ވާހަކަ

މުޅިޖާންހިތާ

(26 ޖެނުއަރީ 2017 އާ ގުޅޭ)

"ހިޝްމާ އެ ބުނި ވާހަކަ އަޑުއިވުނުކަމަށް ހީކުރަން... އަހަރެން ބޭނުމެއް ނޫން އައިރާ ތިކަހަލަ ވާހަކަ ދައްކާ އަޑު އެހެން މީހަކަށް އިވޭކަށް... އޭރުން..." ތާއިބުގެ ވާހަކަ ކުރިއަށް ނުގެންދެވުނީ ގޭގެ ދޮރޯށި ހުޅުވާލި އަޑު އިވިފަ އެވެ.

ސަލާމް ގޮވާލަމުން ސިޓިންރޫމު ދޮރުމަތީ ހުއްޓުނީ ލިޒީ އެވެ. އޭނާއަށް ސިޓިންރޫމު މެދުގައި ކަހަލަ ގޮތަކަށް ހުރި އައިރާގެ ގާތުގައި ތާއިބާއި ހިޝްމާ ހުރި ތަން ފެނުނެވެ. ލިޒީގެ މޫނަށް އެ ދެ މީހުން ވެސް ބަލާލުމާއެކު މަލަމަތި އޮމާންކޮށްލި އެވެ. އެހެންނަމަވެސް ލިޒީއަށް އެގޭތެރޭގައި އައިރާއާ މެދު ކަންތައްކުރެވޭ ގޮތަކީ ސިއްރުވެފައި އޮތް ކަމެއް ނޫނެވެ. ވީއިރު އޭނާއަށް ތާއިބާއި ހިޝްމާގެ ހަރަކާތްތައް ނޭނގިއެއް ނުހުންނާނެތާ އެވެ.

"އައިރާ... ހިނގާ ދަމާ..." އެއްވެސް ކަމެއް ނުފެންނަ ކަމަކަށް ހަދާލަމުން ލިޒީ ބުންޏެވެ. އެހިނދު އައިރާއަށް ބަލާލެވުނީ ހިޝްމާއާއި ތާއިބުގެ މޫނަށެވެ. އެމީހުންގެ ގާތުގައި މިރޭ ބާބެކިއުއަށް އައިރާ ދާން އުޅޭ ވާހަކަ އޮތީ ނުބުނެވި އެވެ.

"ކޮންތާކަށް؟" ހިޝްމާ ވަގުތުން އަހާލި އެވެ.

"ރައްޓެހިކުދީންކޮޅަކާއެކު ބޭބެކިއުއެއް ރާވާލައިގެން މިއުޅެނީ... އަހަންނާއެކު އައިރާ ނުދަންޏާ ވަރަށް ފޫހިވާނެ... މަންމަ ވެސް ބުނި އައިރާ ގޮވައިގެން ދައްޗޭ... މިހާރު އައިރާ ކުރާނޭ މަސައްކަތެއް ނުހުންނާނެއެއްނު..." ލިޒީ ޒާތެއްގެ ރާގެއްލާފައި ނިކަން ދަމަމުން ވާހަކަދެއްކި އެވެ.

"ދައްތާ... ބޭބޭ... އަހަރެން ލިޒީއާއެކު ދިޔަޔަސް އެންމެ ރަނގަޅުތަ؟" އައިރާ ބިރުން ހުރި ފަދަ ގޮތަކަށް އަހާލި އެވެ.

"އައިރާވާނެ ބައިވެރިވާން... މިހާރު ވެސް އެންމެން އެބަކިޔާ އައިރާ ނުފޮނުވާނެޔޭ މިގޭ މީހުން... އެކަމަކު އަހަރެން ބުނިން ހިޝްމާ ދައްތަ ވަރަށް ކޫލްވާނެއޭ... ދޯ ދައްތާ..." ލިޒީ ގަސްދުގައި ހިޝްމާއަށް ދޯ ޖަހާލި އެވެ. ހިޝްމާއަކީ މީހުން ކިޔާފާނެ އެއްޗިއްސަ ވަރަށް ވިސްނާ މީހެއްކަން ލިޒީއަށް އެނގެއެވެ. އޭނާގެ ވާހަކަ އެގޮތަށް ބެހެއްޓީ ވެސް ހިޝްމާއަށް ގޮތް ދައްކަން ވެގެންނެވެ.

