ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ބަދަލުތަކާއެކު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

Jan 30, 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނައި ބަދަލުތައް ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށާއި ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނައ ބަދަލުތަކުގެ ލިސްޓަށް ހުށަހަޅާ ޝަކުވާތަށް ބަލައިގަންނަން ހަމަޖައްސާފައި ވަނީ މާލެފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނެވެ. އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. މާލޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު ގާއިމުކޮށްފައިވާ ބާ ޖަމާލުއްދީނުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓުގަ އާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާއިރު ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާގައިވެސް އެ ލިސްޓް ވަނީ ބަހައްޓާފަ އެވެ.