ވާހަކަ

މުޅިޖާންހިތާ

(29 ޖެނުއަރީ 2017 އާ ގުޅޭ)

"އައިރާ.... ކީއްވެ ރޯންތިފެށީ... އަހަންނަށް އައިރާގެ ހިތުގައި ޖެހޭވަރު އެއްޗެއް ބުނެވުނީތަ؟... އައިރާ! ހިނގާބަލަ އަހަންނާއެކު... ކެރޭނެތަ އަހަންނާއެކު ދާން... ދުރަކަށްނޫން... އެ ދިމާއަށް... ރާޅުޖަހާ ހިސާބަށް... މިތިބަ މީހުންނާ ދުރަށް... އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން... އައިރާ..." ނިޔާނު މިހެން ބުނެ ގޮނޑިން ތެދުވެ އައިރާގެ އަތުގައި ހިފާލާ ކުރިއަށް ޖެހިލުމާއެކު ރޮމުންދިޔަ އައިރާ ވެސް ކުރިއަށް ފިޔަވަޅު އަޅާލިއެވެ. އޭނާގެ ފަރާތުން ދެކޮޅު ހެދުމެއް ނުފެނުމުން އައިރާގެ އަތުގައި ހިފާލައިގެން ނިޔާނު ރާޅުޖަހާ ހިސާބަށް އައިސް މަޑުކޮށްލިއެވެ.

"އައިރާ އަދިވެސް ރޮނީތަ؟ އެނގޭތަ؟ އައިރާ ގޮވައިގެން މިހިސާބަށް އަހަރެން އައިސް ހުއްޓެއްކަމަކު މި ހުރީ ވަރަށް ބިރުން... އައިރާއަށް ލިބިފަ ހުރީ ހިޓްލަރެއް ފަދަ ބެސްޓުފުރެންޑެއް... ޕްލީޒް... ދެން ނުރޮއެ... އެހެންނޫނީ ލިޒީ ހީކޮށްފާނެ އަހަރެން އައިރާ ރޮއްވަނީއޭ..."

"މިތަނަށް ކީއްކުރަން ގެނެއީ..." ރުއިމުގެ އަސަރު އެކުލެވިގެންވި އަޑަކުން އައިރާ ބުންޏެވެ.

"އަދިވެސް ރޮނީނު... ނިކަން ރުއިން ހުއްޓާލައިފައި ވާހަކަދައްކަބަލަ... މިކަހަލަ ފިނިރެއެއްގައި ރޮނިކޮށް ރޯގާޖެހިދާނެ... މިހާރު ވެސް ވާހަކަތިދައްކަނީ ނޯށަށް އަރާފައި ހުރިހެން... އައިރާ ބަލިވެއްޖެއްޔާ ހެނދުނު ގަޑީ އޮފީހަށްދާކަށް ނުނިކުންނާނެ... އޭރުން އަހަންނަކަށް އައިރާއެއް ނުއެއް ފެންނާނެ... ދެން ޖެހޭނީ ލިޒީގެ ފަހަތުން ދުވަން... އައިރާގެ ހާލު އޮޅުންފިލަންދެން..." ނިޔާނުގެ ވާހަކަ ހުރި ގޮތުން އޭނާ އެ ދައްކާ ވާހަކަ ޤަބޫލުނުކުރެވިފައި ހުރި ފަދައަކުން އައިރާ ބަލާލިއެވެ. އަދި މަޑުމަޑުން ދެއަތްތިލަ ލޮލާއި ކޯތާފަތުގައި ހާކާލަމުން ކަރުނަތައް ފުހެލައިފިއެވެ.