"އަހަންނަށް ވަރިހަމަ... އެމީހަކު ދާތަނަކަށް އެމީހަކު ދިޔައީމަ ނިމުނީނު... ކޮންމެހެން އަހަރެން ނުފޮނުވިޔަކަސް..." އިތުރު އެއްޗެއް ބުނަން ބޭނުންނުވެފައި ހުރި ހިޝްމާ ބާރުބާރަށް ހިނގާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ލިޒީ ހޭން ނުހޭން ތުންފިއްތަމުން ދިޔައެވެ. ހިޝްމާގެ ފަރާތުން ހުއްދަ ލިބޭނީ އެފަދަ ގޮތަކަށްކަން އޭނާއަށް އެނގެ އެވެ.

"ލަސްނުވެ އަންނާތި... ބޭރުތެރޭގައި އުޅެފައި އަންނާނީ ބޮނޑިއެއް ބައްލަވައިގެނެއް ނޫން... އެކަހަލަ ކަމެއްވެއްޖެނަމަ މިގެއަކަށް ނުވައްދާނަން..." ތާއިބަށް ވެސް ލިޒީ ހުރީތީ ފާޅުގައި ހުރަސް އަޅާކަށް ނުކެރުނެވެ. އޭނާ ވެސް އެނބުރި ގޮސް ސޯފާގައި އިށީނެވެ.

"އައްޗީޑި... ނިދަން އަޅާ ބުރުގާ އަޅައިގެންތަ މީހުން ބޭރަށް ދަނީ... އަހަރުމެންނާއެކު ސުކޫލުގައި އުޅުނު މީހުން ވެސް އެބައުޅޭ... ތަންކޮޅެއް ރީތިވެލައިގެންނު ދާންވާނީ..." ހާސްވެފައި ހުރި އައިރާ ސިޓިންރޫމު ދޮރުން ނުކުންނަން ހިނގައިގަތް ވަގުތު ލިޒީ ކުއްލިއަކަށް ބުނެލި އެވެ. ތާއިބު ވެސް އެ ދެ އަންހެންކުދީންނަށް އެވަގުތު ބަލާލި އެވެ. ލިޒީ އެތެރެއަށް ވަދެ އައިރާގެ އަތުގައި ހިފާލުމާއެކު އައިރާ ތުންފިއްތާލަމުން ލިޒީއަށް ބަލަން ހުރެ ދެފަރާތަށް ބޯހޫރާލި އެވެ. ތާއިބު ނުރުހިފައި ހުއްޓާ އެހާ ރީތިވެގެން އޭނާ ބޭރަށް ނުކުމެއްޖެނަމަ އިތުރަށް ކަންތައް ގޯސްވާނޭކަން އައިރާއަށް އެނގެ އެވެ.

އައިރާ ޖެހިލުންވެފައި ހުރީތީ ލިޒީއަށް އައިރާ ގޮވައިގެން އޭނާގެ ކޮޓަރިއަށް ދާކަށް ނުކެރުނެވެ. އެހެން ނަމަވެސް ލިޒީމެންގެއަށް އައިރާ އައުމާއެކު އަމިއްލަ ކޮޓަރިއަށް އޭނާ ވައްދާ އަޅާފައި ހުރި ބުރުގާގަނޑު ނަގާ މަލީހާގެ އަތުން ގެނައި ރީތި އޯކިޑުކުލައިގެ ޝޯލްއެއް ނަލަ ގޮތަކަށް އައިރާގެ މޫނަށް ހެޔޮވަރުކޮށް އަޅުވާދިނެވެ.

"ލިޒީގެ މަންމަ އަދި ބޭނުން ވެސް ނުކުރާ ޝޯލްއެއް ދޯ ތީ... ޕްލީޒް ލިޒީ... ތިއެތި ގެންދޭ..."

"އައިރާ... މީ މަންމައަށް މީހަކު ދީފައި އޮތް އެއްޗެއް... މަންމައަކީ ޝޯލްއަޅާ މީހެއްނޫނެއްނު... އަލަމާރީގައި މި ޝޯލް އޮންނަތާ ވަރަށް ދުވަސްވެއްޖެ... މަންމަ ބުނެފައޭ އޮތީ އައިރާއަށް މި ޝޯލް ދޭނީއޭ... އެކަމަކު ހަނދާން ނުހުންނަނީ... މިރޭ ހަނދާން ހުއްޓާ އަވަހަށް ޝޯލް ގެނެސްދިނީ... ތި ޝޯލް އައިރާއަށް..." ލިޒީ ހިނިތުންވެލި އެވެ.

