ހަބަރު

ރައީސް ނަޝީދާ ބައްދަލު ކުރި ވާހަކައަކީ ދޮގެއް: ޝައިނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ހަބަރު އޭނާ ދޮގު ކުރައްވައިފި އެވެ.

ލަންކާއަށް ޝައިނީ ކުރެއްވި ދަތުރުފުޅުގައި، ރައީސް ނަޝީދާ ބައްދަލު ކުރައްވާފައިވަނީ މިދިޔަ ހުކުރު ދުވަހު ޝަންގްރިއްލާ ހޮޓެލްގައި ކަމަށް ރައީސް ނަޝީދާ ގާތް އެމްޑީޕީގެ އެކްޓިވިސްޓަކު މިއަދު ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ޝައިނީއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، "އެ ވާހަކައަކީ އެއްވެސް ހަގީގެއް ނެތް ވާހަކައެއް" ކަމަށެވެ. އެހެންނަމަވެސް އޭނާ ހުންނެވި ޝަންގްރިއްލާ ހޮޓަލަށް ރައީސް ނަޝީދު މިދިޔަ ހުކުރު ދުވަހު ވަޑައިގެންނެވިކަން ޕްރޮޓްކޯލްގެ ބޭފުޅުން އޭނާއަށް މައުލޫމާތު ދެއްވި ކަމަށް ޝައިނީ ވިދާޅުވި އެވެ.

"އަޅުގަނޑާ ރައީސް ނަޝީދު ދިމަލެއް ނުވޭ، ނުވެސް ދެކެން،" މިހާރު ރާއްޖޭގައި ހުންނެވި ޝައިނީ ވިދާޅުވި އެވެ.

ރައީސް ނަޝީދާ ބައްދަލު ކުރެއްވި ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް ރޭ ޝައިނީ ވަނީ ލަންކާގައި ބޭއްވި ޕީޕީއެމްގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އެ ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމްއަށް ވަނީ ސޮއިކޮށްފަ އެވެ. އެކަން ޝައިނީ ވަނީ ޓްވީޓާގައި ކުރެއްވި ޓްވީޓަކުން ހާމަ ވެސް ކުރައްވާފަ އެވެ.

ޝައިނީ ވިދާޅުވީ ޕީޕީއެމްއަށް އަލަށް 420 މީހުން ލަންކާއިން ގުޅުނު ކަމަށެވެ. އޭގެ ތެރޭގައި ރައީސް ނަޝީދާ ވަރަށް ގާތް މީހުން ވެސް ހިމެނޭކަން ފާހަގަކުރެއްވި އެވެ. އެގޮތުން ރައީސް ނަޝީދުގެ ޕްރައިވެޓް ސެކިއުރިޓީއެއްގެ ގޮތުގައި އުޅުނު މީހަކާއި އެމްޑީޕީގެ އިވެންޓްތަކަށް ކެއުން ތައްޔާރުކުރަން އުޅުނު ދެމަފިރިއަކު ޕީޕީއެމްއާ ގުޅުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރޭ ޕީޕީއެމްއަށް ގުޅުނު މީހުންގެ ތެރޭގައި އެމްޑީޕީގައި ވަރަށް ހަރަކާތްތެރި އެކްޓިވިސްޓުން ކަމަށްވާ އަންމަޑޭ އަދި ސުހާއްޓޯ ވެސް ހިމެނޭކަން ޝައިނީ ފާހަގަކުރެއްވި އެވެ. އެ ދެ މީހުން ޕީޕީއެމްއާ ގުޅުނީ އިތުރު 100 އެއްހާ މީހުންނާއެކު ކަމަށެވެ. އޭގެއިތުރުން ޝައިނީއާއެކު ކުރީގައި އެކުގައި ފުޓްބޯޅަ ކުޅެން އުޅުނު، ކުރީގެ ލަވަކިޔުންތެރިއެއް ކަމަށްވާ ފަޒީލް ވެސް ޕީޕީއެމްއާ ރޭ ގުޅިފައިވާކަން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝައިނީއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރެއްވުމުގައި އެންމެ ބޮޑަށް ވަކާލަތު ކުރައްވައި ގިނަ މަސައްކަތްތަކެއް ކުރައްވާ މިނިސްޓަރެކެވެ. އަދި އޭނާއަކީ ޕާޓީތަކުގެ މަޝްވަރާގައި ރައީސްގެ ހާއްސަ މަންދޫބު ވެސްމެ އެވެ.