ބޭރު ކުޅިވަރު

ވެންގާ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފި

Jan 28, 2017

އާސެނަލްގެ ކޯޗް އާސެން ވެންގާ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފި އެވެ.

އިނގިރޭސި އެފްއޭ އިން ވެންގާ ހަތަރު މެޗަށް ބެންޗަށް ނުވަދެވޭ ގޮތަށް ސަސްޕެންޑްކޮށް 25،000 ޕައުންޑުން ޖޫރިމަނާކޮށްފައިވަނީ އެމިރޭޓްސް ސްޓޭޑިއަމްގައި އާދިއްތަ ދުވަހު ބާންލީއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗްގެ 93 ވަނަ މިނެޓްގައި ބާންލީއަށް ޕެނަލްޓީ އެއް ދިނުމާއި ގުޅިގެން، ވެންގާ ހިތްހަމަ ނުޖެހި ހިންގި ހަމަނުޖެހުމާ ގުޅިގެން ނެވެ.

ވެންގާ ވަނީ މެޗްގެ ހަތަރު ވަނަ އޮފިޝަލް އަކަށް ހުރި އެންތަނީ ޓެއިލާ ކޮށްޕާލުމަށްފަހު އޭނާއާ ދިމާލާ ހުތުރުބަހުން އެއްޗެހި ކިޔާފަ އެވެ.

ނަމަވެސް ފަހުން އޭނާ ވަނީ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް މާފަށް ވެސް އެދިފަ އެވެ.

ވެންގާގެ ސަސްޕެންޝަނާ ގުޅިގެން މިރޭ އެފްއޭ ކަޕްގައި އާސެނަލް ސައުތު ހެޕްޓަންއާ ދެކޮޅަށް ކުޅޭ މެޗް ގެއްލިގެންދާއިރު، ޕްރިމިއަރ ލީގްގައި ވަޓްފޯޑާއި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ވެންގާއަށް ބައިވެރިނުވެވޭނެ އެވެ.

ވެންގާއަށް ދެން އެނބުރި ބެންޗަށް އާދެވެނީ އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހަލްސިޓީއާ ދެކޮޅަށް ކުޅޭ މެޗަށެވެ.