"އެހެންވިޔަސް ލިޒީ... އަހަންނަކަށް ނުކެރޭނެ މިރޭ ނުކުންނާކަށް..." އައިރާ މަޑުމަޑުން ބުނެލި އެވެ. އޭނާ އެހެން ބުނީ ކީއްވެކަން ލިޒީއަށް އެނގުނެވެ.

"މިހާރު އެހާ ބޮޑަކަށް ނޭނގެއޭ މޫނުމަތީގައި ކަމެއްވެފައި ހުރިކަމެއް" އައިރާގެ މޫނަށް ބަލަން ހުރެ ލިޒީ ބުންޏެވެ. އެހެން ނަމަވެސް ލޯގަނޑުން އައިރާއަށް އޭނާގެ އަމިއްލަ ސޫރަ ފެނެ އެވެ. ކޯތާފަތް ކައިރިން ލޭކުލަ ހިލިފައި ހުރިއިރު ލޯ ކައިރިން ނޫފައިގެންފައި ވެއެވެ. މޭކަޕުގެ ސަބަބުން ކުލަ ފަނޑުވެފައި ވިޔަސް އެތަންތަން އައިރާގެ ލޮލަށް ފެނެއެވެ. އެއްވެސް މީހަކަށް އެކަމާ ގުޅޭގޮތުން ޖަވާބެއް ދޭން އައިރާ ނޭދެ އެވެ. މީހުންގެ ކުރިމައްޗަށް ނުކުންނަން އޭނާ ޖެހިލުންވަނީ އެހެންވެއެވެ.

"ޓްރަސްޓް މީ އައިރާ... ވަރަށް ކައިރީގައި ހުރެ ބަލައިފިއްޔާ އެނގޭނީ... އެހެންނޫނަސް އެތަން ވަރަށް އަނދިރިވާނެ... ނޯބޮޑީ ވިލް ނޯޓިސް..." ލިޒީ ޔަޤީންކަން ދޭން މަސައްކަތް ކުރި އެވެ. އެކުވެރިޔާގެ ބަސް ގަބޫލު ނުކޮށް ހުންނާކަށް އައިރާއަކަށް ވެސް ނުކެރުނެވެ. އެހެންވެ ހިތްވަރުކޮށްފައި ލިޒީއާއެކު ދިއުމަށް އައިރާ ތެދުވި އެވެ.

ހުރިހާ ސާމާނެއް ލިޒީ އެއްކޮށްގެން އުޅޭ ގުރޫޕުގެ މެންބަރެއްގެ އާއިލާ މީހަކު ދުއްވާ ޕިކަޕަކަށް އަރުވަމުން ދިޔައިރު ނިޔާނު ހުރީ އެކަހެރިކޮށް ދުރުގައި މަޑުކޮށްލައިގެންނެވެ. އެހެން ހުރި އިރު އޭނާއަށް އިރުއިރުކޮޅާ ބަލާލެވެނީ ގޭގެ ދޮރާދިމާއަށެވެ. ލިޒީއާއި އައިރާ ނުކުންނާނޭ އިރަކަށެވެ. އެހެން ހުއްޓާ ނިޔާނުގެ ނޭވާ ހުއްޓޭ ގޮތްވީ ލިޒީގެ ފަސްފަހަތަށް ވަންނަން މަސައްކަތް ކުރަމުން ދޮރުން ނުކުން އައިރާ ފެނިފަ އެވެ. ނިޔާނުގެ މުޅި ނަފްސު ސަމާލު ކަމަށް އައެވެ. ފާރުބުރި މަތީ އަޅުވާލާފައި އޮތް ދެއަތް ނަގާ ހަށިގަނޑު ތެދުކޮށްލި އެވެ. ލިޒީއާއި އައިރާ ފެންނާނޭހެން އެ ދިމާއަށް މުޅި މީހާ އެކުގައި އެނބުރިލެވުނެވެ. އޭނާއަށް ހީވީ ލިޒީގެ ފަހަތުން ރީތި އޯކިޑުމަލެއް ފެނިލި ހެންނެވެ.

"ނިޔާނު... ޕިކަޕަށް ނާރަންތަ؟" ނިޔާނުގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލީ ޖުވައިނެވެ.

