ވާހަކަ

މުޅިޖާންހިތާ

(24 ޖެނުއަރީ 2017 އާ ގުޅޭ)

"ހަމަމިހާރު މި ދޮރުހުޅުވާ... އެހެންނޫނީ ދޮރުވައްޓާލާފައި ވިޔަސް ވަންނާނަން... ޕޮލިސްސްޓޭޝަންއަށް މި ގުޅަނީ..." ދޮރުގެ އަނެއް ފަރާތުގައި ހުރި އަންހެނަކު ބުނިއަޑު އިވުމާއެކު ޝަމްއާނު އަވަސް އަވަހަށް އައިރާ ދޫކޮށްލައިފި އެވެ. އައިރާ ފުންމައިގަތުމާއެކު އައިސް ދޮރު ހުޅުވާލި އެވެ. އެވަގުތު ދޮރުމަތީ ހުރި ލިޒީ ބޮޑު ކަތިވަޅިޔެއް އަތަށް ހެޔޮވަރުކޮށްލައިގެން ހުރެ ހުޅުވިގެން ދިޔަ ދޮރާ ދިމާއަށް އޭތި މަޅައިލަނީ އެވެ.

"ލިޒީ" ތަންކޮޅެއް ބާރަށް ނިޔާނަށް ހަޅޭލަވައިގަނެވުމާއެކު ލިޒީގެ އަތުގައި ހިފެހެއްޓި އެވެ. ނިޔާނު ނުހިފެއްޓިނަމަ ލިޒީގެ އަތުގައި އޮތް ކަތިވަޅީގެ ހަމަލާ އެރީހީ އައިރާގެ މެޔަށެވެ. ލިޒީ ވެސް އަވަހަށް ފަހަތަށް ޖެހިލި އެވެ.

އައިރާއަށް ލިޒީ ފެނުމާއެކު އޭނާގެ ފަހަތުގައި ހުރި ނިޔާނު ވެސް ފެނުނެވެ. މޫނުގައި ދެއަތް އެޅުމާއެކު އޭނާގެ މޫނު ފޮރުވާލި އެވެ. ލިޒީގެ އަތުގައި ހިފާ އެއްފަރާތްކޮށްލުމާއެކު ނިޔާނު ދޮރުފަތުގައި އަތުން ޖަހާ ތަންމިނަށް ހުޅުވާލި އެވެ. އޭރު ހަމައެކަނި ޖިންސަކުން އުނަގަނޑުގެ ތިރި ނިވާކޮށްލައިގެން ޝަމްއާނު އެނދު ކައިރީ ކޮޅަށް ހުއްޓެވެ.

"ކަލޭމެން މިގެއަށް..." ޝަމްއާނަށް ބުނަން އުޅުނު އެއްޗެއް ރަނގަޅަށް ނުބުނެވިގެން އުޅެނިކޮށް އޭނާގެ މޫނުގައި ނިޔާނު ވީއްލައިލިއެވެ. އެހިނދު ޝަމްއާނުގެ މޫނުމަތިން ވެސް ރުޅިވެރިކަން ފާޅުވެއްޖެ އެވެ. ނިޔާނުގެ މޭގައި ދެއަތްއަޅައި ދުރަށް ކޮށްޕާލަމުން ޝަމްއާނު ވާހަކަ ދެއްކި އެވެ.

"އަހަރެންގެ ގެއަށް ވަދެ ހުރެ ކަލެއަށް އަހަރެންގެ ގަޔަކަށް އަތެއް ނުލެވޭނެ... ނުކުމޭ މިގެއިން..." ޝަމްއާނު ހަޅޭލަވައިގަތެވެ.

