އަންނަ މަހު ސިންގަޕޫރުގައި ބާއްވާ ސައުންޑްސް އޮފް މޯލްޑިވްސްގެ އެއާލައިން ޕާޓްނަރަކަށް ސިންގަޕޯ އެއާލައިން ހަމަޖައްސައިފި އެވެ.
ސައުންޑްސް އޮފް މޯލްޑިވްސް އިންތިޒާމުކުރާ ހައިރައިޒް އިން ބުނީ ސިންގަޕޯ އެއާ ލައިން ޕާޓްރަކަށް ހަމަޖެހުމާއެކު ސިންގަޕޯ އެއާލައިންސްއިން ހާއްސަ އަގެއްގައި ޓިކެޓް ވިއްކާނެ ކަމަށެވެ. އަދި ސިންގަޕޫރު އެއާލައިންސްގެ ޖީއެސްއޭ، ސަންލޭންޑް ޓްރެވަލްއިން ހާއްސަ ޕެކޭޖުތަކެއް ވެސް ފަރުމާ ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ހައިރައިޒް އިން ބުނީ ސިންގަޕޫރުގެ ޑައިވް ރިސޯޓު ޓްރެވަލް (ޑީއާރުޓީ) އެކްސްޕޯގައި އޮންނަ ރާއްޖޭގެ ސައުންޑްސް އޮފް މޯލްޑިވްސްގައި ރާއްޖެ އަށް ހާއްސަ ޒޯނެއް ހަމަޖައްސާފައިވާނެ ކަމަށެވެ.
ޑައިވް އެކްސްޕޯ ފެއާގައި ހުންނަ ރާއްޖޭގެ ސަރަހައްދުގައި މިއުޒީޝަނުންނާއި އާޓިސްޓުންގެ އިތުރުން ރިސޯޓުތަކާއި ޓޫރިޒަމް ކުންފުނިތައް އަދި ގެސްޓް ހައުސްތަކުން ވެސް ބައިވެރިވާނެ ކަމަށެވެ. އަދި މި އަހަރުގެ ސައުންޑް އޮފް މޯލްޑިވްސްގެ މެއިން ސްޕޮންސާއަކީ ކާނި ހޮޓެލްސް އެވެ.
ހައިރައިޒް އިން ސިންގަޕޫރުގައި ސައުންޑްސް އޮފް މޯލްޑިވްސް މި އަހަރު ބާއްވާއިރު، މީގެ އަހަރެއް ކުރިން ފެށިގެން ބާއްވަމުން އަންނަ "ސައުންޑްސް އޮފް މޯލްޑިވްސް" ޝޯތައް މާލެ އާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަދި މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރާއި ދުބާއީ އަދި ބެންގްލޫރުގައި ވެސް ބާއްވާފައިވެ އެވެ.
މިދިޔަ އަހަރު ތައިލެންޑްގައި ވެސް ބާއްވަން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އެ ގައުމުގެ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން އެ ގައުމުގައި ހިތާމަފާޅުކުރުން ކުރިއަށް ދާތީ އެ ޝޯ އެ ގައުމުގައި ނުބާއްވަން ނިންމީ އެވެ.