"ތި ހުރިހާ ސާމާނާއެކު އެންމެނަށް އެރޭނެތަ؟ އަންހެންކުދީން ވެސް އެބައުޅެއެއްނު..." ނިޔާނު މިހެން ބުނުމުން ޖުވައިންއަށް ވިސްނުނީ ނިޔާނު އެ ދައްކަނީ އައިރާގެ ވާހަކަ ކަމެވެ. އޭރު ލިޒީއާއި އައިރާ ގޯތިތެރެއަށް ނުކުމެ ތިބިތަން ޖުވައިންއަށް ވެސް ފެނެއެވެ.

"ދެ ބުރު އަޅާނީ... އަހަރުމެން މި ނައްޓާލަނީ... މިތަނުން ބައެއް ކުދީން މަޑުކުރާނެ... ލިޒީއާއި އައިރާ ގޮވައިގެން ނިޔާނު އާދޭ އިނގޭ" ޖުވައިން ބުންޏެވެ. އެއާއެކު ނިޔާނު ބޯޖަހާލި އެވެ.

ގުރޫޕުގެ ދެތިން އަންހެންކުދީން ލިޒީގެ ގާތުގައި މަޑުކޮށްލައިގެން ވާހަކައިގައި ތިއްބެވެ. އައިރާ މަޑުމަޑުން އެމީހުންނާ އެއްފަރާތް ވެލަމުން އައިސް ފާރު ބުރީގައި ލެނގިލައިގެން މަޑުކޮށްލި އެވެ. އިސްޖަހާލައިގެން ހުރިއިރު ވެސް އެތަނުގައި ނިޔާނު ހުރެ ބަލާކަން އައިރާއަށް ފާހަގަވި އެވެ. ކިތަންމެ އުނދަގޫވިޔަސް އެއްޗެއް ބުނާކަށް އައިރާއަކަށް ނުކެރުނެވެ. އެހެން ހުރިއިރު އޭނާގެ ކަންފަތަށް އިވުނުހެން ހީވީ ޝަމްއާނުގެ އަޑެވެ. އެހެން މީހުންނަށް އައިރާ ހުއްދަދޭ ވާހަކަ އެވެ. މެޔަށް ފިނިވެގެން ދިއުމާއެކު ބޭއިޚްތިޔާރުގައި ކޯތާފަތުގައި އައިރާއަށް ވައަތްތިލަ ޖައްސާލެވުނެވެ. އެހިނދު ދެ ލޯ މަރާލެވުނީ ދުޅަކަން ހުރި ކޯތާފަތުގައިވި ރިހުން އިހުސާސް ކުރެވިގެންނެވެ. އައިރާގެ މެރިފައިވާ ދެ ލޯ ހުޅުވާލެވުނީ އޭނާގެ ކޮނޑުގައި މީހަކު އަތްލުމުންނެވެ.

"އަދިވެސް އެކަމާ ވިސްނަނީތަ؟ އެއީ ފެނުނު ނުބައި ހުވަފެނެއް ކަމުގައި ހީކޮށްލާ..." އައިރާގެ ގާތުގައި ހުއްޓިލައިގެން ހުރެ ލިޒީ ބުންޏެވެ.

"އަހަރެން ވެސް ބޭނުން އެވީ ކަމަކީ އަހަންނަށް ހޭލާ ހުއްޓާ ފެނުނު ނުބައި ހުވަފެނަކަށް ހަދަން... އަހަރެން... އަހަރެން އެ ވާހަކަ ބޭބެއާއި ދައްތަ ގާތުގައި ބުނި ވަގުތު ލިޒީ މިރޭ އައީ..."

"އެހެންވެތަ ފާޑަކަށް އެމީހުން ތިބީ... އަހަރެން ހީކުރީ އައިރާ ބާބެކިއުއަށް ދާ ވާހަކަ ބުނީމަ އެކަމާ ނުރުހިފައި ކަމަށް.... އެހެންވެ އެހާ ގޮތް ދައްކަދައްކާފައި އުޅުނީ... ދެން ކީކޯ އެމީހުން ބުނީ... ޝަމްއާނު އަހަންނަށް ބަލާލީ ވަރަށް ލޯއަޅާލާފަ... ހީވަނީ މަހެން އެ ނުބައި ޢަމަލު ހިންގަން އުޅުނީ"

"އެމީހުން ޤަބޫލެއް ނުކުރޭ ޝަމްއާނު އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް... ބުނީ އެވާހަކަ އެއްވެސް މީހެއް ކައިރީ ދައްކާ އަޑު އިވިގެން ނުވާނެއޯ... އެހެންވެއްޖެނަމަ އަހަރެން ގެއިން ނެރެލާނީ މުޅި ރަށަށް ބަދުނާމުކޮށްފައި ކަމަށް..." އައިރާ އިސްޖަހައިގެން ހުރެ މަޑުމަޑުން ވާހަކަ ދެއްކި އެވެ.

