ބޮލީވުޑް

ޗުއްޓީ އަށް ރިތިކް ރޯޝަން ރާއްޖެ އަންނަނީ

Mar 17, 2015

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ރިތިކް ރޯޝަން އާއިލާއާއެކު ޗުއްޓީހޭދަ ކުރުމަށް ރާއްޖެ އަންނަން ތައްޔާރުވަމުން އަންނަ ކަމަށް  އިންޑިއާގެ ނޫސްތަކުން ހަބަރު ފަތުރައިފި އެވެ. ރިތިކާއި އާއިލާ ރާއްޖެ އަންނަނީ މާދަމާ އެވެ.

ރިތިކްގެ ޗުއްޓީ މާދަމާ ރާއްޖޭގައި ފަށާއިރު ރިތިކާއެކު އޭނާގެ ދެ ކުދިންނާއި މަންމަގެ އިތުރުން ދައްތަ ސުނެއިނާ ވެސް އާދެ އެވެ. މީގެ އިތުރުން ރިތިކްގެ ބައްޕަ، ފިލްމް މޭކާ ރާކޭޝް ރޯޝަންވެސް އަންނަ ކަމަށްވެއެވެ.

ވޭތުވެދިޔަ ދެތިން މަސްދުވަހު އިންޑިއާގެ ގުޖްރާތްގެ އަވަށެއް ކަމަށްވާ ބުޖް ގައި ރިތިކްވަނީ އާޝުތޯޝް ގޯރްވާރްކަރްގެ " މޮހެންޖޯ ދަރޯ"  ޝޫޓިންގައި ވަރަށް ބުރަކޮށް އުޅެފަ އެވެ. މާ ބިޒީކޮށް އުޅެން ޖެހުމުން އާއިލާއާއެކު ވަގުތު ހޭދަނުކުރެވުމާއެކު، ކުދިންގެ ސްކޫލް ޗުއްޓީއާ ދިމާކޮށް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައުމަށް ނިންމީ ކަމަށް މީޑިއާ ރިޕޯޓްތަކުގައިވެ އެވެ.

ރާއްޖެ އައުމަށް ރިތިކް ނިންމީ އޭނާއަކީ މޫދުދެކެ ވަރަށް ލޯބިވާ މީހަކަށް ވެފައި، ވޯޓާ ސްޕޯޓްސް އައި ސާފިން އަދި ޑައިވިން ފަދަ މޫދުގެ ހަރަކާތްތަކުގެ ތެރޭގައި ރިތިކް އުޅެން ބޭނުންވާތީ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިންވެސް ރިތިކް ވަނީ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އަދި 2010 ވަނަ އަހަރު ނުކުތް ރިތިކް އާއި ބާބަރާ މޯރީ ލީޑް ރޯލުން ފެނިގެންދިޔަ  "ކައިޓްސް"ގެ މަންޒަރުތަކެއްވެސް ވަނީ ރާއްޖޭގައި ނަގާފަ އެވެ.

އާއިލާއާއެކު ރާއްޖެއަށް ފަސް ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލުމަށް އައުމަށް ހަމަޖެހިފައިވަނީ ކޮން ރިސޯޓެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ މަގްބޫލު މަންޒިލަކަށް ރާއްޖެވެފައި ވާއިރު މިދިއަ ދުވަސްތަކުގައި ބޮލީވުޑްގެ މަޝްހޫރު ތަރިންގެ އިތުރުން، ޕްރޮޑިއުސަ – ޑައިރެކްޓަރު ފަރާ ޚާންވެސް ވަނީ އޭނާގެ އާއިލާއާއެކު މިދިއަ ހަފްތާގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.