ވިޔަފާރި

ބީއެމްއެލްގެ ފައިދާ އެއް ބިލިއަނަށް، އިންވެސްޓްމަންޓް ދެގުނަ އިތުރުކުރަނީ

Jan 30, 2017
3
  • ބީއެމްއެލްގެ ސާފު ފައިދާ 56 ޕަސެންޓް އިތުރު
  • 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެ
  • އިންވެސްޓްމަންޓާ ހެދި ފައިދާ ދަށްވެދާނެ

ގައުމީ ބޭންކް ބީއެމްއެލްއަށް މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާއެއްވެ، އެބޭންކުން މިއަހަރުގެ ތެރޭގައި ކުރާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކޮށް ބޭންކުން 300 މިލިއަން ރުފިޔާ އިންވެސްޓް ކުރަން ނިންމައިފި އެވެ. މިއީ ބޭންކުން މިފަހުގެ ތާރީހެއްގައި މިހާ ބޮޑު އަދަދެއް އިންވެސްޓްކުރަން ނިންމި ފުރަތަމަ ފަހަރެވެ.

ބީއެމްއެލް އިން މިއަދު އާންމު ކުރި އެ ބޭންކްގެ މިދިޔަ އަހަރުގެ ފަހުކުއާޓާގެ އޮޑިޓް ނުކުރާ ހިސާބުތަކުން ދައްކާ ގޮތުގައި އެ ބޭންކަށް މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހުގެ ތެރޭގައި ވަނީ، ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 281.8 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާއާ އަޅާބަލާ އިރު 53 ޕަސެންޓްގެ ކުރިއެރުމެކެވެ. ބީއެމްއެލް އިން ބުނީ ހަތަރު ވަނަ ކުއާޓާގެ ކުރިއެރުމާ އެކު ބޭންކަށް މިދިޔަ އަހަރު 1.03 ބިލިއަން ރުފިޔާ ސާފު ފައިދާއެއް ލިބުނު ކަމަށެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާ އިރު ،56 ޕަސެންޓް އިތުރު އަދަދެެކެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ބޭންކުން އާންމު ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް ވަނީ އިތުރުވެފަ އެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ބޭންކުން ވަނީ ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ ރަނގަޅު މިންވަރެއްގައި ހިފަހައްޓައިފަ އެވެ. މީގެ އިތުރަށް ބީއެމްއެލް އިން ދޫކުރި ލީނުތަކުގެ ތެރެއިން ނުދައްކާ ހުރި އަދަދު ވަނީ ވަރަށް ބޮޑުތަން ދަށްކުރެވިފަ އެވެ.

މި ކާމިޔާބާ ގުޅިގެން އެ ބޭންކުން ނެރުނު ސްޓޭޓްމަންޓެއް މެދުވެރިކުރައްވައި ބޭންކްގެ ސީއީއޯ އެންޑްރޫ ޖޭ ހީލީ ވިދާޅުވީ، ބޭންކަށް ލިބޭ ފައިދާ އިތުރުވުމަކީ ދިވެހި މުޖުތަމައަށް އިންވެސްޓްކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި މިއަހަރުގެ ތެރޭގައި ޖުމްލަ 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެ ކަމަށެވެ. މިދިޔަ އަހަރު އިންވެސްޓް ކުރީ 150 މިލިއަން ރުފިޔާ އެވެ.

ބީއެމްއެލްގެ މާލީ އުސްއަލިތައް

  • ފައިދާ އިން ޓެކްސްގެ ގޮތުގައި 345.7 މިލިއަން ރުފިޔާ ދެއްކި
  • ނުދައްކާ ހުރި ލޯނުތައް 74 މިލިއަނަށް ދަށްކުރި
  • 150 މިލިއަން ރުފިޔާ އިންވެސްޓްމަންޓަށް ހޭދަކުރި

އެންޑްރޫ ވިދާޅުވި ގޮތުގައި މިއަހަރުގެ އިންވެސްޓްމަންޓް ޕްރޮގްރާމްގައި ހިމެނެނީ، 10 ސީއެސްއާރު ޕްރޮޖެކްޓާއި، ބޭންކުގެ ބްރާންޗްތައް އިތުރުކުރުމާއި، ބިޒްނަސް ސެންޓަރ އަދި އޭޓީއެމް ނެޓްވޯކް ފުޅާކުރުމެވެ. މީގެ ފައިދާ 22 ރަށަކަށް ވެގެން ގޮސް އިތުރު 150 އާ ވަޒީފާ އުފެދިގެން ދާނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ. އޭނާ ވަނީ ބޭންކްގެ މި ކާމިޔާބީގައި އެންމެހާ މުވައްޒަފުން ކުރި ބުރަ މަސައްކަތާއި އެ މީހުންގެ އެހީތެރިކަމަށް ނިހާޔަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"ކުރިޔަށް އޮތްތާނގައިވެސް އެންމެން އެކުގައި މަސައްކަތްކޮށް ވިސްނުންތެރިކަމާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއަރުވައި، ހިއްސާދާރުންގެ އުއްމީދުތައް ހާސިލްކޮށްދޭނެކަމުގެ ޔަގީންކަން ދެން،" އެންޑްރޫ ވިދާޅުވި އެވެ.

މިއަހަރަކީ ގޮންޖެހުންތައް ބޮޑު އަހަރެއްގެ ގޮތުގައި ވެސް އެންޑްރޫ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމާއެކު ބޭންކުގެ ހަރަދުތައް ބޮޑުވެ، އަދި އިންޓްރެސްޓް ރޭޓްތައްވެސް ކުޑަކޮށްފައިވާތީވެ 2017 ވަނަ އަހަރުގެ ފައިދާ ކުޑަ ވެދާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަނީ މިހާރު އެކުލަވާލާފައިވާ ވަރުގަދަ ޓީމާ އެކު ބޭންކުގެ ވިޔަފާރި ކުރިއަރައި، ކަސްޓަމަރުންގެ އަދަދު އިތުރުވެ މި އަހަރަކީވެސް ބޭންކަށް ރަނގަޅު އަހަރަކަށްވާނެކަމަށް،" އެންޑްރޫ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކިން ނެޓްވޯކާ އެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 190 ކޭޝް އޭޖެންޓުން، 19 ސެލްފްސަވިސް ބޭންކިން ސެންޓަރު އަދި 5 ދޯނި ބޭންކިން ޔުނިޓް ބީއެމްއެލް އިން އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތްތައް ދެމުން އަންނަނީ އެ ބޭންކުންނެވެ.