"އެމީހުންނަށް އެހެން ކަންތައްކުރެވޭނީ ކިހިނެއް؟ އަހަރެން ހިތަށް އަރާ އައިރާއަށް އަހަރެންގެ ގޭގައި ހުރެވޭނެނަމައޭ... އެކަމަކު ކީއްކުރާނީ... ބައްޕައާ ހެދި މަންމައަށް ވެސް އެ ހުންނަނީ އައިރާ ގެންނަން ނުކެރިފައި... އަހަންނަށް އެ ދުވަސް ނުފެނުނު ކަމުގައި ވިޔަސް މަންމަ ވަރަށް ދައްކާނެ އައިރާގެ މަންމަ މަރުވެގެން އެ ތާއިބު ކަންތައްކުރި ގޮތުގެ ވާހަކަ... އެކަހަލަ މީހުންނަށް އަދި ކޮންމެވެސް ދުވަހަކުން އެމީހުން ކަންތައްކުރި ގޮތް ފެންނާނެ..."

ލިޒީއާއި އައިރާގެ ދެމެދުގައި ވާހަކަތަކެއް ދެކެވެމުންދާކަން ނިޔާނަށް އެނގި އެ މީހުންގެ އަޑު އިވޭ ހިސާބަށްދާން ބޭނުންވި އެވެ. ނަމަވެސް އެތަނުގައި ދެން ތިބި އަންހެން ކުދީންތަކުގެ ސަމާލުކަން ނިޔާނަށް ހުއްޓިފައިވާލެއް ބޮޑުކަމުން އެމީހުންގެ ގާތުން ސަލާމަތްވެވޭ ގޮތެއް ނުވިއެވެ. އެމީހުންގެ ސުވާލުތަކަށް ނިޔާނު ޖަވާބު ދެމުން ދިޔަ ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ލިޒީއާއި އައިރާއަށެވެ.

"އެއޮއް އައީ އަހަރުމެންގެ ޕިކަޕު..." ނިޔާނު ކައިރީގައި ތިބި ކުދީންތަކުން ކުއްޖަކު ގޮވާލި އެވެ.

ޕިކަޕު މަޑުކޮށްލުމާއެކު އޭގެ ތެރެއިން ނުކުތީ ހުސެން އެވެ. އެ ޕިކަޕަކީ ހުސެންގެ ޢާއިލާ މީހަކު ދުއްވާ ޕިކަޕެކެވެ. އަންހެންކުދީންތައް ހަލުއި ކަމާއެކު ޕިކަޕުގެ ފަހަތަށް އަރަން ފެށިއެވެ. ލިބުނު ފުރުޞަތުގައި ނިޔާނު އައިސް ލިޒީއާއި އައިރާގެ ގާތުގައި މަޑުކޮށްލި އެވެ. އަދި ޕިކަޕުގެ ކުރިއަށް ލިޒީއާއި އައިރާ އެރުމަށް ނިޔާނު ލަފާދިނެވެ. އެގޮތް ލިޒީއަށް ވެސް ކަމުދިޔައެވެ. ލިޒީއާއި އައިރާ ކުރިއަށް އެރުމުން ހުސެންއާއެކު ނިޔާނު ޕިކަޕުގެ ފަހަތަށް އެރިއެވެ. އެއާއެކު ޕިކަޕު ދުއްވާލައިފި އެވެ.