"އަމިއްލަ ގޭގައި ވިޔަސް ނުބައި ޢަމަލެއް ހިންގާކަން އެނގެންޏާ އެކަން ހުއްޓުވުމުގެ ބާރު އެހެން މީހުންނަށް ލިބިގެންވޭ... މައްސަލައަކީ ކަލޭ ފަދަ ރަހުމުކުޑަ ފިރިހެނުން ހިންގާ ޢަމަލުތައް ހުއްޓުވަން ނުކުންނާނޭ ބަޔަކު ނެތީމަ... ވިޔާނުދާ ޢަމަލުތައް ހިންގާކަން އެނގޭއިރު ވެސް އަޅާނުލާ ކޮންމެ ބަޔަކު ވެސް ތިބެނީ... ވާނެ އެއްޗެއްވީމާ ކޮންމެ މީހަކު މި އަނގަ ހުޅުވާލަނީ... އޭރު މި އޮންނަނީ ކަލޭމެން ކަހަލަ ފިރިހެނުންގެ އަތްދަށުވެ އެތައް އަންހެންކުދީންގެ މުސްތަޤުބަލު ހަލާކުވެ ގޮސްފައި... މުޅި ރަށަށް އެ އަންހެންކުއްޖާ ފަޟީޙަތްވެ ނިމިފައި..." ނިޔާނުގެ އަޑުގެ ބާރު ކަމާއެކު އޭނާގެ ކަރުގައި ހުރި ނާރުތައް ވެސް ފުއްޕާލާފައިވެ އެވެ.

"މިގެއިން ނުކުމޭ... އައިރާ އުޅެނީ މިގޭގައި... އޭނާ ކަލޭމެންނަކަށް ނުގެންދެވޭނެ..." ނިޔާނު ކީ އެއްވެސް އެއްޗަކަށް ޝަމްއާނު ކުޑަ ވެސް ސަމާލު ކަމެއް ދިން ހެނެއް ހިޔެއް ނުވެއެވެ.

"ކަލޭ ތިހެން އައިރާއަށް ދިމާ ކުރާނަމަ އަހަރެންގެ އަތުންފައިން ގޯހެއް ހެދޭނެ... މިއަދުގެ ފަހުން ކަލޭ އައިރާއަށް އުނދަގުލެއް ކުރިކަން އެނގުނަސް ފުލުހުންނަށް ރިޕޯޓު ކުރާނަން... އައިރާއަށް ލިބިފައި ހުރި ޒަޚަމްތައް ދޮގެއް ނުހަދާނެ... މިގޭ ތެރޭގައި އޭނާއަށް އަނިޔާ ލިބެމުންދާނަމަ އެކަން ކަމާބެހޭ ފަރާތްތަކުން ބަލާނެ... އަދި ކަލޭމެން ކަހަލަ މީހުންނަށް ފިޔަވަޅު ވެސް އަޅާނެ..."

"ކަލޭ ނުފުއްޕައްޗޭ... އަހަންނަށް ވެސް ކުރެވޭނެ ކަންތައް ހުންނާނެ... ހީވާ ގޮތުން ތީ މިރަށަށް އަރާ ހުރި ބީރައްޓެއްސެއް... އަހަންނަކީ މިރަށު މީހެއް... ރަށަށް ކަލެއަށްވުރެ ގަދަވާނީ އަހަރެން..." ނިޔާނަށް ދިއްކޮށްލި ޝަހާދަތް އިނގިއްޔާއެކު ޝަމްއާނުގެ އިންޒާރުގެ އަޑު އިވިގެންދިޔައެވެ.

"އައިރާ... މި ކަތިވަޅީގައި ހިފާ... ދެން މިހިރަ ނުލަފާ ޖަނާވާރު ދިމާކޮށްފިނަމަ މި ކަތިވަޅީގައި ހުރި ތޫނުކަން އަންގާލާ... ކޮށާ ކުދިކުދިކޮށްލީމާ އެ ނުލަފާ ކަންތައް ކުރާކަށް އޭނާއަކަށް ނާދެވޭނެ..." ލިޒީ މިހެން ބުނުމާއެކު އައިރާގެ އަތަށް ކަތިވަޅި ލާދޭން އުޅުނެވެ. އެހެންނަމަވެސް އައިރާއަކަށް އެ ކަތިވަޅީގައި ހިފާނޭ ހިތްވަރެއް އެ ވަގުތަކު ނުލިބުނެވެ.

އައިރާ ގޮވައިގެން ޒަމާނީގެއިން ނުކުމެގެން އައި ލިޒީ ވަނީ އޭނާގެ ގެއަށެވެ. އެމީހުންނާއެކު ނިޔާނު ވެސް އައިސް ވަނެވެ. ކާގެއަށް އައިރާ ވައްދާ މޭޒުދޮށުން ގޮނޑިއެއްގައި އޭނާ ބައިންދާ ލިޒީ އަވަސް ވެލީ އައިސް އަލަމާރިން އައިސް ނަގާ އައިރާގެ މޫނުގައި އެޅުމަށެވެ. އޭނާގެ ކޯތާފަތްވަނީ ފަޅައިގެން ދިއުމުގެ އިތުރުން ނޫފައިގެންފަ އެވެ. ކާގޭގެ ދޮރުމަތީ ނިޔާނު ހުއްޓިގެން ހުއްޓެވެ. އޭނާގެ ލޯ އަމާޒުވެފައި ހުރީ އައިރާއަށެވެ. އޭނާއަށް މޫނު ފޮރުވަން އައިރާ މަސައްކަތްކުރާކަން ވެސް ނިޔާނު ދެނެހުއްޓެވެ.

