ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެންދަވަނީ ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ހުރިހާ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ކަމަށާއި ފ. މަގޫދޫއަކީ އެކަމުގެ ނަމޫނާ ރަށެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަގޫދޫގައި އަލަށް ހެދި މިސްކިތާއި ބަނދަރު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މަގޫދޫ އިން ރައީސް ޔާމީންއަށް ދިނީ އަށް ވޯޓް ކަމަށާއި އަދި އިދިކޮޅު އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދަށް 290 ވޯޓު ދިން ކަމަށެވެ. ނަމަވެސް އެއަށް ބެލުމެއް ނެތި ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ކުރީކޮޅު އިސްކަމެއް ދެއްވީ މަގޫދޫ ރައްޔިތުންނަށް އެންމެ ބޭނުންވެފައި އޮތް ބަނދަރުގެ ދަތިކަން ހައްލު ކޮށްދެއްވަން ކަމަށާއި އެއިން ދޭހަ ވަނީ ރައީސް ޔާމީން ސިޔާސީ ގޮތުން އެއްވެސް ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދަވައި ދެއްވަން މަސައްކަތް ކުރެއްވުން ކަމަށެވެ.
"އާބާދީ ގޮތުން ރަށް ބޮޑު ނޫނަސް، ރަށުގައި 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބަނދަރު ހެދުމުގެ ބޮޑު މަޝްރޫއެއް ނިންމާލުމަކީ ރައީސް ޔާމީންގެ ހިތްޕުޅުގައި [މަގޫދޫ] ރައްޔިތުންނަށް އޮތް ހާއްސަ އަހަންމިއްޔަތު. އަދި ވަކި ސިޔާސީ ފިކުރަކަށް ނުބައްލަވާކަން ދޭހަކޮށްދޭ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިދިޔަ ތިން އަހަރު ތެރޭގައި 30 ރަށެއްގައި ބަނދަރާއެކު ލަފާ ފޭބުމުގެ ދަތިކަން ހައްލުކޮށްފައިވާ ކަމަށާއި އޭގެ އިތުރުން 45 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށް ދާ ކަމަށެވެ.
ސަރުކާރުން 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން މަގޫދޫގައި ބަނދަރެއް ހަދާ ނިންމާލާފައިވާ އިރު އެ މަޝްރޫއު ތެރޭގައި ވަނީ ތިން ހެކްޓަރުގެ ބިން ވެސް އެ ސަރަަހައްދުން ހިއްކާފަ އެވެ. އަދި ޒަމާނީ ފެންވަރަށް ހަދާފައިވާ މިސްކިތެއް އެ ރަށުގައި މިއަދު ހުޅުވިގެން ދިޔައިރު ސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވެސް މަގޫދޫގައި މިހާރު ވަނީ ފަށާފައެވެ.