ވިޔަފާރި

ސައުންޑްސް އޮފް މޯލްޑިވްސްގެ ކޯ ސްޕޮންސަރަކަށް އޭޝިއާ ފޯވަޑިން

އަންނަ މަހު ސިންގަޕޫރުގައި ބާއްވާ ސައުންޑްސް އޮފް މޯލްޑިވްސްގެ ކޯ ސްޕޮންސަރަކަށް އޭޝިއާ ފޯވަޑިން ހަމަޖައްސައިފި އެވެ.

ސިންގަޕޫރުގެ ޑައިވް ރިސޯޓު ޓްރެވަލް (ޑީއާރުޓީ) އެކްސްޕޯގައި އޮންނަ ރާއްޖޭގެ ސައުންޑްސް އޮފް މޯލްޑިވްސްގަ ކޯ ސްޕޮންސަރުން ހަމަޖައްސާފައިވާ އިރު އެ އިވެންޓުގެ މެއިން ސްޕޮންސާއަކީ ކާނި ހޮޓެލްސް އެވެ. އަދި އެއާލައިން ޕާޓްނަރަކީ ސިންގަޕޯ އެއާލައިންސް އެވެ.

ސައުންޑްސް އޮފް މޯލްޑިވްސްގައި ޑައިވް އެކްސްޕޯ ފެއާގައި ހުންނަ ރާއްޖޭގެ ސަރަހައްދުގައި މިއުޒީޝަނުންނާއި އާޓިސްޓުންގެ އިތުރުން ރިސޯޓުތަކާއި ޓޫރިޒަމް ކުންފުނިތައް އަދި ގެސްޓް ހައުސްތަކުން ބައިވެއެވެ. އަދި ރާއްޖެއަށް ހާއްސަ ޒޯނެއް ވެސް ވަނީ އެ ފެއާގައި ހަމަޖައްސާފަ އެވެ.

ހައިރައިޒް އިން ސިންގަޕޫރުގައި ސައުންޑްސް އޮފް މޯލްޑިވްސް މި އަހަރު ބާއްވާއިރު، މީގެ އަހަރެއް ކުރިން ފެށިގެން ބާއްވަމުން އަންނަ "ސައުންޑްސް އޮފް މޯލްޑިވްސް" ޝޯތައް މާލެ އާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަދި މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރާއި ދުބާއީ އަދި ބެންގްލޫރުގައި ވެސް ބާއްވާފައިވެ އެވެ. އަދި މިދިޔަ އަހަރު ތައިލެންޑްގައި ވެސް ބާއްވަން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ގައުމުގެ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން އެ ގައުމުގައި ހިތާމަފާޅުކުރުން ކުރިއަށް ދާތީ އެ ޝޯ އެ ގައުމުގައި ނުބާއްވަން ނިންމީ އެވެ.