ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ދިރިއުޅުއްވާ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށާއި ނަމަވެސް އެއިން އެއްވެސް އެއްޗަކުން ނާޒިމާއި އޭނާގެ އާއިލާގެ މީހެއްގެ ފިންގަޕްރިންޓެއް ފެނިފައިނުވާ ކަމަށް އެ މައްސަލަ ތަހުގީގުކުރި ފުލުސް މީހާ މިރޭ ކޯޓުގައި ބުނެފި އެވެ.
ނާޒިމް ދިރިއުޅުއްވާ ގ. އެނިފް ގޭގެ އެޕާޓްމެންޓުން ފިސްތޯލަ އަކާއި ތިން ވަޒަނުގެ އިތުރުން ގޮވާ އެއްޗެއް ފެނުނު މައްސަލައިގައި ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ މިރޭގެ އަޑުއެހުމުގައި ހެކިބަސް ދިން ފުލުސް މީހާ ހެކިބަސް ދިނީ ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން، ވަކި ކޮޓަރިއެއްގައި ހުރެގެންނެވެ.
ދައުލަތުގެ ސުވާލުތަކުގެ ޖަވާބުގައި އެ ފުލުސް މީހާ ބުނީ ނާޒިމްގެ ކޮޓަރީގެ އެނދުގައި ހުރި ވަތްގަނޑު ތެރެއިން ފެނުނު ކުޑަ ދަބަހެއްގައި ފިސްތޯލަ އަކާއި ތިން ވަޒަނުގެ އިތުރުން ގޮވާ އެއްޗެއް ފެނުނު ކަމަށެވެ. އެ ތަކެތި ހޯދީ ނާޒިމްގެ ހާޒިރުގައި ކަމަށާއި ނަމަވެސް އެއިން އެއްވެސް އެއްޗަކާ ނާޒިމާއި އަދި އެ އާއިލާގެ އެއްވެސް ބޭފުޅަކާ ގުޅުން ނޯންނާނެ ކަމަށް ނާޒިމް އެރޭ ވިދާޅުވި ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.
އެ ފުލުސް މީހާ ބުނި ގޮތުގައި ނާޒިމާއި އޭނާގެ އާއިލާގެ މެމްބަރުންގެ ފިންގަޕްރިންޓް ނަގައި، އެއިން އެއްވެސް ހަތިޔާރެއްގައި އެއިން މީހެއްގެ ފިންގަޕްރިންޓް ހުރިތޯ ބެލިއެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ފިންގަޕްރިންޓް އެއްވެސް ހަތިޔާރަކުން ނުފެންނަ ކަމަށް ތަހުލީލު ރިޕޯޓުގައިވާ ކަމަށް އޭނާ ބުންޏެވެ. އަދި އެތަން ބަލައި ފާސްކުރަން ދިޔަ ފުލުހުންގެ ފިންގަޕްރިންޓް ވެސް ނެގި ކަމަށާއި އެއިން މީހެއްގެ ފިންގަޕްރިންޓް ވެސް އެ ހަތިޔާރުތަކުން ފެނިފައިނުވާ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.
ނާޒިމްގެ ވަކީލުން ކުރި ސުވާލުތަކުގެ ޖަވާބުގައި އެ ފުލުސް މީހާ ބުނީ ނާޒިމް ދިރިއުޅޭ އެޕާޓްމެންޓް ފާސްކުރީ ގ. އެނިފް ގޭގެ ހަތް ވަނަ ފްލޯ އާއި ނާޒިމް ދިރިއުޅޭ އަށް ވަނަ ފްލޯގައި ހަނގުރާމަވެރި ހަތިޔާރު ހުރި ކަމަށް ފުލުހުންނަށް ލިބުނު ސިއްރު މައުލޫމާތަކާ ގުޅިގެންނެވެ. ނަމަވެސް އެގޭގެ ހަތް ވަނަ ފްލޯ އެއްވެސް ވަރަކަށް ބަލައި ފާސްކޮށްފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.
އެ ދެ ފްލޯގައި ހަތިޔާރު ހުރި ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނުއިރު އަށް ވަނަ ފްލޯ އެކަނި ފާސްކުރީ ކީއްވެގެންތޯ ނާޒިމްގެ ވަކީލުން ސުވާލު ކުރުމުން އެ ފުލުސް މީހާ ބުނީ އެކަން ނުކުރީ "ހޯދަން އައި އެއްޗެހި ފެނުމުން" ކަމަށެވެ. އެކަމާ ގުޅިގެން ދިފާއީ ވަކީލުން އިތުރަށް ސުވާލުކުރަން ފެށުމުން އޭނާ ބުނީ އެކަން ނުކުރީ ގެއެއްގެ ހުރިހާ އެޕާޓްމެންޓެއްގައި އުޅެނީ އެއް ބަޔަކު ކަމަށް ނުވެދާނެތީ އެހެން ތަނެއްގައި އެފަދަ އެއްޗެއް ނުހުންނާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
ދިފާއީ ވަކީލުންގެ ސުވާލުތަކުގެ ޖަވާބުގައި އެ ފުލުސް މީހާ ބުނީ އެ އެޕާޓްމެންޓް ފާސް ކުރިއިރު އެއްވެސް ވަރަކަށް ވީޑިއޯކޮށްފައި ނުވާނެ ކަމަށާއި އެކަން ކުރަންޖެހޭނެ ކަމަށް ބުނާ އުސޫލެއް ވެސް ނޯންނާނެ ކަމަށެވެ. މިރޭގެ އަޑުއެހުމުގައި ނާޒިމް ވެސް އެ ފުލުސް މީހާއާ ބައެއް ސުވާލުތައް ކުރިމަތި ކުރެއްވި އެވެ.
މިރޭ 9 ޖަހާ އެހާކަން ހާއިރު ފެށި އެ އަޑުއެހުމުގައި އިތުރު ހެކިވެރިންގެ ހެކިބަސް ނަގަން ހަމަޖައްސާފައި އޮތް ނަމަވެސް އެ ފުލުސް މީހާއާ ސުވާލު ކުރުމަށް ގަޑިއިރަކަށް ވުރެ ގިނަ ވަގުތު ހޭދަވެގެން ގޮސްފައިވާތީ ފަނޑިޔާރުން ނިންމެވީ އިތުރު ހެކިންގެ ހެކިބަސް މިރޭ ނުނެގުމަށެވެ. ދެން ތިބި ހެކިންގެ ހެކިބަސް ނެގުމަށް މާދަމާ ހެނދުނު އިތުރު އަޑުއެހުމެއް ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.