"ކީއްވެ ނިޔާނު ތިގޮތަށް އަހަންނާ ވާހަކަދައްކަނީ... އަހަރުމެން ދެމީހުންނަކީ ރައްޓެހިންނެއް ވެސް ނޫނެއްނު... ތީ ލިޒީމެންގޭގައި ދުވަސްކޮޅަކަށް މަޑުކޮށްލައިގެން ހުރި ބީރައްޓެއްސެއް..." ދުރުދުރުން ވާހަކަ ގެންދިއުމަކީ އައިރާ އެދޭ ގޮތެއްނޫންކަން އޭނާގެ ވާހަކައިން ނިޔާނަށް އެނގުނެވެ. އައިރާއަށް ބަލާލަފައި ނިޔާނު ހަށިފުރާ ނޭވާއެއް ލާފައި އަނދިރިކަން ވެރިވެފައި އޮތް ކަނޑުގެ ސަޠުޙަށް ނަޒަރު ހުއްޓާލަމުން އަތުގައި އޮތް މާޟިމެލޯކޮޅު ޖެހި ދަނޑިކޮޅު ބިންމައްޗަށް އެއްލާލާފައި ދެ އަތްތިލަ ލައިގެން ހުރި ސޯޓުބުރީގެ އަރިމަތީ ޖީބަށް ކޮށްޕާލިއެވެ. އެ ހުރިހާ ހަރަކާތެއް އޭނާ ގެނައީ ސިކުނޑީގައި ކަމެއް ރާވާލަން ކަހަލައެވެ.

"އަހަރެން ޤަބޫލުކުރަން އަހަންނާ ބެހޭ އެއްވެސް އެއްޗެއް އައިރާއަށް ނޭނގޭނެކަން... އެކަކު އަނެކަކަށް އެނގެނީ ހަމަހުރެފައެއްނޫން... ދެ މީހުންގެ ދެމެދުގައި ވާހަކަތަކެއް ދެކެވިގެން... އައިރާ... އަހަރެން މިދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހަންވާނެ އަދި ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނަންވާނީ... އަހަންނަށް އައިރާ ވަރަށް ކަމުގޮސްފި... އެވާހަކަ ބުނާނެ ގޮތަކާމެދު އަހަރެން ވަރަށް ވިސްނިން... މިވާހަކަ ބުނީމަ އައިރާ ރިއެކްޓު ކުރާނޭ ގޮތަކާ މެދު ވެސް އަހަރެން ވަރަށް ވިސްނިން... ކޮންމެގޮތެއްވިޔަސް އަހަރެންގެ ހިތުގައި އޮތް އެއްޗެއް އަހަރެން ހާމަ މިކުރީ... ފަހަރެއްގައި ވެސް މީ ކުރާ ސަމާސާއެއްނޫން... އެހެންވެ މިބުނީ ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނައްޗޭ..."

"ނިޔާނު! އަހަރެން ނުބުނަންތަ ހަމްދަރުދީގެ ތެރެއިން އުފެދޭ އިހުސާސަށް ބޯނުލަނބާށޭ... އެ އިހުސާސްތަކަކީ ހަޤީޤަތެއްނޫން... އެއީ ވަގުތީ އިހުސާސްތަކެއް..." ނަފްސަށްވެރިވެގަތް ނުތަނަވަސްކަމާއެކު އައިރާއަށް އޭނާގެ އަތްތިލަ އަނެއްއަތުގެ ތެރެއަށްލާ ބާރުކޮށްލެވުނެވެ. އަދި އޭނާގެ މޫނުމައްޗަށް އަރާ ފައިބަމުންދާ އަސަރުތައް ނިޔާނަށް ފޮރުވާލުމަށް ޓަކައި ކުޑަކޮށް އެނބުރިލެވުނެވެ.

"މީ ހަމްދަރުދީއެއްނޫން... ތަޖުރިބާނެތަސް ވަރުގަދަ ޖަޒުބާތުގެ އިހުސާސްތަކާއި ހަމްދަރުދީގެ އިހުސާސްތައް ވަކިކުރަން އަހަންނަށް އެނގޭ... އަހަރެން ބޭނުންވަނީ އަހަރެންގެ މީހަކަށް އައިރާ ވާން..."

"ރައްޓެހިވެގެން އުޅުމަށްފަހު ނިޔާނު އެނބުރި ދާންޖެހުނީމާ ދެން ކިހިނެއް ހަދާނީ..." އައިރާ މިހެން އަހާލުމާއެކު ނިޔާނު ކުރިއަށް ޖެހިލާ އައިރާގެ ދެކޮނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ.