ޕިކަޕުގައި ގެނައި ޕްލާސްޓިކު ގޮނޑިތައް ވެލިގަނޑުގައި އަތުރާލާފައި ހުއްޓެވެ. ލައްޕާ ލަކުޑި މޭޒު ބޭބެކިއު ސްޓޭންޑް ހުރި ދިމާގައި ބަހައްޓާ އޭގެ މަތީ އެއްޗެހިތައް އެތުރުމުގައި ޒުވާން ފިރިހެންކުދީން އުޅެއެވެ. ހީވަނީ ކޮށްފަރިތަ ކަމެއްހެންނެވެ. ދެތިން ކުދީން ވެގެން ގްރިލް ތައްޔާރު ކުރެވޭތޯ އުޅެއެވެ. ރަށު ކައުންސިލުން އެ ހިސާބު އަލި ކުރުމަށް ޖަހާފައި ހުރި ހޮޅިދަނޑިތަކުން ފަނޑު އަލި ކަމެއް ވެރިވެފައި އޮތެވެ. އެހެންނަމަވެސް ޓޯޗުތަކުގެ އަލިތަކާއި ޒުވާންކުދީންގެ އަޑުފަށްގަނޑުން ހިސާބުގަނޑަށް ދިރުން އައިސްފައިވެއެވެ. ފޯރި ގަދަވީ ޕިކަޕުގައި އަންހެންކުދީންގެ ގުރޫޕު އެތަނަށް އައުމުންނެވެ.

ގިނައިރެއްނުވެ ހުރިހާ ކަމެއް ތައްޔާރުވެ އަލިފާންގަނޑު ރޯކޮށްފި އެވެ. އަދި ރަނގަޅަށް ނާށިތައް އަނގުރަށްވަމުން ދިޔައިރު ހިމަދަނޑިކޮޅުތަކުގައި މާޝިމެލޯތައް ޖަހައިގެން ގްރިލްގެ ވަށައިގެން ކަހަލަ ގޮތަކަށް އެންމެން ތިއްބެވެ. ޖުވައިން އާއި ނިޔާނު ވެސް އެތަނުގައި ތިއްބެވެ. މާޝިމެލޯކޮޅު މަޑުވެލާހާ އިރުވުމުން ނިޔާނު އެތަނުގައި ހުރެފައި ހިނގައިގަތެވެ. ޖުވައިންއާއި ލިޒީގެ ނަޒަރު އޭނާއަށް ޚާއްޞަކޮށް ހުއްޓުނެވެ. އެކަހެރިކޮށް ގޮނޑިއެއްގައި އިށީނދެ މޫދާ ދިމާއަށް އެނބުރިއިން އައިރާގެ ގާތަށް ނިޔާނު ދާތަން ފެނުމުން ލިޒީ އެ ދިމާއަށް ދިއުމަށް އަވަސްވެގަތެވެ. އެހިނދު ހަލުވިކަމާއެކު ޖުވައިން އައިސް ލިޒީއަށް ހުރަސްއެޅި އެވެ.

"ގިވް ދެމް ސަމް ޕްރައިވެސީ... އައިރާ ނުރުހޭ ކަމެއް ނިޔާނު ނުކުރާނެ... ޓްރަސްޓް މީ... އަނެއްކާ މިތާ އެންމެންގެ ތެރޭގައި ކުރެވޭނީ ކޮންކަމެއް؟" ހަމައެކަނި ލިޒީއަށް އަޑުއިވޭނޭ ވަރަށް ޖުވައިން ބުނެލިއެވެ.

"މީ ރަނގަޅު ކަމެއްތަ؟" ޔަޤީންނުވެފައި ހުރެ ލިޒީ ބުންޏެވެ.

"ލިޒީއެއްނު ބުނީ ދެ މީހުން އެކަކު އަނެކަކުދެކެ ތެދުވެރި ލޯބިވަންޏާ އެ ދެމީހުން ގުޅުމަކުން މައްސަލައެއް ނެތޭ... ކިހިނެއްތަ ދެ މީހުން ލޯބިވާކަން އެނގޭނީ އެ ދެމީހުން ވާހަކަ ދައްކާލަން ފުރުޞަތެއް ނުދެންޏާ... އެކަކު އަނެކަކާ މެދު ރުހޭކަން ވެސް އެނގޭނީ އޭރުން ދޯ... ލެޓްސް ޖަސްޓް ގިވް ދެމް ސަމް ޓައިމް... އައިރާއަށް ވެސް ހަމަޖެހިލައިގެން ވާހަކަ ދައްކާލަން މިއަށްވުރެ ރަނގަޅު ފުރުޞަތެއް ކޮބާ؟" ޖުވައިން މިހެން ބުނުމާއެކު ލިޒީއަށް ބޮލުން އިޝާރާތްކޮށްލީ އޭނާއާއެކު އައުމަށެވެ. އަދިވެސް އެއްފަހަރު އައިރާއާ ދިމާއަށް ބަލާލާފައި ޖުވައިންއާއެކު ލިޒީ ހިނގައިގަތެވެ.

