ވިޔަފާރި

ޓްރިޕްއެޑްވައިޒާގައި މި އަހަރުވެސް ރާއްޖެ ވިދާލައިފި

Jan 25, 2017

މަޝްހޫރު އޮންލައިން ބުކިން ވެބްސައިޓް "ޓްރިޕް އެޑްވައިޒާ" އިން ހޮވާ ދުނިޔޭގެ މަގުބޫލު ޓޫރިސްޓް ހޮޓާ/ ރިސޯޓްތަކުގެ ލިސްޓުގައި ރާއްޖެ މި އަހަރު ވެސް ވިދާލައިފި އެވެ.

އަހަރަކު އެއް ފަހަރު ނެރޭ ލިސްޓްގެ މި ލިސްޓުގައި ހުރިހާ ގޮތަކުން އެންމެ ފުރިހަމަ ރިސޯޓު / ހޮޓާތަކުގެ ތެރޭގައި ރާއްޖޭގެ ޖޭއޭ މަނަފަރު ރިސޯޓާއި ކަނދޮޅު މޯލްޑިވްސް ހިމެނިފައިވެ އެވެ. އަދި އެންމެ ފެންވަރު މަތީ ލަގްޒަރީ ރިސޯޓްތަކުގެ ބައިގައި ރާއްޖޭގެ ބަރޮސް މޯލްޑިވްސްގެ އިތުރުން ކަނދޮޅު މޯލްޑިވްސް ހިމެނެ އެވެ. މި ދެ ރިސޯޓު އެންމެ ރޮމޭންޓިކް ރިސޯޓުތަކުގެ ތެރޭގައި ވެސް ހިމެނިފައިވެ އެވެ.

ޓްރިޕް އެޑްވައިޒާއިން ލިސްޓުގައި އޭޝިޔާ އެންމެ ފުރިހަމަ ފަސް ރިސޯޓުގެ ތެެރޭގައި ވެސް ޖޭއޭ މަނަފަރު ރިސޯޓާއި ކަނދޮޅު މޯލްޑިވްސް ހިމެނިފައިވާއިރު، ލާމު ސިކްސް ސެންސަސް ރިސޯޓާއި މިރިހި އައިލެންޑް ރިސޯޓުގެ އިތުރުން ގިލި ލަންކަން ފުށި ރިސޯޓު ވެސް ހިމެނުނެވެ.

މީގެ އިތުރުން ރާއްޖޭން އެންމެ ފާހަގަ ކޮށްލެވޭ ރިސޯޓުތަކެއް ވެސް މި ލިސްޓުގައި ހިމަނާފައިވެ އެވެ.

ޓްރިޕް އެޑްވައިޒާގެ ޓްރެވެލާސް ޗޮއިސް ވަނަ ހޮވަނީ އެ ވެބްސައިޓުން ބުކިން ހައްދާ މީހުންގެ ހިޔާލުގެ މައްޗަށެވެ.