"އަހަންނަށް އިތުބާރުކުރޭ... އިރާދަކުރެއްވިއްޔާ ކޮންމެ ހާލެއްގައި އަހަރެން އުޅުނު ކަމުގައި ވިޔަސް އައިރާއާ ވަތްކެއްނުވާނަން... އައިރާ އަބަދުވެސް ވާނީ އަހަރެންގެ މީހަކަށް... ޤަބޫލުކުރޭ... އައިރާ އެދޭ ކޮންމެ ގޮތެއް އަހަރެން ޤަބޫލުކުރާނަން... އިތުބާރު ކުރެވޭނީ އިތުބާރުދީގެންކަން އެނގޭ... އަހަންނަށް ވަރަށް ބޮޑަށް އައިރާ ކަމުދޭ... އަހަރެން ވަރަށް ދެރަވޭ... ރުޅި ވެސް އާދޭ... އެމީހުން އައިރާއާ ދޭތެރޭ ކަންތައްކުރާ ގޮތުން... ހިތުގައި މި އިހުސާސްތައް ފޮރުވައިގެން ހުންނަން ބޭނުންނުވީ އެހެންވެ... ވީހާ ވެސް އަވަހަކަށް އަހަރެންގެ މީހަކަށް އައިރާ ހަދަން ބޭނުންވާތީ..." ނިޔާނު އައިރާގެ ދެއަތްތިލައިގައި ހިފާ ބާރުކޮށްލިއެވެ. ދެމީހުންގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓިފައި ވެއެވެ. ނިޔާނު ވާހަކަދައްކަން ފެށީ އައިރާ އެއްޗެއް ބުނޭތޯ އިރުކޮޅަކު ހުރުމަށްފަހުއެވެ.

"އަހަރެން މި ހުރިހާ ވާހަކަދެއްކިއިރު ވެސް އައިރާ ބުނާނޭ އެއްޗެއް ނެތްތަ؟ އެޓްލީސްޓް އައިރާއަށް އަހަރެން ކަމުދޭތަ؟ އަހަރެން ގާތުގައި ކޮންމެވެސް އެއްޗެއް އަހާބަލަ... އަހަންނަކީ ކޮންކަހަލަ މީހެއްކަން އައިރާ އެނގެން ބޭނުމެއްނުވޭތަ؟" އައިރާގެ އަތުގައި ހިފާލައިގެން ހުރި ގޮތަށް ހުރެ ނިޔާނު ވާހަކަދެއްކިއެވެ.

"މިވަގުތު ސިކުނޑިއަށް އެއްވެސް އެއްޗެއް ނާދޭ... ބުނާނީ ކީކޭކަމެއް... އަހާނީ ކީކޭކަމެއް..." އިސްޖަހާލަމުން އައިރާ ބުންޏެވެ. އޭނާގެ ދެއަތްތިލަ ފިނިވެގެން ދިޔަކަން ނިޔާނުގެ އަތްތިލައަށް އިހުސާސްކުރެވުނެވެ. އެހިނދު ލުއިގޮތަކަށް އޭނާ ހީނލިއެވެ.

"އިޓްސް އޯކޭ... ފަހުން އަހަންނަށް ޖަވާބެއް ދިނަސް އެންމެ ރަނގަޅު... އަހަރެން އިންތިޒާރުކުރާނަން... މިރޭ ވަކިވުމުގެ ކުރީން އައިރާގެ ފޯނު ނަންބަރު އަހަންނަށް ލިބިދާނެތަ؟ އެކަމަކު އެއީ އައިރާ ބޭނުމިއްޔާ އިނގޭ..."

ނިޔާނުގެ ހިނިތުންވެފައިވާ މޫނަށް އައިރާ ބަލާލި ހިނދު އޭނާގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ. ނިޔާނުގެ ހުރިހާ އަދާއެއްގައި އައިރާގެ ނަފްސަށް ފިނިކަމެއް ލިބިގެންދާ ފަދަ ގޮތެއް ހުންނަކަށް އޭނާއަށް ކުރިން ވެސް ފާހަގަވިއެވެ. ނިޔާނު ފާޅުކުރި އެދުން ޤަބޫލުކުރަން އައިރާގެ ހިތް ގޮވަމުން ދިޔަ ނަމަވެސް ފަސްޖެހުނީ އަވަސްއަރުވާލާފައި ނިންމުމެއް ނިންމަން ބޭނުންނުވާތީއެވެ. އެއިން އެއްވެސް ކަމެއް ނިޔާނާ ޚިއްޞާކުރާނެހާ ހިތްވަރެއް އައިރާގެ ނެތެވެ. އިރުކޮޅަކު ހިމޭނުން ހުރެފައި އައިރާ އޭނާގެ ފޯނު ނަންބަރު ކިޔަން ފެށިއެވެ. އެއާއެކު ނިޔާނު އަވަސްއަވަހަށް އޭނާގެ ސޯޓުގެ އަރިމަތީ ޖީބަކުން ފޯނު ނަގާ އައިރާގެ ނަންބަރު ނޯޓުކުރަން ފެށިއެވެ.