"ހާއި... މިއައީ އައިރާއަށް މާޝިމެލޯއެއް ހިފައިގެން..." ނިޔާނުގެ އަތުގައި އޮތް މާޝިމެލޯޖެހި ދަނޑިކޮޅު އައިރާއަށް ދިއްކޮށްލި އެވެ. އެހެން ނަމަވެސް އައިރާ ދެ ފަރާތަށް ބޯހޫރާލި އެވެ. އެއާއެކު ނިޔާނު އެތާ ކައިރީގައި ހުރި ގޮނޑިއެއް ގެނެސް އައިރާއާ ކުޑަކޮށް ކުރިމަތިވާނޭހެން އިށީނެވެ. ހާސްވެފައި އައިރާއަށް އެއްފަރާތަށް އެނބުރިލެވުމާއެކު އޭނާގެ މޫނު އެއްއަތުން ފޮރުވާލެވުނެވެ.

"އިޓްސް އޯކޭ އައިރާ... އަހަރެން ނޫޅެން ކަމެއް ކުރާކަށް... އަހަންނަށް އައިރާގެ ރައްޓެއްސަކަށް ނުވެވޭނެތަ؟ އަހަރެން ވަރަށް ބޭނުން އައިރާއާ ވާހަކަ ދައްކާލަން... ޕްލީޒް..." ނިޔާނު ވާހަކަ ދެއްކުމުން ވެސް އައިރާ އިނީ ހަރަކާތެއް ވެސް ކޮށްނުލައެވެ. އެހެންނަމަވެސް ނިޔާނު އިނީ އޭނާއަށް މި ލިބުނު ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަން ބޭނުންވެފަ އެވެ. މިހާ މިނިވަންކަމާއެކު އައިރާއާ ވާހަކަ ދައްކާލެވޭނެ ދެވަނަ ފުރުޞަތެއް ނުލިބިދާނޭތީ އެވެ.

"ނިކަމެތި ހާލުގައި ދުނިޔޭގައި މީހުން އުޅޭކަން އަހަރެން ވެސް ދެނަހުރިން... އެކަމަކު ލޮލަށް މި ފެނުނީ ފުރަތަމަ ފަހަރަށް... އަންހެންކުދީންގެ ނިކަމެތިކަމުން ފައިދާ ނަގާ ފިރިހެނުންގެ ނުބައި ޢަމަލުތައް މިހާ ގާތުން ފެނުނު މީ ފުރަތަމަ ފަހަރު... އަހަރެން ވަރަށް ދެރަވެއްޖެ..."

"ނިޔާނު..." ނިޔާނުގެ ވާހަކަތައް އަޑުއަހަން އިން އައިރާއަށް ނިޔާނުގެ ނަމުން ގޮވާލެވުނެވެ. ހީވީ އޭނާ އެ ދައްކަމުންދާ ވާހަކަތައް ހުއްޓާލާށޭ ބުނަން އައިރާ ބޭނުންވާ ހެނެވެ.

"އަހަންނަށް... އައި... އައިރާ މެދު ދެކެވެނީ ވަރަށް ގާތްކޮށް... ޚާއްޞަ ގޮތަކަށް... ހިތަށް އުނދަގޫވަނީ އެހެންވެ... ތިހާލުގައި އައިރާ އުޅޭތަން ފެނުނީމަ އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރޭ..."

"ނިޔާނު... ޕްލީޒް... ހަމްދަރުދީގެ އިހުސާސްތައް ހައްދުން ނެއްޓުނަ ނުދީ..." އައިރާއަށް ލޯ މަރާ ބާރުކޮށްލެވުނެވެ. އިހުނަށްވުރެ ބޮޑަށް މޫނު އެއްފަރާތް ކޮށްލާ ނިޔާނަށް ފޮރިވިލަން އައިރާ މަސައްކަތްކުރި އެވެ.

