ސައިކަލް ޓެކްސީގެ ހިދުމަތް

ސައިކަލު ޓެކްސީތައް ބުރަކިޖެހިފައި!

May 13, 2017
10

މާލޭގައި ޓެކްސީއެއް ނުލިބިގެން ކިތައް ތަނަށް ކިތަށް ފަހަރު ގުޅައިގެން އިންތިޒާރުގައި ހުންނަން ހެއްޔެވެ؟ މަގުމައްޗައް ނިކުތަސް ދެކޮޅަށް ހިނގަހިނގާ އެތައް ވަގުތެއް ހޭދަ ވާއިރުވެސް ޓެކްސީއެއް ލިބެނީ ހާލަކުން ފަހަރު އެވެ. މާލޭގެ އޮންނަ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ބަދަލެއް ގެނައުމަށް އާންމުން އާދޭހަށް ހަމަ ނިމުމެއް ނާދެ އެވެ. ނަމަވެސް މި އަހަރު ކުރީކޮޅު އެ ޝަކުވާތަކަށް ހައްލެއް ހޯދައިދެވޭނެ ކަމަށް ބަަލައިގެން ސައިކަލު ޓެކްސީގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރި އެވެ. އޭގެ ފަހުން މިހާރު އަހަރު ދެބައިވާން ދާއިރު އެ ނިޒާމް ރާއްޖެއަށް "ފައްކާ" ވިތޯ ނޫނީ ދިޔައީ "ފަނުފުލުން" ތޯ ވެސް ބަލައިލަން ޖެހެ އެވެ.

"އެ ހިދުމަތް ތައާރަފް ކުރި ދުވަސްވަރު ވަރަށް ފަސޭހައިން މަގުމަތިން ވެސް ލިބޭނެ ސައިކަލު ޓެކްސީއެއް. ގުޅައިގެން ގިނަ އިރަކަށް މަޑު ކުރާކަށް ނުޖެހޭ. ނަމަވެސް މިހާރު ސައިކަލު ޓެކްސީއަށް ގުޅިޔަސް ދަތުރެއް ލިބެނީ ވަރަށް އުނދަގުލުން. މަގުމަތިން ސައިކަލު ޓެކްސީއެއް މިހާރު ވަރަށް ނުފެނޭ،" ރަސްފަންނާ ކައިރިން ޓެކްސީއެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރި އަންހެނަކު އިއްޔެ ބުންޏެވެ.

އެހެން މީހެއްގެ ވާހަކަ އެވެ: "ވިލިމާލެއިން އައިސް އަބަދުވެސް ޓެކްސީއަކަށް އަރަން ޖެހޭނީ. އެކަމަކު ފަސޭހައިން ނުލިބޭނެ އެހެން ނަމަވެސް ސައިކަލް ޓެކްސީ އައުމުން ފަސޭހަ ވެގެންދާނެ ކަމަށް ބެލެވުނީ އެކަމަކު މިހާރު ކުރިޔަށް ވުރެން މަދު ސައިކަލް ޓެކްސީ ނުފެންނަހެން ވެސް ހީވޭ،"

އެ ހިދުމަތް ތައާރަފް ކުރި ދުވަސްވަރު މަގުމަތިން ސައިކަލު ޓެކްސީ ދުއްވިގާ ގިނައެއްކޮށް މިހާރު ނުފެނެ އެވެ. މިހާރު ފެންނަނީ ހާލަކުން ފަހަރަކު އެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ސައިކަލު ޓެކްސީގެ ހިދުމަތް ނުހިނގީ އެ ނިޒާމް ރާއްޖެއާ ނުގުޅޭތީ އެވެ. އަދި އެކަން ކުރަން ޝައުގުވެރިވާނެ ދިވެހިން ވެސް ނުލިބިގެނެވެ. ނަމަވެސް އެ ހިދުމަތް ބޭނުން ކުރަން ބޭނުންވެފައި ތިބި މީހުން އެބަތިއްބެވެ.

ހިދުމަތްދޭ ފަރާތްތައް ކޮބާ؟

ރާއްޖެގައި ފުރަތަމަ ފަހަރަށް ސައިކަލު ޓެކްސީ ހިދުމަތް ދިނުމުގެ މަސައްކަތަށް ތައްޔާރުވީ ރައިޑްއެމްވީ އިންނެވެ. ނަމަވެސް ރާއްޖޭގައި ސައިކަލު ޓެކްސީ ހިދުމަތްތައް ދޭނެ ގޮތުގެ ގަވައިދުގައި ހިތްހަމަ ނުޖެހޭ ކަންކަން ހުރުމުން އެ މަސައްކަތް ހުއްޓާލީ އެވެ. ނަމަވެސް ރައިޑްއެމްވީ ހުއްޓާލި ހިސާބުން ފަށާ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިކަލު ޓެކްސީ ހިދުމަތް ދިނުމުގެ ލަގަބު ހޯދީ ސްކޫޓެކްސީ އެވެ. ބާރު ސްޕީޑުގައި ހިދުމަތް ފަށައިގަތް ނަމަވެސް މިހާރު ސްކޫޓެކްސީގައި ވަނީ "ބުރަކި" ޖެހިފަ އެވެ.

"އަޅުގަނޑުމެން މިވަގުތަށް ކުންފުނި އޮޕަރޭޓު ކުރުން މަޑުޖައްސާލާފައި މި އޮތީ. އެ ހިދުމަތް ފޯރުކޮށްދިނުމަށް ބައެއް ގޮންޖެހުންތައް ހުރޭ. ދެން އިތުރަށް ބަލާފައި ފަހުން އެ ހިދުމަތް އަލުން ފަށާނީ. މިވަގުތު އަޅުގަނޑުމެންގެ ބައެއް ޑްރައިވަރުން އަމިއްލަ ގޮތަށް ވެސް އެ ހިދުމަތް ދެމުންދޭ،" ސްކޫޓެކްސީ މެނޭޖިން ޑިރެކްޓާ މުހައްމަދު ބައްސާމް ވިދާޅުވި އެވެ.

އެހެންކަމުން ސައިކަލު ޓެކްސީގެ ހިދުމަތް މިހާރު ދޭ ކުންފުންޏަކީ އަނުއާ ޓްރާސްޕޯޓް ސާވިސް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ހިދުމަތް ދިނުމަށް މުޅި ރާއްޖެއަށް ހުޅުވާލާފައިވީ ނަމަވެސް އެކަމަށް މާބޮޑު ތަރުހީބެއް މިހާތަނަށް ލިބިފައެއް ނެތެވެ.

ކޮންމެއަކަސް މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ހައްލެއް ލިބިއްޖެ ކަމަކަށް ބުނެވޭކަށް ނެތެވެ. މާލޭގައި ސައިކަލު ކިތަންމެ ގިނަ ނަމަވެސް އެ ހިދުމަތް މިހާތަނަށް އެންމެ އެކަށީގެންވާ ފެންވަރަށް ދެވިފައި ނެތެވެ.