ޑރ. މުހައްމަދު ޝައިނީ

"ނަޝީދު ކުރައްވާ ކަމަކީ ލީޑަރުންނަށް އެމްޑީޕީން ފުރުސަތު ބަންދު ކުރުން"

Jan 30, 2017
4

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ވަޑައިގެން ކުރައްވާ ކަމަކީ އެމްޑީޕީގެ ތެރޭގައި އެ ޕާޓީގެ އެހެން ލީޑަރުންނަށް ހުރި ސިޔާސީ ފުރުސަތުތައް ބަންދުކޮށް ހުއްޓުވުމުގެ މަސައްކަތް ކަމަށް ސަރުކާރުގެ ފަރާތުން ފަށާފައިވާ ސިޔާސީ މަސްވަރާތަކުގައި އިސްވެރިޔަކަށް އައްޔަން ކުރައްވާފައިވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ތުހުމަތު ކުރައްވައިފި އެވެ. އޭނާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ މިރޭ ޗެނަލް 13 އިގެ "ނިއުސް ޓޯކް" ޕްރޮގްރާމްގައި އެ ޓީވީގެ ޕްރެޒެންޓަރު ލަޔާލް މަނިކު ކުރިމަތި ކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ ރައީސް ނަޝީދަކީ ހުކުމެއް ތަންފީޒު ކުރަން ޖަލަށްލެވިފައި ވަނިކޮށް ސަރުކާރަށާއި އެމްޑީޕީގެ މެންބަރުންނަށާއި ގައުމުގެ ރައްޔިތުންނަށް ދޮގު ހައްދަވާ އޮޅުވާލައްވައިގެން އެހެން ގައުމަށް ވަޑައިގެން އެ ގައުމުގެ ހިމާޔާތުގައި ހުންނެވި ގައުމަށް ގައްދާރުވެފައިވާ ބޭފުޅެއް ކަމަށެވެ. އަދި ވަޑައިގެންނެވީ ބޭސް ކުރައްވަން ނޫން ކަމަށް އިއުތިރާފެއް ވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.

"އެ ގައުމުގެ ހިމާޔަތުގައި ހުންނަވައިގެން ކުރައްވާ ކުރު ދަތުރުތަކާބެހޭ އެއްޗެއް ދަންނަވާކަށެއް ނޭނގޭ، ދިވެހި ޕާސްޕޯޓެއްގައެއް ނޫން ދަތުރު ކުރައްވަނީއަކީ ބޭރުގެ ގައުމެއްގެ ހިމާޔާތް ހޯއްދަވައިގެން ހުންނަ ބޭފުޅަކަށް އެ ގައުމެއްގެ ޑޮކިއުމެންޓެއް ހޯއްދަވައިގެން ދަތުރު ކުރެވިދާނެ އަޅުގަނޑުމެން އެކަމަކާއެއް ނުބެހެން. ރާއްޖެއިން މިއުޅެނީ އެކަމަކާއެއް ނޫން. ނޫނީ ވަކި މީހަކާ ހަަސަދެވެރިގެން، ޒާތީ ވެގެން ފިޔަވަޅެއް އަޅާކަށް ވެސް ނޫޅޭ އެހެން ނަމަވެސް ރާއްޖޭގައި ހުންނަވައިގެން މުޖުތަމައު ހަލާކު ކުރަންޏާ ފިޔަވަޅު އަޅާނެ... އަނެއް ކަމަކީ ރައީސް ނަޝީދަކީ މިވަގުތު ހުކުމް ތަންފީޒު ކުރައްވާ ބޭފުޅެއް ނޫން އަނބުރާ ރާއްޖެ ވަޑައިގެންނެވި ދުވަހުކުން ހުކުމް ތަންފީޒު ކުރުން ހުއްޓިފައި އޮތް ހިސާބަކުން ޖަލު ހުކުމް ގުނަން ފަށާނެ. ބޭރުގެ ގައުމެއްގައި 13 އަހަރު ހުންނަވާފައި ވަޑައިގަތަސް މިނިވަނެއް ނުވާނެ،" ޝައިނީ ވިދާޅުވި އެވެ،

ސްރީލަންކާއަށް ވަޑައިގެން އެމްޑީޕީގެ ބައެއް ފަރާތްތަކާއެކު ނަޝީދު ކުރައްވާ މަޝްވަރާތަކަށް އިޝާރާތް ކުރައްވާ ޝައިނީ ވިދާޅުވީ ރައީސް ނަޝީދު ކުރައްވާ ކަމަކީ "އިދިކޮޅު އެހެން ފަރާތްތަކަށް ސިޔާސީ ގޮތުން އޮތް ފުރުސަތުތައް އެނގިވަޑައިގެން ހުންނަވާ އެ ފުރުސަތުތައް ގެއްލުވާލައްވަނީ" ކަމަށެވެ.

"އެ މަނިކުފާނަށް [ރައީސް ކަމަށް] ކުރިމަތި ނުލެއްވޭކަން އެނގިވަޑަިއގން ހުންނަވައި [އެމްޑީޕީގެ ތެރެއިން] އެހެން ބޭފުޅުންނަ އޮންނަ ފުރުސަރު ގެއްލުވައި ލައްވަނީ... މިދެން ވަރަށް ސާފުކޮށް ފެންނަ ވެސް ކަމެއް އަދިއެއް އެމްޑީޕީގެ ތެރޭގައި އިލެކްޝަނެއް ބާއްވައިގެން މީހަކަށް ކުރިޔަށް ދެވޭ ގޮތެއް ނުވޭ އެހެންވީމާ އެމްޑީޕީގެ ތިބި އަޅުގަނުމެންގެ ރައްޔިތުން ޖެހޭނެ [ނަޝީދު އެކުރައްވާ] ކަން ބަލަން. އެ ކުރައްވާ ކަމަކީ އެމްޑީޕީގެ ތެރޭގަގައި އެހެން ލީޑަރުންނަށް ހުރި ފުރުސަތުތަކެއް ބަންދުކޮށް ހުއްޓުވާލަނީ،" ޝައިނީ ވިދާޅުވި އެވެ.

ނަޝީދު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އެމްޑީޕީގެ ބައެއް ފަރާތްތަކާއެކު މިހާރު ވަނީ މަޝްވަރާތައް ބާއްވާފަ އެވެ.