"އައިރާ... މިއަދު އަހަންނަށް ނުދެވުނުނަމަ ވާނޭގޮތް އެނގޭތަ؟ އަހަންނަށް ފެންނަނީ އައިރާގެ ބޭބެ ކައިރީ ތި ވާހަކަ ބުނަން... ޝަމްއާނު ދިމާ ކުރުން ހުއްޓައެއް ނުލާނެ... މިހާރު އެކަން އައިރާއަށް ވެސް އެނގެންވާނެ" ލިޒީ ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކު އެވެ.

"ބޭބެ ޤަބޫލެއް ނުކުރާނެ... ދައްތަ ބުނާގޮތް ބޭބެ ހަދާނީ..." މަޑުމަޑުން އައިރާ ބުނެލި އެވެ. އެއަޑު އޭނާ ކުރިމަތީ އިށީނދެ އިން ލިޒީއަށް ވެސް އިވުނީ ކިރިޔާއެވެ.

"ޤަބޫލު ނުކުރިޔަސް އަޅެ ބުނީމަ ވާގޮތް އެނގިދާނެއެއްނު..." ލިޒީ ބުންޏެވެ. އެހިނދު އައިރާ ބޯޖަހާލި އެވެ.

"އަހަންނަށް އެނގޭ އައިރާ އެނބުރި ދާން ހުރި ތަނަކީ އެއީކަން... އެމީހުންގެ ގާތުން ސަލާމަތްވެވޭނޭ ގޮތެއް އަދި ނެތްކަން... އެހެންވިޔަސް އައިރާ ވެއްޖެ ވަރަށް ކެރެން... ޝަމްއާނަށް އަންގާލަންވީ އޭނާ ބޭނުންހާ ކަމެއް އައިރާއަކަށް ނުކުރެވޭނެކަން..." ލިޒީ ބުންޏެވެ.

"އަހަރެން ފާޚާނާއަށް ވަދެލަން ބޭނުން..." އައިރާ ބުންޏެވެ. ހީވީ ލިޒީގެ ވާހަކަދާ މިސްރާބު ބަދަލުކޮށްލަން ބޭނުންވީ ހެނެވެ. އެއާއެކު ލިޒީ ތެދުވި އެވެ. ގެންގުޅުނު ގަނޑުފެންކޮޅު އެޅި ރުމާ މޭޒުމަތީ ހުރި ބޯތަށްޓަކަށް ލާފައި އައިރާ ގޮވައިގެން ކޮޓަރިއަށް ލިޒީ ވަނެވެ. އެމީހުންގެ ފަސްފަހަތުން ނިޔާނު އައިސް ސިޓިންރޫމުގައި މަޑުކޮށްލި އެވެ.

