ކުޅިވަރު

މެން ޔޫ ބަލި ވެއްޖެ، ނަމަވެސް ސެމީއަށް

Jan 27, 2017

އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލް ދެ ވަނަ މެޗްގެ ދެ ވަނަ ލެގް މެޗުގައި ހަލް ސިޓީ އަތުން 2-1 ބަލިވި ނަމަވެސް 3-2 އެގްރިގޭޓް ނަތީޖާއިން މެންޗެސްޓާ ޔުނައިޓަޑް މުބާރާތުގެ ފައިނަަލަށް ދަތުރު ކޮށްފި އެވެ.

މި މެޗުން ބަލިވުމުން، ބަލި ނުވެ އެޓީމުން ދަމަހައްޓަމުން އަންނަ ރެކޯޑަށް ވަނީ ނިމުން އައިސް ފައެވެ.

އެ ޓީމުން އެންމެ ފަހުން ބަލިވެފައި ވަނީ، ނޮވެމްބަރު ތިން ވަނަ ދުވަހު ޔޫރޮޕާ ލީގްގެ ގުރޫޕް ސްޓޭޖްގައި، ތުރުކީގެ ފެނަބާޗޭ އަތުން 2-1 ން ނެވެ.

ފުރަތަމަ ލެގް މެޗް 2-0 ން ކާމިޔާބު ކޮށްފައިވުމުން، ރޭ މެޗުގެ ފޭވަރިޓުން ކަމަށް ގިނަ ބަޔަކު ބެލީ ޔުނައިޓެޑެވެ. ނަމަވެސް އެ ޓީމު ކޮަޅަށް ހަލްގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓް ގައި ލިބުނު ޕެނަލްޓީ އަކުން ޓޮމް ހަޑްލްސްޓޯން އެވެ.

ޔުނައިޓަޑަށް ފައިނަލުގެ ފުރުސަތު ތަނަވަސް ކޮށްދިން ލަނޑު، މެޗްގެ 65 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕައުލް ޕޯގްބާ އެވެ. ހަލް މެޗުން މޮޅުވި ލަނޑު ކާމިޔަބު ކުރީ، ސެނަގޯލްގެ އުމަރު ނަޔާސް އެވެ.

އަންނަ މަހު 26 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗްގައި، ޔުނައިޓެޑް ވާދަ ކުރަނީ، ސައުތު ހެމްޓަންއާ ދެކޮަޅަށެވެ.