ތިން ލައްކައެއްހާ މީހުން ދިރިއުޅޭ މާލެސީޓީގައި ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަކަށް ދަތުރުފަތުރުގެ ނިޒާމް ބައްޓަން ކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއްކޮށް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. ހަމަ އެކަނި ޓެކްސީގެ ހިދުމަތުގެ އިތުރަށް، އާންމު ދަތުރުފަތުރު އަގު ހެޔޮ ކުރުމަށް ބަހުގެ ހިދުމަތް ވެސް ފެށުމަށް ފަހު ވެސް ކުރިއަށްދާ ގޮތެއް ނުވި އެވެ. މިފަހުން އާންމު ދަތުރުފަތުރަށް އޮތް ހަމައެކަނި ގޮތަކީ އުނދަގުލާއި ތަކުލީފުން ހޯދަން ޖެހޭ ޓެކްސީގެ ހިދުމަތެވެ. ޓްރާންސްޕޯޓް އޮތޯރިޓީގައި ޓެކްސީ ހިދުމަތް ދިނުމަށް ގާތްގަނޑަކަށް 800 އެއްހާ ކާރު ރެޖިސްޓާކޮށްފައިވާ އިރު އާންމުންގެ އަބަދުވެސް ޝަކުވާ އަކަށްވެފައި އޮންނަނީ ބޮޑު އަގުނަގާ އިރު އެކަށީގެންވާ ހިދުމަތް ނުދެވުމެވެ.
މާލޭގެ ދަތުރުފަތުރުގެ ނިޒާމް މިފަދަ ހާލަތެއްގައި އޮއްވާ ސަރުކާރުން ވަނީ މުޅިން އަލަށް ސައިކަލު ޓެކްސީގެ ހިދުމަތް ތައާރަފްކޮށް ހިދުމަތް ދޭން ފަށާފަ އެވެ. ދަތުރުފަތުރުގެ ހިދުމަތް އެކަށީގެންވާ ވަރަށް ނުދެވޭތީ ވޭތުވެދިޔަ 15 ވަރަކަށް އަހަރު ތެރޭގައި މާލޭގައި ސައިކަލު ބޭނުން ކުރާ މިންވަރު އެތަށް ގުނައަކަށް އިތުރުވެފައިވާ އިރު އެ އުޅަނދުން ޓެކްސީގެ ހިދުމަތް ދޭން ފެށުން ވެގެން ދާނީ ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ ކޮންކަހަލަ ބަދަލަކަށް ހެއްޔެވެ؟ ނޫނީ އެކަށީގެންވާ ފެންވަރަށް ހިދުމަތް ނުދެވިގެން ހުއްޓާލަން ޖެހިދާނެ ހެއްޔެވެ؟ މިއީ މިއަދު ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.
"ރާއްޖޭގެ ތަރައްގީގެ ސްޕީޑު މިދަނީ ވަރަށް ބާރަށް. އެކަން ކުރިޔަށް ދާވަރަކަށް އެ ސްޕީޑާ އެއްވަރަކަށް ޓްރާންސްޕޯޓުގެ ހިދުމަތް ފައިހަމަ ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން މި ހިދުމަތުން ގިނަ ވަޒީފާތައް އިތުރުވެ ގަޑިން ގަޑިއަށް ތަންތަނަށް ދާން ޖެހޭ މީހުންނަށް އެ ފުރުސަތު ފަހިވެގެންދާނެ. ކުރިން ހުރި ދަތިތައް ހައްލުވެގެން ދާނެކަން ޔަގީން،" ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒް ވިދާޅުވި އެވެ.
ސައިކަލު ޓެކްސީގެ ހިދުމަތް އިއްޔެ ފަށާފައިވާ އިރު އެ ހިދުމަތް ދިނުމަށް އަދި ހަވާލުކޮށްފައި ވަނީ ސްކޫޓެކްސީ ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެއީ ޔޫރަޕުގެ ގިނަ ގައުމުތަކެއްގައި އެންމެ ފެންވަރު ރަނގަޅުކޮށް ސައިކަލު ޓެކްސީގެ ހިދުމަތް ދެމުން އަންނަ އެއް ކުންފުންޏެވެ. އެހެން ކަމުން މިއީ އެ ހިދުމަތް ދޭނެ ގޮތުގެ ކޮލަޓީއަށް މީހުންނަށް އިތުބާރު ކުރެވިދާނެ އެއް ސަބަބެކެވެ.
ސްކޫޓެކްސީއިން ސައިކަލު ޓެކްސީގެ ހިދުމަތް ދޭނެ ގޮތާބެހޭ ގޮތުން "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މެނޭޖިން ޑިރެކްޓާ މުހައްމަދު ބައްސާމް ވިދާޅުވި ގޮތުގައި އެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތަކަށް ސަލާމަތާއި ރައްކާތެރި ކަމުގެ އިތުރުން ފުރިހަމަ އަދި އިތުބާރު ކުރެވޭ ފަދަ ހިދުމަތެއް ކަށަވަރުކޮށްދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ އެވެ.
އެގޮތުން ސަލާމަތީ ކަންކަން ކަށަވަރުކޮށް ކުށުގެ ރިކޯޑު ބަލައި ލޮލުގެ ފެނުމާއި އެހެނިހެން މެޑިކަލް ޗެކަޕްތައް ހަދައި އޭގެ އިތުރުން ހިދުމަތް ހޯދާ ގަޑީފައި ހިދުމަތް ލިބިގަންނަ ފަރާތަކަށް ކަމެއް ވެއްޖެ ހާލަތެއްގައި ފަރުވާ ދެވޭނެ ގޮތަކަށް ފަސްޓް އެއިޑް ޓްރެއިނިންވެސް ދޭނެ އެވެ.