ލޯގަނޑުން ފެންނަމުން ދިޔަ މޫނަށް އައިރާ ބަލާލި އެވެ. ލިބިފައިވާ އަނިޔާއިން ކޯތާފަތް ދުޅަވަމުން އަންނަކަން އޭނާއަށް އެނގުނެވެ. ހަމައެއާއެކު ރަތްކުލަ ވެރިވެފައިވާ ތުންފަތުގައި އައިރާގެ ކަނާތު އިނގިލިތައް ޖައްސާލި އެވެ. އެތުންފަތާއި ޝަމްއާނު ކުޅެލީ އޭނާގެ ހުއްދައަކާ ނުލައެވެ. އެއީ އައިރާ އުންމީދުކުރި ގޮތެއް ނޫނެވެ. އޭނާގެ ހަށިގަނޑުގެ އެއްވެސް ތަނެއްގައި އަމިއްލަ ހުއްދައަކާ ނުލާ އެހެން މީހަކު ބީހޭކަށް އައިރާ ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް ޝަމްއާނު ވެފައިވަނީ އައިރާގެ ކުރިމަތީގައި ބަނޑުހައިވެފައި އޮތް ސިންގާއެއް ހެންނެވެ. އެ ސޮރުގެ ތޫނު ބެލުންތަކުން ސަލާމަތްވާނޭ ގޮތެއް ނޭނގެއެވެ. އުޅެންޖެހިފައިވަނީ އެ ސޮރާ އެއްކޮށީގައެވެ. އަތްޖެހޭ ހިސާބުގަ އެވެ. ވީއިރު ފުންމައިގަންނާނީ ކޮން ވަގުތަކު ކަމެއް ނޭނގެ އެވެ. އަދި އެ ވަކިތަކުން ސަލާމަތްވާނޭ ގޮތެއް ވެސް އައިރާއަކަށް ނޭނގެއެވެ. ނުކުމެގެން ދާނީ ވަކި ކޮންތާކަށް ހެއްޔެވެ. އެހިނދު ލިޒީގެ ވާހަކަތައް އައިރާގެ ސިކުނޑީގައި ދައުރުވާން ފެށިއެވެ.

"މި ކަތިވަޅީގާ ހިފާ... ދެން މިހިރަ ނުލަފާ ޖަނާވާރު ދިމާކޮށްފިނަމަ މި ކަތިވަޅީގައި ހުރި ތޫނުކަން އަންގާލާ... ކޮށާ ކުދިކުދިކޮށްލީމާ އެ ނުލަފާ ކަންތައް ކުރާކަށް އޭނާއަކަށް ނާދެވޭނެ..." ލިޒީ ބުނި ކޮންމެ ލަފުޒެއް އައިރާގެ ހަނދާނުގައި ވިއެވެ. ހިތަށް އެވަގުތު އެރީ ޝަމްއާނު ފަދަ ޖަނާވަރެއް އޭގެ ހައްދުން ބޭރުވިޔަ ނުދީ ހިފެހެއްޓޭނީ ބިރު ދައްކައިގެން ކަމެވެ. އެހެން ކަންތައްކުރާން އައިރާ ހުރީ ތައްޔާރަށެވެ.

އައިރާ ފާޚާނާއަށް ވަދެ ގިނައިރުވާން ފެށުމުން ދޮރުފަތުގައި ލިޒީ ތަޅައިގަތެވެ. އެއާއެކު ގިނަ އިރެއްނުވެ އައިރާ ދޮރުހުޅުވާލައިފި އެވެ. އޭނާ މޫނުގައި ފެންފޮދެއް ލައިގެން ނުކުތީ އެވެ.

"ލިޒީ... އަހަރެން މިރޭ ބުނާނަން ބޭބެ ކައިރީ ޝަމްއާނުގެ ވާހަކަ" ސާބިތުކަމާއެކު އައިރާ ބުނެލި އެވެ. ޓިޝޫ ފޮށި އައިރާއަށް ދިއްކޮށްލި ލިޒީ އުފަލުން ހިނިތުންވެލި އެވެ.

"އެ ޝަމްއާނަކަށް ނުކެރޭނެ ފާޑުފާޑު ކުރާކަށް... އެންމެނަށް އަންގާލަންވީ އޭނާ އުޅޭ ގޮތް... ރީތި ސިފައެއް ލިބުނަސް އެވަރުގެ އަޙުލާގެއް އޭނާއަކަށް ނުލިބުނު... ވީއިރު އެ ރީތިކަމުގެ އެއްވެސް އަގެއްނެތް..." ލިޒީ ބުންޏެވެ.

"މަންމަ ގެންގުޅޭނެ ވަރަށް ސަޅި ބޭހެއް... އަހަންނަށް ފެންނަނީ އައިރާގެ މޫނުގައި އޭތި އުނގުޅާލަން... އެއްޗެއް ނޫގުޅާ ހުއްޓާ މާ ބޮޑަށް ދުޅަވެދާނެ... ހިނގާ ބޭރަށް..." ލިޒީ އެދުނެވެ.

"އަހަންނާ ހެދި ލިޒީމެންގެ ބާބެކިއު ފަނިވީ ދޯ" އައިރާ ބުނެލި އެވެ.

