ހަބަރު

ރައީސް ނަޝީދުގެ ތަސްވީރު ކުރެހުން ވެސް މަނާވީތަ؟

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތަސްވީރުތަކެއް، މިނިވަން ފަންސާސް އާޓް އެގްޒިބިޝަނުން ބޭރުކޮށްލި މައްސަލައެއް ހޫނުވެ، މި އެގްޒިބިޝަން ކުރިއަށް ދަނިކޮށް ނެޝެނަލް އާޓް ގެލަރީ އަށް ވަދެ ޒުވާނުންގެ ބަޔަކު މިއަދު މުޒާހަރާކޮށްފި އެވެ.

"ފަންނުވެރިން" ގެ ނަމުގައި ނަޝީދުގެ ތަސްވީރުތަކާއި ލިޔެކިޔުންތަކެއް ހިފައިގެން އާޓް ގެލަރީގައި ހަޅުތާލުކުރި ޒުވާނުންގެ ސުވާލަކީ މިއީ އެވެ.

"ރައީސް ނަޝީދުގެ ތަސްވީރު ކުރެހުން ވެސް މިހާރު މަނާވީތަ؟ މިނިވަންކަން ފާހަގަކުރުމަށް ބޭއްވި މައުރަޒެއްގައި އެ ބޭފުޅާގެ ތަސްވީރުތަކެއް ބައިވެރިނުކުރުމަކީ ކޮން ކަހަލަ ކަމެއްތޯ؟ ކޮބައިތޯ ހިޔާލުފާޅުކުރުމުގެ މިނިވަންކަން،" އާޓް ގެލަރީ އަށް ވަދެ އެތަނުގެ ތެރޭގައި ކުރި މުޒާހަރާގައި ބައިވެރިވި ޒުވާނަކު ނަން ނުޖެހުމަށް އެދި ފާޅުކުރި ހިޔާލަކީ މިއީ އެވެ.

 

މައްސަލަ ހޫނުވީ ނަޝީދަކީ "ޓެރަރިސްޓެއް" ކަމަށް ބުނެ، އެ ބޭފުޅާ ސިފަވާ އެއްވެސް ތަސްވީރެއް އެގްޒިބިޝަނުގައި ބައިވެރިނުކުރެވޭނެ ކަމަށް މި އެގްޒިބިޝަން ކުރިއަށް ގެންދިޔަ ފަރާތުން ނިންމިކަމުގެ އަޑު އެރުމާ ގުޅިގެންނެވެ. ސްކޫލްކުދިންގެ ކުރެހުންތައް ހިމަނައިގެން ކުރިއަށް ގެންދާ މި އެގްޒިބިޝަނަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިސް ނެގުމުގެ މަތިން ބާއްވާ ދައްކާލުމެކެވެ.

މައުރަޒުން ބޭރުކޮށްލާފައި ވަނީ ފޭދޫ ސްކޫލްގެ ގްރޭޑް 10 އެއްގެ ދަރިވަރަކު ކުރަހާފައިވާ ތަސްވީރަކާއި ގައުމީ ޔުނިވާސިޓީގެ ދަރިވަރަކު ކުރަހާފައިވާ ނަޝީދުގެ ތަސްވީރެއް ކަމަށް ބުނެވެ އެވެ. މި މައުޒަރަށް ކަނޑައަޅާފައިވާ ތީމް އަކީ "މިނިވަން" އެވެ.

ބޭރުކޮށްލި ދެ ފޮޓޯގެ ތެރެއިން އެއް ފޮޓޯއަކީ ސީދާ މުހައްމަދު ނަޝީދުގެ ތަސްވީރެކެވެ. އަނެއް ފޮޓޯގައި ނަޝީދު ސިފަކޮށްފައި ވަނީ ރާއްޖޭގެ ތާރީޚީ މަޝްހޫރު އެހެން ލީޑަރުންގެ ތެރޭގަ އެވެ.