"ސަލާމަތީ ގޮތުން ބަލާނަމަ ރައްޔިތުން އެއްވެސް ވަރަކަށް ކަންބޮޑުވާކަށް ނުޖެހޭނެ. ޓްރާންސްޕޯޓް އޮތޯރިޓީ އިން ހަދާފައިވާ ގަވައިދުގައި ވެސް އެކަންތައް ކަށަވަރު ކުރުމަށް ގިނަ ކަންތަކެއް ކުރުމަށް ހުރޭ. އޭގެ އިތުރުން އަޅުގަނޑުމެންގެ ކުންފުނިން މަސައްކަތް ކުރާނީ ގިނަ ފައިސާތަކެއް ހޯދުމުގެ ބަދަލުގައި ރައްޔިތުންނަށް ދަތުރުގެ ނިޒާމް ލުއި ކޮށްދޭނެ ކަމެއް ގޮތަށް،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވި ގޮތުގައި ހޮޓްލައިން ނަމްބަރު މެދުވެރިކޮށް އެ ހިދުމަތް ހޯދޭ އިރު ކުރިޔަށް އޮތް ދެ މަސް ތެރޭގައި ސްކޫޓެކްސީގެ އެޕްލިކޭޝަން ނެރޭނެ ކަމަށެވެ. އަދި އެއީ ހިދުމަތް ލިބިގަންނަ ފަރާތަށް ފަސޭހަވެ އަދި ރައްކާތެރިކަން އިތުރުވެގެން ދާނެ ކަމެކެވެ. އެކަމަށް ބޭނުންވާ މަސައްކަތް ދަނީ ކުރަމުންނެވެ.
"ސްކޫޓެކްސީ އެޕްއަށް ވަދެ ދާން ބޭނުންވާ ތަން ޖެއްސެވުމުން ޑްރައިވަރުންނަށް އެކަން އެނގޭނެ. އަދި ޑްރައިވަރު ކޮންފާމް ކުރުމުން ކަސްޓަމަރަށް ޑްރައިވަރު ޑްރައިވަރުގެ ފޮޓޯއާ ސައިކަލު ނަމްބަރާ އެއްކޮށް އެލާޓެއް އަންނާނެ. އަދި ޑްރައިވަރު ހުރި ހިސާބު ވެސް ބަލައިލެވޭނެ. ޑްރައިވަރަށް ވެސް ކަސްޓަމަރުންނަށް ވެސް ވަރަށް ފަސޭހަ ވާނެ މި އެޕް،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވި ގޮތުގައި ސައިކަލުގައި އިންނަ ގަޑީގައި ކަމެއް ގޯސްކޮށް ދާހެން ހީވާނަމަ ސްކޫޓެކްސީ އެޕްގެ ޕެނިކް އެލާޓް ބަޓަންއަށް ފިތާލުމުން އެކަން ސެންޓަރަށް އެލާޓުވެގެންދާނެ ކަމަށެވެ. އަދި އެ ކަމެއް ބަލާ ވަގުތުން ފިޔަވަޅު އަޅާނެ ދާނެ އެވެ.
ދަތުރުފަތުރުގެ ނިޒާމުގެ ތެރެއަށް ޒަމާނީ ވަސީލަތްތައް ވަދެގެން ދާއިރު ސައިކަލަކީ މާލެ ފަދަ ކުޑަ ސިޓީއެއްގައި ދުއްވުމަށް އެންމެ އެކަށީގެންވާ އުޅަނދުކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ސަބަބަކީ މާލޭގެ ހިމަ ގޯޅިތަކުން ކާރަށްވުރެ ހަލުވިކޮށް ދެމިގަނެވޭނެތީ އެވެ.
ދަތުރުފަތުރުގެ ނިޒާމްއަށް މި އަންނަ ބަދަލުގެ އިތުރުން މިއީ ގިނަ ޒުވާނުންތަކަށް ހުޅުވިގެން ދާނެ ވަޒީފާތަކެއް ވެސް މެއެވެ. އަދި ހާއްސަކޮށް މި ކަމުގައި އަންހެނުންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވެއެވެ. ސަބަބަކީ އެ ހިދުމަތް ދިނުމުގެ ގަވައިދުގައި ބުނެފައިވާ ގޮތުން އަންހެނަކަށް ހިދުމަތް ދެވޭނީ އަންހެން ޑްރައިވަރަކަށެވެ.
"ޒުވާނުންނަކީ ހަމައެކަނި ފިރިހެން ކުދިންނެއް ނޫން. އަޅުގަނޑުމެންގެ މަގްސަދަކީ ޒުވާން އަންހެން ކުރިދންވެސް ހިމެނޭ ގޮތަށް ބެލެންސްކޮށް ކުރިޔަށް ގެންދިޔުން. މިހާރުވެސް ބޮޑު ތަރުހީބެއް އަންހެން ކަނބަލުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބިގެންދޭ. އަދި އިތުރަށް ވެސް ގިނަ އަންހެނުންގެ ބައިވެރިވުން އޮންނާނެ ކަމަށް ގަބޫލު ކުރަން،" ބައްސާމް ވިދާޅުވި އެވެ.
ސައިކަލު ޓެކްސީގެ ހިދުމަތްދޭ ފުރަތަމަ ކުންފުންޏަކަށް ސްކޫޓެކްސީ ވެގެންދިޔަ އިރު ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނެފައިވާ ގޮތުގައި ދެވަނަ ކުންފުނި ވެސް ވަރަށް އަވަހަށް ހިދުމަތް ދޭން ފަށާނެ އެވެ.