"އަހަރެން ވާހަކަދައްކާލަން ގުޅާލިޔަސް އެންމެ ރަނގަޅު ދޯ... އަނެއްކާ ވަކިއިރެއްގައި ގުޅުން މަނާވާނެތަ؟" ފޯނަށް ނަންބަރު ސޭވްކޮށްލުމާއެކު ސަމާސާ ރާގެއްގައި ނިޔާނު އަހާލިއެވެ.

"އޯކޭ ގުޅިޔަސް..." އެތައް ހިތްވަރެއްކޮށްގެން އައިރާއަށް ބުނެވުނީ އެވަރަށެވެ. ނިޔާނުގެ ހިތުގެ އަޑު އިވިފައި އެ ހިތާއި އައިރާގެ ހިތް ގުޅޭވަރު އެނގުމުން އައިރާގެ ހިއްސުތައް މަސައްކަތްކުރުން ލަސްވެފައިވާ ކަހަލައެވެ. ވާހަކަދައްކަން ވެސް އުނދަގޫވެފައިވަނީ އެހެންވެއެވެ.

"އަހަރެން ވަރަށް ބޭނުންވި އައިރާ މިރޭ އަންނަން... ވަރަށް ގިނަފަހަރު ލިޒީއާ ވެސް ސުވާލުކުރިން... އަހަންނަށް ހީވަނީ ލިޒީ ރުހޭކަމެއްނޫންހެން އަހަންނަށް މިރޭ މި ކުރެވުނީ... އެހެންވިޔަސް ފާޅުކުރަންވީ ކަމެއް ފޮރުވައިގެން ހުރެ އެކަމާ ފަހުން ދެރަވާކަށް އަހަރެން ބޭނުމެއްނޫން... އަހަންނަށް އެންމެ މުހިންމީ އައިރާގެ ޚިޔާލު... އަހަރެން ގުޅެން ވެސް މިއުޅެނީ އައިރާއާ..."

"ނިޔާނު... އޭތް! ދެކުދިން..." ދުރުން ޖުވައިންގެ އަޑު އިވުނެވެ. އެ އަޑާއެކު އައިރާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އެނބުރި ހިނގައިގަންނަން އުޅުނެވެ. ނަމަވެސް އޭނާގެ އަތުގައި ނިޔާނު ހިފިއެވެ.

"ހަމަޖެހިބަލަ... ކުއްލިއަކަށް ތިގޮތަށް ދިޔައީމާ ވެސް އެންމެން ހީކުރާނީ މިތަނުގައި ކަމެއް ހިނގަނީއޭ... ރަޙުމަތްތެރިން އެކަކު އަނެކަކާ ވާހަކަދައްކަން ތިބެފާ އެކުގައި ނޫންތަ ހިނގައިގަންނާނީ..." ނިޔާނު މިހެންބުނެ އައިރާގެ އަތުން ދޫކޮށްލިއެވެ. ނިޔާނު ބުނީ މުޅިއަކުން ދޮގުވާހަކައެއް ނޫންކަން އައިރާއަށް ވިސްނުނެވެ. އެއާއެކު އައިރާ ވެސް މަޑުކޮށްލީ ނިޔާނާ އެއްވަރަށް ދިއުމަށެވެ.

