ބޭރު ކުޅިވަރު

ލިވަޕޫލް ކަޓުވާލައި، 14 އަހަރު ފަހުން ސައުތުހެމްޓަން ފައިނަލަށް

Jan 26, 2017

އީއެފްއެލް ކަޕް ނުވަތަ އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގް މެޗްގައި 1-0 ން މޮޅުވެ 2-0 ގެ އެގްރިގޭޓް ނަތީޖާ އިން ލިވަޕޫލް ކަޓުވާލުމަށްފަހު، 14 އަހަރު ފަހުން ބޮޑު މުބާރާތެއްގެ ފައިނަލަށް ސައުތުހެމްޓަން ދަތުރު ކޮށްފި އެވެ.

ދެ ޓީމު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގް މެޗު ވެސް ސައުތުހެމްޓަން ކާމިޔަބު ކުރީ 1-0 ން ނެވެ.

އެޓީމުން އެންމެ ފަހުން ފައިނަލެއް ކުޅެފައިވަނީ 2003 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފައިނަލުގައި އާސެނަލްއާ ދެކޮޅަށެވެ. އެ މެޗުން ސައުތުހެމްޓަން ބަލިވީ 1-0 ގެ ނަތީޖާ އަކުން ނެވެ.

ރޭ ގެ މެޗުގައި ހެމްޓަންގެ ލަނޑު މެޗްގެ އެންމެ ފަހު ގުތުގައި ކާމިޔަބު ކުރީ، ޝޭން ލޯންގް އެވެ.

އަންނަ މަހު 26 ވަނަ ދުވަހު ކުޅޭ ފައިނަލު މެޗްގައި އެޓީމު ވާދަ ކުރާނެ ކަމަށް ބެލެވެނީ މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަ ށެވެ.

މިރޭ ޔުނަިއޓަޑާ ހަލް ސިޓީ ކުޅޭ ސެމީ ފައިނަލު ދެވަނަ ލެގް މެޗް ފެށާނީ ރާއްޖޭ ގަޑިން ދަންވަރު 12:45 ގައެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގް ސެމީ ފައިނަލް މެޗް ޔުނައިަޓަޑް ކާމިޔަބު ކުރީ 2-0 ން ނެވެ.

މުބާރާތް ސައުތު ހެމްޓަން ކާމިޔަބު ކޮށްފި ނަމަ، ވެގެންދާނީ، ޒަމަނީ ފުޓްބޯޅައި ގައި އެޓީމުން ހޯދާ ފުރަތަމަ ކާމިޔާބީ އަށެވެ. އެޓިމުން އެންމެ ފަހުން މުބާރާތެއް ކާމިޔާބު ކޮށްފައި ވަނީ މީގެ 40 އަހަރު ކުރިން 1976 ވަނަ އަހަރު އެވެ. އެ އަހަރު އެފްއޭ ކަޕް އެޓީމުން ކާމިޔަބު ކުރީވެސް ޔުނައިޓަޑް ބަލި ކުރުމަށް ފަހު އެވެ.