ދިވެހި ސިނަމާ

"މަލިކާ" ގެ ޓިކެޓް ވިއްކަން ފަށާނީ އާދީއްތަ ދުވަހު

Jan 31, 2017

މި އަހަރުގެ މާޗު މަހު އޮލިމްޕަހުގައި ޝޯތައް ފެށުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "މަލިކާ" ގެ ޓިކެޓް ވިއްކުން މާދަމާ ފަށާ ގޮތަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް ފިލްމުގެ ޓިކެޓް ވިއްކަން ފަށާ ތާރީޚު ފެބްރުއަރީ ފަހެކަށް ފަސްކޮށްފި އެވެ.

ފިލްމުގެ މާކެޓިން ޓީމުން ބުނެފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ފިލްމުގެ ޓިކެޓް އޮލިމްޕަހުގެ ޓިކެޓު ކައުންޓަރުން ގަންނަން ލިބެން ހުންނާނެ ކަމަށެވެ. އޮންލައިންކޮށް މިހާރު ވެސް ޓިކެޓް ބުކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. ފިލްމުގެ ޕްރިމިއާ ނައިޓްގެ ޓިކެޓެއް 200ރ. އަށް ވިއްކާއިރު ކުރިއަށް އޮތް 19 ޝޯ އަށް ޓިކެޓެއް ވިއްކާ އަގަކީ 100ރ. އެވެ.

މި ފިލްމުގެ ޝޯތައް ރަސްމީކޮށް އޮލިމްޕަހުގައި ފަށާނީ މާޗު މަހުގެ ދެ ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ. ފިލްމުގެ ޝޯތައް މާލޭގައި ފެށުމާ އެކު، އާންމުން ދިރިއުޅޭ އެހެން ރަށްތަކުގައި ވެސް ފިލްމުގެ ޝޯތައް ދެއްކުމުގެ އިންތިޒާމު ހަމަޖެހެމުންދާނެ ކަމަށް ފިލްމުގެ މާކެޓިން ޓީމުން ބުނެފައިވެ އެވެ.

މި ފިލްމަކީ ބިންމާ އިބްރާހިމް ވަހީދުގެ ސްކްރީންޕްލޭއަކަށް، ފިލްމީ ދާއިރާގެ ތަޖުރިބާކާރު ސެމީ މުސްތަފާ ޑައިރެކްޓްކޮށްފައިވާ އަސަރުގަދަ އާއިލީ ޑްރާމާއެކެވެ. މުހައްމަދު ޖުމައްޔިލް އާއި ފާތިމަތު އާޒިފާ އަދި އަލީ އާޒިމް އާއި މަރިޔަމް ޝަކީލާގެ އިތުރުން އިސްމާއިލް ޒާހިރު އާއި ނީނާ ސަލީމް މުހިންމު ރޯލުތައް ކުޅެފައިވާ މި ފިލްމުގެ ޓައިޓްލް ރޯލުން ފެނިގެންދާނީ އަލަށް ފިލްމީ ދާއިރާ އަށް ތައާރަފްވާ ނުޒުހަތު ޝުއައިބު އެވެ.

މި ފިލްމުގައި ސިނެމެޓޯގްރާފަރެއްގެ އިތުރުންނާއި އާޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ މޫމިން ފުއާދެވެ.

މިއީ ލިލީގެ ޗެއާމަން އަދި ކުރީގެ މަޝްހޫރު ޕްރޮޑިއުސަރެއް ކަމުގައިވާ މައްލާ ނާސިރު އެނބުރި ފިލްމީ ދާއިރާ އަށް ވަނުމަށް ކުރާ ތަފާތު ތަޖުރިބާއެކެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މައްލާ ނާސިރު އާއި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) އެވެ.

އާންމުކޮށް ދިވެހި އެހެން ފިލްމުތަކާ ހިލާފަށް "މަލިކާ" އަކީ އޭގެ ހުރިހާ މަސައްކަތެއް ނިންމައި، ކްލެސިފައި ވެސް ކޮށް އަދި ފިލްމު ދައްކާނެ ތާރީޚުތައް އޮލިމްޕަހުން ނެގުމަށް ފަހު ހުރިހާ ކަމެއް ނިންމައިގެން އިއުލާނުކޮށްފައިވާ ފިލްމެކެވެ. ފިލްމު އިއުލާނުކުރިއިރު މި އޮތީ ބަލަން ތައްޔާރުވެފަ އެވެ.