"އަހަރެން ނުދިޔަޔަސް ޖުވައިން އަތުގައި އޮންނާނެ ލިސްޓު... އަށެއް ޖެހީމަ ނިޔާނާއި ޖުވައިންގެ އިތުރުން އައްމަޑޭމެން ދާނެ އެއްޗެހި ގަންނަން... އޭރުން އޯކޭ ވާނެ... ބައި ދަ ވޭ... އައިރާ ޖެހޭނެ ބައިވެރިވާން... އެހެންވެ އެހާ ލަސްކޮށްފައި ވެސް މި ބާއްވަނީ... ގޭތެރޭގެ ހުރިހާ ކަމެއް އައިރާކޮށް ނިންމާލެވޭނޭހާ ވަގުތު އޭރުން އޮންނާނެއެއްނު..."

"މިހެންވެފައި ހުއްޓާ ނުކެރޭނެ ދާކަށް... މަރީމެންނާ މީހުން ދާނެ... އެމީހުން ތިބޭނީ ކަމެއް ނުފެނިފަ... ސުވާލު ކުރާން ފަށާނެ" އައިރާ ބުނި ގޮތުން އޭނާ ބައިވެރިވާން ބޭނުންވާހެން ލިޒީއަށް ހީވިއެވެ.

"ޔޫ ޖަސްޓް ޑޯންޓް ވޮރީ... ރޭގަނޑު އެތަން އެހާ އައްޔެއްނުވާނެ... ސޯ މީހުންނަކަށް ނޭނގޭނެ އައިރާގެ ފޭސްއަށް ކަމެއްވެފައި ހުއްޓަސް... އައިރާ ހުންނާނީ ދުރުގައި... ކަންތައްތައް ކުރާނޭ މީހުން އެތަނުގައި މަދެއް ނުވާނެ... އައިރާ ހަމައެކަނި ކޮށްދޭންވީ ކަމަކީ އަހަރުމެންނާ ބައިވެރިވާންވީ... މިރޭ މިވީ ގޮތުން އަހަންނަކަށް ނުފެނޭ ދެން އައިރާ ގެއަށް ދާކަށް ވެސް... އެންމެ ރެއަކު އަމިއްލައަށް ކާން ހަދައިލައިގެން ކާލިޔަކަސް އެ ހިޝްމާ މަރެއް ނުވާނެ..."

"ސާބަސް ލިޒީ... ދައްތަ ފަހަކަށް ނުޖެހޭނެ އަހަރެން އެތަނުގައި ހުއްޓާ ދަމާފައި ގެއަށް ގެންނާކަށް ވެސް..." ހިޝްމާގެ މިޒާޖުގައި ހުންނަ ހަރުކަށިކަން ލިޒީއަށް އައިރާ ހަނދާން ކޮށްދިނެވެ.

"އަހަރުމެން ވެސް ވަކި ދުލެއް ނުކުރާނަން... އެހެންވީމަ އޭނާއަކަށް ނުކުރޭނެ އެވަރުގެ ސީންއެއް ކްރިއޭޓް ކުރާކަށް... ދެން އެވަރަށް ނުވިސްނާ..."

ލިޒީ ކޮޓަރިން ނުކުމެގެން ގޮސް މަލީހާގެ ކޮޓަރިއަށް ވަދެފައި ބޭސްފުޅިއެއް ހިފައިގެން އައެވެ. އަދި ނިކަން ފަރުވާތެރިކަމާއެކު އައިރާގެ މޫނުގައި ފަޅައިގެން ގޮސްފައި ހުރި ހިސާބުން ފެށިގެން ނޫފައި ގަނެފައި ހުރި ތަނާއެކު ބޭސް އުނގުޅައިދިނެވެ. އަދި އެނބުރި މަލީހާގެ ކޮޓަރިއަށް ވަންނަން ދިޔައިރު މަލީހާ އައިސް ގެއަށް ވަންނަނީ އެވެ.

"ކޮބާ ދާކަށްނުވޭތަ؟ ކުދިވެރިން ގޯތިދޮށަށް އެއްވެއްޖެ..." ނިޔާނަށް ބަލާލާފައި މަލީހާ ބުންޏެވެ. އެވަގުތު އެތެރެއިން ލިޒީ ނުކުތެވެ. އަދި ނިޔާނުގެ ގާތުގައި އެދުނީ ޖުވައިންއާއި އެހެންމީހުންނާއެކު ގޮސް ބާބެކިއުއަށް ބޭނުންވާ އެއްޗެހި ގަތުމަށެވެ.