މި ދެ ފޮޓޯ ބައިވެރިނުކުރި މައްސަލާގައި ހަޅުތާލުކުރި ޒުވާނުން އާޓް ގެލަރީ އަށް ވަނީ ނަޝީދުގެ ޕޯސްޓަރުތަކާއި އެގްޒިބިޝަނުގައި ބައިވެރިނުކުރި ދެ ފޮޓޯގެ ކޮޕީތަކާއި "މިނިވަން" ހިޔާލު ފާޅުކޮށްފައިވާ ލިޔުންތައް ހިފައިގެންނެވެ. އެއަށް ފަހު މައްސަލަ އިތުރަށް ހޫނުވީ އެމީހުންގެ މި ލިޔުންތަކާއި ފޮޓޯތައް އެގްޒިބިޝަންގައި ބޭނުންކުރަމުން ދިޔަ ބޯޑްތަކުގައި ތައްކުރުމުންނެވެ.

ދެން ފެނިގެން ދިޔައީ ފުލުހުން އެތަނަށް ގޮސް "އެ ތަނުގެ ސަލާމަތާއި ރައްކާތެރިކަމުގެ ނަމުގައި" ހަރަކާތްތެރިވެ މުޒާހަރާގެ ބައިވެރިން އެތަނުން ބޭރުކުރި މަންޒަރެވެ. އަދި އޭގެ ކުރިން، ނެޝެނަލް ސެންޓަ ފޯ ދި އާޓްސްގެ އިސް ކޯޑިނޭޓަރު، އަހުމަދު ނާޒިމް އެތަނަށް ވަޑައިގެން މުޒާހަރާގެ ޒުވާނުންނާ "ކުރިމަތިލައްވައި" ފޮޓޯތަކާއި ލިޔެކިޔުންތައް އަތުލައްވައި ވީދާލެއްވި ކަމަށް ވެސް އެތަނުގައި ތިބި ފަރާތްތަކުން ބުނެ އެވެ.

 

އަވަސް އަށް މައުލޫމާތު ދެއްވަމުން ނިޒާމް ވިދާޅުވީ އެގޮތަށް އަމަލުކުރެއްވި ކަމަށާއި ސަބަބަކީ އެތަނުގައި މުޒާހަރާކުރަމުން ދިޔަ ބަޔަކީ ކުށުގެ ވެށްޓަކަށް ވަދެ ތަނުގެ އަމާންކަން ނަގާލައިގެން އުޅުނު ބައެއް ކަމަށެވެ.

"އަނެއްކޮޅުން އާޓް ގެލަރީ އަކީ ނެޝެނަލް ސެންޓަ ފޯ ދި އާޓްސްގެ ބެލުމުގެ ދަށުން ހިންގާ ތަނެއް.  އަޅުގަނޑު އެތަނަށް ދިޔައީ އެންސީއޭގެ އޮފިޝަލެއްގެ ގޮތުގައި. ދެން އެ ތަނުގައި ކުރިއަށް ދާ އެގްޒިބިޝަނެއްގެ ތެރެއަށް ވަދެ އެގޮތަށް ބަޔަކު މީހުން އަމަލުކުރުމަކީ ހަގީގަތުގައި ވެސް ކުށުގެ ވެށީގެ ތެރެއިން ނެގޭނެ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.

"ހަގީގަތުގައި އެއީ ވެސް ޓެރަރިޒަމްގެ އަމަލެއް. އަދި ސިޔާސީ ވަކި މަގުސަދެއް ހާސިލުކޮށް އެތަން ހަލަބޮލިކޮށްލަން ދިޔަ ބައެއް."

މި އެގްޒިބިޝަނުން "ނަޝީދުގެ ދެ ތަސްވީރު" ބޭރުކޮށްލި ސަބަބު އޮޅުންފިލުވުމަށް އެޑިއުކޭޝަންގެ ރަސްމީ ފަރާތަކާ ގުޅޭގޮތް ވަނީ ނުވެފަ އެވެ.

ދަރިވަރުންގެ ކުރެހުންތައް ވިއްކުމަށް ހަމަޖެހިފައިވާ މި އާޓް އެގްޒިބިޝަނުގައި 32 ސްކޫލަކުން ދަރިވަރުން ބައިވެރިވެފައިވެ އެވެ.