މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ތަރައްގީކުރުމުގެ މަޝްރޫއު ދުބާއީ ވޯލްޑާ ހަވާލުކުރަން ސަރުކާރުން ނިންމައިފި އެވެ.
އިކޮނޮމިކް ކައުންސިލްގެ ޕްރެސް ކޮންފަރެންސެއްގައި އެ ކައުންސިލްގެ ކޯޗެއާ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވީ ދުބާއީ ސަރުކާރުގެ ބިޔަ ޕްރޮޖެކްޓްތައް ރާވައި ހިންގާ ދުބާއީ ވޯލްޑާ އެކު އެމްއޯޔޫގައި ސޮއި ކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިރޭ ދުބާއީ އަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.
ދުބާއީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ދުބާއީ ވޯލްޑަކީ މުޅި ދުނިޔެ އަށް މަޝްހޫރު ޕާމް އައިލެންޑްސް އާއި ދަ ވޯލްޑް ވެސް ތަރައްގީކުރި ކުންފުންޏެވެ. މި ކުންފުނީގެ ޕްރޮޖެކްޓްތައް 12 ގައުމެއްގެ 30 ސިޓީއެއްގައި ހިންގަ އެވެ.
އަދީބް ވިދާޅުވީ މުޅި ޕްރޮޖެކްޓް ހިންގާނީ ދުބާއީ ވޯލްޑުން ކަމަށާއި އެތަނުގައި ފްރީ ޓްރޭޑް ޒޯނެއް ވެސް ގާއިމުވެގެން ދާނެ ކަމަށެވެ. މި ޕްރޮޖެކްޓަަށް 350-400 މިލިއަން ޑޮލަރު ވަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދުބާއީ ވޯލްޑުން މިހާރު ވަނީ އިންވެސްޓްމަންޓުގެ ޔަގީންކަން ދީފައި ކަމަށެވެ. އަދި މި ޕްރޮޖެކްޓަށް އެ ކުންފުނީގެ ޝައުގުވެރިކަން ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.
ދުބާއީ ވޯލްޑާ ހަވާލު ކުރާނީ ހަމައެކަނި ބަނދަރު ހިންގަން ނޫން ކަމަށާއި މުޅި ޕްރޮޖެކްޓާ ހަވާލުވާނީ ވެސް އެ ކުންފުނިން ކަމަށް އަދީބު ވިދާޅުވި އެވެ. ނަމަވެސް މިހާރު ތިބި ދިވެހި މުވައްޒަފުންގެ ވަޒީފާ ނުގެއްލުމާއި ބަނދަރު ހިންގާ ކުންފުނީގެ އިސް މަގާމުތަކުގައި ދިވެހި ގެންގުޅުން ފަދަ ކަންކަމަށް ސަރުކާރުން އިސްކަން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން މިހާރު ވަނީ ޕޯޓް ކޮންސަލްޓަންޓެއް ވެސް ހަޔަ ކޮށްފަ އެވެ.