"ލިޒީ... ބޭރުގައި ހުންނާނެ ނާށި ގޯނި ބަހައްޓާފައި... ޒީނިޔާ ދައްތަ ސަލާމް ބުނި... އެގޭ ވާހިދު އައިސް އެބަހުރި ދަރިފުޅުމެންގެ ބާބެކިއުގައި ބައިވެރިވާންވެގެން... އެ ސޮރު އެ ގޯނި ވެސް ގެނެސްދިނީ... ދެ ބަސްތާއިން ވާނެއެއްނު" މަލީހާ ބުންޏެވެ. ލިޒީ އާނއެކޭ ބުނުމުން މަލީހާ ހިނގައިގަތީ ބަދިގެއަށެވެ. ލިޒީ ނުކުމެ ސިޓިންރޫމުން ބޭރު ބަލާލި އެވެ. އޭރު ފާރުބުރި ކައިރީ އަށްވަރަކަށް މީހުންގެ ގުރޫޕެއް އޮތެވެ. ބަލަބަލާ ހުއްޓާ ގޭތެރެއިން ނުކުން ޖުވައިންއާއި ނިޔާނު އެ ގުރޫޕާ ބައިވެރިވެއްޖެ އެވެ. ޖުވައިން އިސްވެ ހުރެ ލިޒީ ތައްޔާރުކުރި ލިސްޓު އެ މީހުންނަށް ދައްކަންފެށިއެވެ.

ނުވައެއް ޖަހަން އުޅެނިކޮށް ހިޝްމާ އެނބުރި ގެއަށް އައެވެ. އޭރު އައިރާ ރޭގަނޑުގެ ކެއުން މޭޒުމައްޗަށް ނަގައިގެން އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. ހިޝްމާގެ ގާތުގައި ނުބުނެ ލިޒީއާއެކު ދާން އައިރާއަށް ނުކެރުނީ އެވެ. ބަދިގެ ފަރާތަށް އައި ހިޝްމާއަށް މޭޒުމައްޗަށް ނަގާފައި ހުރި ތަށިތައް ފެނި އައިރާއަށް ބަލާލި އެވެ. އެހިނދު އައިރާގެ މޫނު ފެނި ހައިރާންވި އެވެ.

"ކޮންކަމެއްކޮށްފައި ތި ހުރީ... އަހަރުމެން މިއައީ ގާސިމު ގޯތިން ކައިގެން... މިތަކެތި ނަގާ..."

"ދައްތައާއި ބޭބެ ގާތު ވާހަކައެއް ބުނަން ބޭނުން..." އައިރާ އިސް ޖަހާލަމުން ބުންޏެވެ.

"ތި ތަށިތައް ނަގާފައި އާދޭ... އަހަރެން ވަރަށް ވަރުބަލިވެފައި މި ހުރީ..." ހިޝްމާ ފަރުވާކުޑަ ގޮތަކަށް ބުނެ ގޭތެރެއަށް ދިއުމަށް ހިނގައިގަތެވެ. އެއާއެކު އަވަސް އަވަހަށް ތަށިތައް ނަގާ ބަދިގޭގެ ކަންކަން ނިންމާލާފައި އައިރާ ގޭތެރެއަށް އައެވެ. އޭރު ހިޝްމާ އޭނާގެ ފިރިހެން ދަރިފުޅާ ވާހަކަ ދައްކަނީ އެވެ. ޖެހިލުންވެފައި ހުރި އައިރާއަށް ޝަމްއާނާ ދިމާއަށް ބަލާލެވުނެވެ. އެހެންނަމަވެސް ޝަމްއާނު ބަލައެއް ނުލިއެވެ.

"ތާއިބު... މިހިރަ އައިރާ ކޮންމެވެސް ވާހަކައެއް ބުނަންވީޔޯ.." ހިޝްމާ އަޑަށް ރާގެއްލާފައި ބުނެލި އެވެ.

"މޫނުމައްޗަށް ކިހިނެއްވެފައި ތި ހުރީ..." ތާއިބަށް ވެސް އައިރާގެ ދޮންމޫނަށް ލިބިފައި ހުރި ޒަޚަމް ފާހަގަ ކުރެވުނެވެ.

