ކޯޓުތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ތެރެއިން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ހިމެނޭ ބެންޗް ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ކުޑަކޮށްލައިފަ އެވެ. އެކަން ކުރުމަށް ޖޭއެސްސީން ނިންމީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން ބެންޗުން ބާކީ ކޮށްގެންނެވެ. ޖޭއެސްސީން އެ ނިންމުން ބިނާކުރީ ކޮން ސަބަބުތަކަކާ ހުރެކަން އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. އެކަމާ ގުޅިގެން މުއުތަސިމް ވެސް އަދި ފާއިޒް ވެސް ބަހެއް ވިދާޅެއްނުވެ އެވެ.
ފާއިޒް އާއި މުއުތަސިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ވަނީ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރައްވައިފަ އެވެ. އެބޭފުޅުންގެ މަސައްކަތުގައި ފެނުނީ ކޮންކޮން ކަންތައްތަކެއް ހެއްޔެވެ؟ އެބޭފުޅުންނާ ބެހޭ ގޮތުން އާންމުންނަށް އެނގެނީ ކިހާވަރަކަށް ހެއްޔެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ފާއިޒް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ހައިކޯޓާއި ސިވިލް ކޯޓުގެ ގާޒީ ކަން އަދާ ކުރައްވައިފަ އެވެ. ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ތައުލީމް ހާސިލް ކުރެއްވި ފާއިޒް ވަނީ އާ ގާނޫނު އަސާސީއާ އެކު އުފެއްދި އިންތިގާލީ ސުޕްރީމް ކޯޓުގައި ވެސް ފަނޑިޔާރުކަން ކުރައްވައިފަ އެވެ. އެ މަރުހަލާ ނިމި 2010 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި އެކުލަވާލި ސުޕްރީމް ކޯޓުގެ ބެންޗަށް އޭނާގެ ނަން ހުށަހެޅީ އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީންނެވެ.
ނަމަވެސް ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާ އަދި ސަރުކާރާ ދެމެދު އޭރު އުފެދުނު ނުތަނަވަސް ކަމުގެ ތެރެއިން ފާއިޒް ވެވަޑައިގަތީ އެމްޑީޕީގެ ފާޑު ކިޔުން ވެސް އަމާޒުވި ބޭފުޅަކަށެވެ. އަދި އެމަނިކުފާނަކީ އުއްތަމަ ފަޑިޔާރު ނަމަވެސް ފާއިޒް ފެނިވަޑައިގަތީ ލީޑަޝިޕް ދެއްކެވުމުގައި ތަންކޮޅެއް ލޮނުމަޑު ބޭފުޅެއްގެ ގޮތުގަ އެވެ. މުހިންމު ބައެއް ހައްސާސީ މައްސަލަތަކުގައި އެ މަނިކުފާނު ހިޔާރު ކުރައްވަނީ ހަނު ހުންނެވުމެވެ. ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ލީޑަޝިޕް ދައްކަވަން ޖެހޭ ވަގުތުތަކުގައި ފާއިޒް ވަނީ ފަހަތު ފަޔަށް ބުރަވެ ވަޑައިގެންފަ އެވެ.
"ފާއިޒް ފެނިވަޑައިގަތީ ލީޑަޝިޕް ރަނގަޅު ބޭފުޅެއްގެ ގޮތުގައެއް ނޫން. އެގޮތަށް އެ ދިމާވީ ސުޕްރީމް ކޯޓުގެ ތެރޭގައި އެ މަނިކުފާނަކީ މަގުބޫލް ބޭފުޅަކަށް ނުވުން ކަމުގައި ވެދާނެ. އެ މަނިކުފާނާއި ދެން ތިއްބެވި ފަނޑީޔާރުންނާ މެދު ހިޔާލު ތަފާތުވުން އުޅުން ވެސް ގާތް،" ގާނޫނީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ފާއިޒް މަގާމުން ދުރުކުރަން ނިންމީ މިފަދަ އެތައް ސަބަބުތަކަކާ ހުރެ އެމަނިކުފާނަކީ ސިޔާސީ ބޭފުޅުންގެ މެދުަގައި މަގުބޫލް ފަރާތަކަށް ނުވާތީ ކަމަށް ވެދާނެ އެވެ. ކޮންމެ އަސާސަކަށް ބިނާކޮށް ޖޭއެސްސީން އެ ނިންމުން ނިންމި ނަމަވެސް ފާއިޒް ފެނިވަޑައިގަތީ ބާރެއް ނެތް އުއްތަމަ ފަނޑިޔާރެއްގެ ގޮތުގަ އެވެ. އެ މަނިކުފާނު ހުންނެވީ ހަމައެކަނި ނަމެއް ޖައްސަވައިގެން ފޮޓޯގަޑެއްގެ ގޮތުގަ އެވެ. ބެންޗްގައި ދެން ތިއްބެވި ފަނޑިޔާރުންގެ ތެރޭގައި ފާއިޒް ހުންނެވީ ފިތިވަޑައިގެން ކަމަށް ވެސް ވެދާނެ އެވެ. ފާއިޒްގެ ބަހަކަށް ގައުމުގެ އިންތިޒާރު ކުރި ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް އަދިވެސް އިހުތިޔާރު ކުރެއްވައިގެން ހުންނެވީ ހަނު ހުރުމެވެ.