"ހަމްދަރުދީ ވެވެނީ ވެސް ހިތުގައި އެމީހަކަށް ޚާއްޞަކަމެއް ދެވިގެން... އެމީހަކު ޚާއްޞަ ކުރަނީ ގަސްދުގައެއް ނޫން... އަހަންނަށް މިފަހަކަށް އައިސް އަބަދުހެން ވިސްނެނީ އައިރާއާ މެދު... އައިރާ... އަހަރެން ވާހަކަ ދައްކާއިރު ނިކަން އެއްފަހަރު ވެސް އަހަންނާ ދިމާއަށް ބަލާލަބަލަ..." ނިޔާނުގެ އަޑުގައި ހުރި ގާތްކަމާއި އޯގާތެރިކަން އައިރާގެ ހިތަށް އިތުރު ތަކުލީފެއް ދެމުންދިޔަ ކަހަލައެވެ. ތިރީ ތުންފަތުގައި ދައިގަންނަމުން ނިކަން އަވަސް އަވަހަށް އައިރާ ދެފަރާތަށް ބޯހޫރާލި އެވެ. އެހެންނަމަވެސް ނިޔާނު އެކަން ބަލައެއް ނުގަތެވެ. އޭނާ މަޑުމަޑުން އައިރާގެ މޫނުގެ އެއްފަރާތުގައި ޖައްސާލައިގެން އިން ވައަތްތިލައިގައި އަތްލިއެވެ. އެހިނދު އައިރާއަށް ވެސް އޭނާގެ އަމިއްލަ ނަފްސުގެ ހިފެހެއްޓުން ދޫވެގެން ދިޔަ ފަދަ އިހުސާސެއް ކުރެވިގެންދިޔަ އެވެ. މުޅި ހަށިގަނޑަށް ޒާތެއްގެ ފިނިގަނޑެއް އަރައިގެން ދިޔަ ކަހަލައެވެ. ވިންދު އަވަސްވެ ހިތުގެ ތެޅުން ބާރު ވެއްޖެ އެވެ. އެހެން އިންދާ ނިޔާނުގެ އަތުން އައިރާގެ އަތްތިލަ ތިރިކޮށްލުމާއެކު އައިރާގެ ދަތްދޮޅީގައި ހިފާ އޭނާއާ ދިމާއަށް އެ ދޮން މޫނު އަނބުރާލި އެވެ. އެހިނދު އައިރާއަށް އެއްވެސް ހިފެހެއްޓުމެއްނެތި ރޮވިއްޖެ އެވެ. އެފަދަ ވަގުތެއްގައި އޭނާ ރޯން ބޭނުން ނުވި ނަމަވެސް ހިތުގައި އުފެދުނު ގަދަ ޖަޒުބާތުގައި އެ ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް ނުހިފެއްޓުނީ އެވެ. އަމިއްލަ ހިތުގައި އުފެދެމުންދިޔަ އިހުސާސްތަކާމެދު އައިރާ ބިރުގެންފައި ވަނިކޮށް ނިޔާނުގެ ފަރާތުން އޭނާއަކީ ނިޔާނަށް ކިޔާ ޚާއްޞަ މީހެއްކަން އެނގުނު ހިނދު އައިރާއަށް އެފަދަ އޯގާތެރިކަމެއް ތަޙައްމަލު ކުރާނޭ ގޮތް ނޭނގުނީ އެވެ.

"އައިރާ.... ކީއްވެ ރޯން ތިފެށީ... އަހަންނަށް އައިރާގެ ހިތުގައި ޖެހޭވަރު އެއްޗެއް ބުނެވުނީތަ؟ އައިރާ! ހިނގާބަލަ އަހަންނާއެކު... ކެރޭނެތަ އަހަންނާއެކު ދާން... ދުރަކަށް ނޫން... އެ ދިމާއަށް... ރާޅުޖަހާ ހިސާބަށް... މިތިބަ މީހުންނާ ދުރަށް... އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން... އައިރާ..." ނިޔާނު މިހެން ބުނެ ގޮނޑިން ތެދުވެ އައިރާގެ އަތުގައި ހިފާލާ ކުރިއަށް ޖެހިލުމާއެކު ރޮމުންދިޔަ އައިރާ ވެސް ކުރިއަށް ފިޔަވަޅު އަޅާލި އެވެ. އޭނާގެ ފަރާތުން ދެކޮޅު ހެދުމެއް ނުފެނުމުން އައިރާގެ އަތުގައި ހިފާލައިގެން ނިޔާނު ރާޅުޖަހާ ހިސާބަށް އައިސް މަޑުކޮށްލިއެވެ. (ނުނިމޭ)