"ބޭބޭ... ދައްތާ... އަހަންނަށް... އަހަންނަށް ޝަމްއާނު..." އައިރާއަށް ޖުމްލަ ފުރިހަމަ ނުކެރެވެނީސް ހިޝްމާއަށް ހީވީ ކަރަންޓު ޝޮކެއް އައިސްގެން މީހާ ފުންމައިގެން ހެނެވެ.

"ކޮން އަހަންނެއް ޝަމްއާނެއް ކިޔާކަށް..." ހިޝްމާ ހަޅޭލަވައިގަތެވެ. އެވަގުތު ތާއިބު އިނދެފައި އައިރާއަށް ސުވާލު ކުރީ އޭނާ ބުނަން އުޅުނު އެއްޗެއް ބުނުމަށެވެ.

"އަހަންނަށް ޝަމްއާނު ގޯނާ ކުރަނީ..." އައިރާގެ ދުލުން ލަފުޒުތައް ބޭރުވެގެން ދިޔަ ހިނދު އޭނާގެ ހިތް ވެސް ހުއްޓުނު ކަހަލައެވެ.

"އޭނާ ނުކުރާނެ ގޯނާއެއް... އަންހެނަކު އަމިއްލައަށް ގޮސް ފިރިހެނެއްގެ ގައިގާ އުނގުޅެން އުޅެންޏާ އެއީ ހިއްސު ސަލާމަތުން ހުރި ފިރިހެނެއްވިއްޔާ ގޮތެއްނުވެއެއް ނުހުންނާނެ... މަށަށް އެނގުނޭ މީނާގެ ގޮތެއްފޮތެއް ނެތިގެން ގޮސް އެވަރުގެ ކަމެއް ކޮށްފާނެއޭ... ނޭނގުނީ މަގޭ ދަރީގެ ބޮލުގައި އެވަރުގެ އިލްޒާމެއް އަޅުވަފާނޭކަން..." ހިޝްމާގެ މޫނުމައްޗަށް ރުޅިވެރިކަމުގެ އަސަރު ވެރިވެފައި ހުއްޓެވެ.

"އައިރާއަށް ތިބުނެވޭ އެއްޗެއް އެނގޭތަ؟" ތާއިބު އިނދެފައި ހަރުކަށި ގޮތަކަށް އެހިއެވެ. އެހިނދު އައިރާ ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. އޭރު ކޮޓަރިއަށް ވަންނަދިޔަ ޝަމްއާނަށް ހުރީ ހުއްޓުން އެރި ގޮތަށް ފަހަތަށް އެނބުރިލަން ވެސް ނޭނގިފަ އެވެ. ދެ ލޯ ބޮޑުވެ ނިތްކުރިން ދާތިކި ހިލިފައެވެ. އައިރާއަށް އެފަދަ ހިތްވަރެއް ލިބުނީތީ ޤަބޫލުކުރާން ވެސް ދަތިވެފަ އެވެ.

"ތި ކީ އެއްވެސް އެއްޗެއް މިއަދުގެ ފަހުން މިގޭ ހަތަރުފާރުގެ ތެރެއިން ނުކުމެއްޖެއްޔާ މިގެއިން ބަދުނާމުވެގެން ނުކުންނަންޖެހޭނީ އައިރާ... އަޑުއިވިއްޖެތަ؟ ދުވަހެއްގެ ކޮޅުން ވެސް ޝަމްއާނުގެ ނަން ވެސް ކަލޭގެ ދުލުން އިވިގެން ނުވާނެ..." ހިޝްމާ އައިސް އައިރާގެ އަތުގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލުމާއެކު ހީވީ އިންޒާރެއް ދިންހެނެވެ. އެވަގުތު ތާއިބު ވެސް އިންތަނުން ތެދުވެއްޖެ އެވެ. އަދި އައިސް އައިރާގެ ގާތުގައި ހުއްޓުނެވެ.

"ހިޝްމާ އެ ބުނި ވާހަކަ އަޑުއިވުނުކަމަށް ހީކުރަން... އަހަރެން ބޭނުމެއްނޫން އައިރާ ތިކަހަލަ ވާހަކަ ދައްކާ އަޑު އެހެންމީހަކަށް އިވޭކަށް... އޭރުން..." ތާއިބުގެ ވާހަކަ ކުރިއަށް ނުގެންދެވުނީ ގޭގެ ދޮރޯށި ހުޅުވާލި އަޑު އިވިފައެވެ. (ނުނިމޭ)