މިއީ ސުޕްރީމް ކޯޓުގައި ބެންޗްގައި ހުންނެވި އެންމެ ތަފާތު ފަނޑިޔާރެވެ. އެންމެ ބޮޑަށް ބާކީ ވެފައި ވެސް ހުންނެވި ފަނޑިޔާރެވެ. މުއުތަސިމް މީހުންގެ މެދުގައި މަޝްހޫރީ ސުޕްރީމް ކޯޓުން ނެރުއްވާ ބޮޑެތި ގިނަ މައްސަލަތަކުގައި އެ ކޯޓުގެ އަގުލަބިއްޔަތު ނިންމުމާ ހިލާފަށް ތަފާތު ރައުޔެއް އަބަދުވެސް ނެރުއްވާ ބޭފުޅެއްގެ ގޮތުގަ އެވެ.
އިނގިރޭސިވިލާތުގެ ބަކިންހަމް ޔުނިވާސިޓީން ކިޔަވާ ވިދާޅުވެ 1993 ގައި ގާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ފަނޑިޔާރު މުއުތަސިމް މިހާތަނަށް ސުޕްރީމް ކޯޓުން ނިންމި ބޮޑެތި ހުރިހާ މައްސަލަތަކެއްގައި ކަހަލަ ގޮތަކަށް ނެރުއްވީ މުޅިން ވެސް ތަފާތު ރައުޔެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައެޅި މައްސަލަ އާއި ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްސަލައިގައި ވެސް މުއުތަސިމް ނެރުއްވާފައި ވަނީ ތަފާތު ރައުޔެކެވެ. އަދި ވަޒީރުންގެ ރުހުމުގެ މައްސަލަ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މާއްދާ ބާތިލްކުރި މައްސަލަ އާއި ސިވިލް ސާވިސް ގާނޫނުގެ މާއްދާއެއް ބާތިލްކުރި މައްސަލަ އާއި ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ގާނޫނުގެ މާއްދާއެއް ބާތިލްކުރި މައްސަލަ އަދި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރަން ކުރި ހުކުމުގައި ވެސް އެމަނިކުފާނުގެ ރައުޔު ތަފާތެވެ. އަދި ބައެއް މައްސަލަތަކުގައި އެމަނިކުފާނު އެއްވެސް ގޮތަކަށް ރައުޔެއް ނުނެރުއްވާ ފަހަރުތައް ވެސް ދެ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗެއް އެކުލަވާލުމަށް ކުރިއަށް ދިޔަ ސިޔާސީ މަޝްވަރާތަކުގައި މުއުތަސިމްގެ ނަން އެ ކޯޓުގައި ބެންޗަށް އެންޑޯސް ކުރީ އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީންނެވެ. އެ މަނިކުފާނުގެ ރައުޔު އަބަދުވެސް ތަފާތު ވުމާއި ގާނޫނު މާނަ ކުރައްވާ ގޮތުގައި ތަފާތު ވުމަކީ އޭރުގެ އިދިކޮޅު ފަރާތްތަކުން އަބަދުވެސް އެމަނިކުފާނާ ދޭތެރޭ ނުރުހޭ ކަމެކެވެ. އަދި އެ މަނިކުފާނުގެ ރައުޔު ތަފާތުވާލެއް މާ ބޮޑުކަމުން އާންމުންގެ މެދުގައި ވެސް އުފެދޭ ސުވާލުތަކާއި ނުރުހުން ވެސް ހުއްޓެވެ. އެކަމުގެ ސަބަބުން އެމަނިކުފާނަށް ކުރާ އިތުބާރާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. އެކަމަކު ޖޭއެސްސީގެ ނިންމުން ކޮންމެހެން ބިނާވީ އެ އަސާސަށޭ އަޅުގަނޑު ނުބުނާނަމެވެ.
ސުޕްރީމް ކޯޓުގައި ބެންޗްގައި ދެން ތިއްބަވާ ފަސް ފަނޑިޔާރުންނާ ހިލާފަށް މުއުތަސިމާއި އުއްތަމަ ފަނޑިޔާރު ފާއިޒް ވެވަޑައިގަންނަވަނީ އަނެއް ފަސް އެބޭފުޅުންނާ ގިނަ މައްސަލަތަކުގައި ހިޔާލު ތަފާތުވާ ދެބޭފުޅުންނަށެވެ. އެ ދެ ފަނޑިޔާރުން ބެންޗުން ބާކީ ކުރުމުގެ އަސްލަކީ ވެސް އެއީ ކަމަށް ވެދާނެ އެވެ. ހިޔާލު ތަފާތު ވުމާ ހުރެ ސުޕްރީމް ކޯޓުގެ ތެރޭގައި އެ ދެބޭފުޅުންނަށް ލިބެނީ ހަނި ޖާގައެކެވެ. އަދި އެބޭފުޅުންނާ މެދު އެހެން ފަނޑިޔާރުންގެ ޝަކުވާތަކެއް ހުރުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ. ކޮންމެ ގޮތެއް ވިޔަސް ސުޕްރީމް ކޯޓުގައި ތިއްބެވި އެންމެ ބޮޑަށް ހިޔާލު ތަފާތު ފަނޑިޔާރުން އެ ކޯޓުގެ ބަންޗުން ދެން ނުފެންނާނެ ކަން މި ވަނީ މިހާރު ޔަގީނާ ގާތްވެފަ އެވެ. ދެން ތިއްބެވީ ވަރަށް ވެސް ހިޔާލު އެއްގޮތް ފަނޑިޔާރުންތަކެކެވެ. ދެން އުފެދޭނީ ހިޔާލު ތަފާތުވުމެއް ނެތް ވަރަށް ވެސް ހިޔާލު އެއްގޮތް ފަނޑިޔާރުންތަކެއް ތިއްބެވި ބެންޗެކެވެ. މިހާރުގެ ސުވާލަކީ ދެން ވާނީ ކިހިނެތް ހެއްޔެވެ؟