ބޭރު ކުޅިވަރު

ރެއާލް ވީ ގޮތެއް ބަލާކަށް ބާސާ އަކަށް މުހިންމެއް ނޫން

Jan 26, 2017

ސްޕެނިޝް ކަޕްގައި ރެއާލް މެޑްރިޑަށް ވީގޮތެއް ބެލުން ބާސެލޯނާ އަށް މުހިންމު ނޫން ކަމަށާއި، ބާސާ އަށް މުހިންމީ އެ ޓީމާ ދެކޮޅަށް ނިކުން ޓީމާ މެދު ވިސްނުން ކަމަށް ބާސާގެ ކޯޗް ލުއިސް އެންރިކޭ ބުނެފި އެވެ.

ރޭ ސެލްޓަ ވިގޯ އަތުން އެއްވަރުވެ، އެގްރިގޭޓް ނަތިޖަާއިން ރެއާލް ބަލިވުމުން، އެ ޓީމު ވަނީ މުބާރާތުން ކަޓާފަ އެވެ. ވާދަވެރި އެތުލެޓިކޯ މެޑްރިޑް ރޭ އެއިބާއާ ދެކޮަޅަށް ކުޅުނު މެޗުން 2-2 ން އެއްވަރުވެ، އެތުލެޓިކޯ ވަނީ 5-2 އެގްރިގޭޓް ނަތިޖާއިން ސެމީ އަށް ދަތުރު ކޮށްފަ އެވެ.

ރެއާލް ސޮސިއެދާދުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް މެޗްގައި، ބާސާ 1-0 މޮޅުވެފައި ވިނަމަވެސް، އެންމެ ލަނޑަކުން، މޮޅުވުމުން، ސެމީގެ ޖާގަ ހޯދަން ބާސާ އަށް މިރޭގެ މެޗްގެ ސީރިއަސްކަން ކުޑަ އެއް ނޫނެވެ.

މިރޭ މެޗްގެ ކުރިން މީޑިއާގައި ވާހަކަ ދައްކަމުން އެންރިކޭ ބުނީ، ބާސާ އަށް މި ވަގުތު މުހިންމީ ރެއާލް ސޮސިއެދާދާ މެދު ވިސްނުން ކަމަށެވެ.

"އަހަރެން ހަމައެކަނި ވިސްނާ ކަމަކީ، މި މެޗުން މޮޅުވެ ސެމީ އަށް ދެވޭނެ ގޮތަކާ މެދު، އަހަރެމެންނާ ދެކޮޅަށް ވާދަ ނުކުރާ ޓީމެއްގެ ވާހަކަ އުސޫލެއްގެ ގޮތުން އަހަންނެއް ނުދައްކާނަން، އަހަރެމެންނާ ދެކޮޅަށް ނިކުންނަނީ ރެއާލް އެއް ނޫން،" ސްޕެނިޝް ކަޕުގައި ރެއަލް އަށް ކުރިމަތި ހާލަތާ ބެހޭ ގޮތުން، ނޫސްވެރިޔަކު ކުރި ސުވަލަށް ޖަވާބު ދެމުން އެންރީކޭ ބުންޏެވެ.

"ރެއާލް ސޮސިއެދާދު އެއީ އަހަރެމެންނަށް އުނދަގޫ ޓީމެއް، އެމީހުން އަތުގައި ބޯޅަ ނޯންނަ އިރު، އެމީހުން ވަރުގަދަ އަށް ވިއްދާނެ، މަގުމަތީގައި ކުޅޭހެން، އެ ޓީމު ކުޅޭނީ އެއީ ފުރަތަމަ މެޗްގައިވެސް އެމީހުން ކުޅުނު ގޮތް އެހެންވެ މިރޭގެ މެޗް ވަރަށް އުނަދަގޫ ވަނެ،"

މެޗަށް ނިކުންނަ އިރު ބާސާ އަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެޓީމުގެ މިޑްފީލްޑްގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން އެންޑްރޭ އިނިއެސްޓާ އާއި ސާޖިއޯ ބްސްކެޓަށް އަނިޔާ ވުމެވެ. އެންރީކޭ ބުނީ އެ ދެ ކުޅުންތެރިން ނެތްތަށް ފުބައްދާނެ، ކުޅުންތެރިން އޭނަގެ ޓީމުގައި އެބަތިބި ކަމަށެވެ.

ނަމަވެސް އެޖާގަ ތަށް ފިލް ކުރަން ބޭނުން ކުރާނީ ކޮންކުޅުންތެރިންނެއް ކަމެއް އޭނާ ނުބުނެ އެވެ. އޭނާ ބުނީ އޭނަގެ އަތުގައި ހަތަރު އިހްތިޔާރެއް އެބަ އޮތް ކަމަށެވެ.

"ސާޖިއޯ (ބްސްކެޓްސް) އެއް ވަރުގެ އެހެން ކުޅުންތެރިޔެއް ނެތް، މިޑްފީލްޑްގައި އޭނާގެ ޖާގަ ފިލު ކުރަން އެހެން ކުޅުންތެރިޔަކު ހޯދުމަކީ އުނދަގޫ ކަމެއް، ދެން ހުރީ ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރު އަންޑްރެސް (އިނިއެސްޓާ)، އަހަރެން މިދަނީ އެ ކުޅުންތެރިން ނެތްތަން އެންމެ ރަނގަޅަށް ފޫބެއްދޭނީ ކޮން ކުޅުންތެރިން ނަކައްތޯ ބަލަމުން،"

ބާސާގައި، މިހާރު އެންމެ ފޯމުގައި ހުރި ކުޅުންތެރިޔަކީ މެސީ އެވެ. މިދިޔަ އަހަރު ފަނޑުކޮށް ފެނުނު ނަމަވެސް މިއަހަރު އޭނާ ދަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

"މެސީ އަކީ ފުޓްބޯޅާއިގެ ހުރިހާ ހުނަރެއް ހުރި ކުޅުންތެރިޔެއް، ހަމަލާ އުފެއްދުމުގައިވެސް އޭނާ އަށް ކޮންމެ ކަމެއް ވެސް ކުރެވޭނެ އަދި ޑިފެންސް ގައިވެސް އޭނާ އަށް ކޮންމެ ކަމެއް ކުރެވޭނެ، އެނާ ވަރަށް ވިސްނުން ރަނގަޅު ކުޅުންތެރިޔެއް އޭނާ އަށް އެނގޭނެ، ޖާގަ ހޮދައިގެން ކުލެން." އެންރިކޭ ބުންޏެވެ.