަ ބިންތަކުގައި ހިންގާ ވިޔަފާރިތައް ހުއްޓުވަން ނިންމާފައިވާ ކަމަށެވެ.

"މިހާރު ބިންތަކުގައި ވިޔަފާރި ކުރާ ގޮތުން ސަރުކާރަށް އާމްދަނީވެސް ނުލިބޭ ގޮތަށް ތަންތަން އެބަ ހިންގާ. އެހެންވެ މި ފިޔަވަޅު އަޅަން ނިންމީ،" މަޖްދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އުސޫލު ކަނޑައެޅުމާއެކު ރަށުގައި އިޖުތިމާއީ ޒިންމާގެ ދަށުން، ބައެއް ހިދުމަތްތައް ދިނުމާއި ކައުންސިލަށް އާމްދަނީ ވެސް ލިބިގެންދާނެ ކަމަށެވެ.

މާލެ އަތޮޅު ކައުންސިލުން ވާހަކަ ދެއްކެވި އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ މާފުށީގައި ބައެއް ރެސްޓޯރެންޓްތަކުން ބިންތައް ގަވާއިދާ ހިލާފަށް ބޭނުންކުރާ ކަމަށެވެ.

"މިކަމުގައި އަތޮޅު ކައުންސިލުން ވިޔަފާރިތަކަށް ޑޯ ޓު ޑޯ ވަނީ ގޮސް ބައްދަލުކޮށްފަ. ބައްދަލު ކުރުމަށްފަހު ކައުންސިލުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް ބިންތަކުގައި ކުރާ ވިޔަފާރިތައް ހުއްޓުވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މާފުށީގައި 48 ގެސްޓްހައުސް ހިންގައެވެ. އަދި މި ރަށަށް މަހަކު 10 ވަރަކަށް މިލިއަން ޑޮލަރު ލިބޭ ކަމަށް އަންދާޒާ ކުރެވެ އެވެ.