ކުޅިވަރު

ޑެނިސް ސުއަރޭޒް ވިދާލިއރު، ބާސާ ސެމީއަށް

Jan 27, 2017

ކެޕްޓަން އަންޑްރެސް އިނިއެސްޓާ އާއި ސާޖިއޯ ބްސްކެޓް އަށް އަނިޔާ ވެފައި ވުމުން، މެދުތެރެ ބެލެހެއްޓުމަށް ހަވާލު ކުރި ޒުވާން މީޑްފިލްޑާ ޑެނިސް ސުއަރޭޒް ކާމިޔާބު ކުރި ދެ ލަނޑުން 5-2 ން ރެއަލް ސޮސިއެދާދުގެ މައްޗަށް މޮޅުވެ، 6-2 ގެ އެގްރިގޭޓް ނަތީޖާ އަކުން އަކުން މޮޅުވެ، ބާސާ ސްޕެނިޝް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މިއީ ބާސާ ސްޕެނިޝް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ޖެހިޖެހިގެން ހަތް ވަނަ ފަހަރެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގް މެޗް ބާސާ ކާމިޔާބު ކުރީ 1-0 ން ނެވެ.

ޑެނިސް ސުއަރޭޒް، ބާސާގެ ފުރަތަމަ ލަނޑު ކާމިޔަބު ކުރީ މެޗްގެ 17 ވަނަ މިނެޓް ގައެވެ. އެންމެ ފަހުން، އެއިބާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނިކުމެ ޑެނިސް ސުއަރޭޒް ވަނީ ލަނޑެއް ކަމިޔާބު ކޮށްފަ އެވެ.

މެޗްގެ ކުރިން ބާސެލޯނާގެ ކޯޗް ލުއިސް އެންރިކޭ ބުނީ ބްސްކެޓްސް އާއި އަންޑްރެސް އިނިއެސްޓާ ނެތްތަން ފޫބެއްދޭނެ ކަމުގެ ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށެވެ. ރޭ ވެސް ސާޖިއޯ ބްސްކެޓް ނެތްތަން ޑެނިސް ސުއަރޭޒް ވަނި ވަރަށް ރަނގަޅަށް ބަލަހައްޓާފަ އެވެ.

މެޗަށް ފަހު، ވަހަކަ ދައްކަމުން ޑެނިސް ބުނީ، މެސީ އެއްކޮށް ކުޅޭއިރު، އޭނާއާ ހާއްސަ ކޮމްބިނޭޝަންނެއް އޮންނަހެން ހީވާ ކަމަށެވެ.

"މެސީ އާ ކައިރިން ކުޅޭއިރު، އަހަންނަށް ހީވޭ އަހަންނަ މެސީއާ ދެމެދު ހާއްސަ ގުޅުމެއް އޮންނަ ހެން، އަހްންނަށް ވަރަށް ފަސޭހަ މެސީ ގާތުން ކުޅެން ޖެހުމުން، ފުރުސަތު ތަނަވަސް ވޭ." ޑެނިސް ބުންޏެވެ.

ބާސާގެ ދެ ވަނަ ލަނޑަކީ މެޗް ފެށިގެން 10 ވަނަ މިނެޓް ތެރޭގައި ބާސާ އަށް ލިބުނު ޕެނަލްޓީ އަކުން މެސީ ކާމިޔާބު ކުރި ލަނޑެކެވެ.
ބާސަގެ ތިން ވަނަ ލަނޑު ލުއިސް ސުއަރޭޒް ކާމިޔާބު ކުރީ މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ބާސާގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ނޭމަގެ ބަދަލުގައި ކުޅެން ނިކުތް ތުރުކީގެ ކެޕްޓަން، އަރުދާ ތުރާން އެވެ. އޭނަ ލަނޑު ޖެހި، އެލެކްސް ވިދާލް ތަނަވަސް ކޮސްދިން ފުރުސަތަކުން ނެވެ.

މި ސީޒަންގެ ފުރަތަމަ ހާފުގައި ބާސާގެ ޓީމުން އަންމުކޮށް ޖާގަ ނުލިބޭ، ވިޑާލް ރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކައި އިތުބަރު އުފައްދާފަ އެވެ.