ޒުވާން ގުރޫޕުގަނޑުގެ ތެރެއަށް ނިޔާނާއި އައިރާ ވެސް އައިސް ވަނެވެ. ވެލިގަނޑުމަތީ ވަށްބުރެއްހެން ކުނާތައް ފަތުރާލާފައިވާއިރު ގްރިލް ބަލަމުން ދިޔަ ދެ ކުއްޖެއްފިޔަވާ އެހެން ހުރިހާ އެންމެން ތިބީ އިށީނދެއެވެ. ޖުވައިންއާއި ލިޒީ އެމީހުންގެ ގާތުން ތަން ހަދާލުމާއެކު އައިރާއާއި ނިޔާނު އައިސް އިށީނެވެ. ގިނައިރެއްނުވެ ދެން ފެނުނީ ކޮތަޅެއްގެ ތެރެއިން ނެގި އަތްތިލަޔަށް ހެޔޮވަރުކޮށް އޮތް ކުޑަކުޑަ ރަތްކުލައިގެ ބާލީހެކެވެ. އެމީހުންގެ ތެރެއިން އިޝާނު ކުރިއަށް ނުކުމެ ބުރުގެ މެދަށް ވާގޮތަށް އިށީނެވެ. އަދި އޭނާގެ ފޯނު ނަގާ ލަވައެއް ޖަހާލިއެވެ. އެހިނދު އެއްކަލަ ކުޑަކުޑަ ބާލީސް އެންމެންގެ އަތްތަކުން ބަދަލުކުރަން ފަށައިފިއެވެ. ނިޔާނުގެ އަތުން އައިރާގެ އަތަށް ދިއްކޮށްލިއެވެ. އަތުގައި އެކުޑަކުޑަ ބާލީސް ޖެހުމާއެކު އެއަށްހުރީ ހަނޑޫ އަޅާފައިކަން އެނގުނެވެ. އަވަސްއަވަހަށް އައިރާ އޭތި ލިޒީގެ އަތަށް ދިނެވެ. މިހެން ގޮސް އިޝާނު ލަވަ ނިއްވާލަންދެން އެކަން ކުރިއަށް ގެންދިޔައެވެ. ލަވަ ނިއްވާލުމުން އެ ކުޑަބާލީސް އަތުގައި އޮތް މީހަކު މެދަށް އަރާ އިޝާނުގެ އަތުގައި އޮތް ކުޑަ ޕްލާސްޓިކު ފުޅިން ކަރުދާސްކޮޅެއް ނަގާ އޭގައި ލިޔެފައި އޮތް އަކުރަކުން ލަވައެއް ކިޔަނީއެވެ. އެ ލަވަ ކިޔާ ގަޑީގައި ފޯރި ގަދަވެ އެންމެންގެ އަޑުފަށްގަނޑު ގަދަވެއެވެ. އެންމެ މަދުވެގެން ލަވައިގެ މައިގަނޑު ނޫނީ ކަޑިއެއް ކިޔަން ޖެހެއެވެ. އަރާ ފޯރީގައި ލަވައިގައި ދެން ތިބޭ މީހުން ވެސް ބައިވެރިވެއެވެ. މިހެން މި ކުޅިވަރު ކުރިއަށް ދަމުންގޮސް ފަހަރަކު މީހަކު ކަރުދާސްކޮޅު ނަގަން އިޝާން ޖެއްސިއެވެ. އިންސާފުވެރިކޮށް ކުޅިވަރު ގެންދާންވެގެންނެވެ. ނިޔާނު މެދަށް އަރާ ހުރިއިރު އައިރާގެ ހިތްއަވަސްވެފައިވެއެވެ. އަދި އޭނާއާ ދިމާއަށް ބަލަން ފެށިގޮތަށް ނަޒަރު ވަކިކޮށެއް ނުލެވުނެވެ. ކަރުދާސްކޮޅުގައި އޮތް އަކުރު ނިޔާނު ކިޔާލުމަށްފަހު އިރުކޮޅަކު މަޑުކޮށްލައިގެން ހުންނަން ފެށުމުން އިށީނދެ ތިބި މީހުންގެ އަޑުފަށްގަނޑު ގަދަވެއްޖެއެވެ.

"މަޑުކޮށްބަލަ... މި ވިސްނަނީއޭ... ދިވެހިލަވައެއް ކިޔާށޭ ވިއްޔާ ބުނީ..." ނިޔާނު އެންމެނަށް މައިތިރިވުމަށް އަތުން އިޝާރާތްކުރިއެވެ. އެންމެން ހިމޭންވުމުން ކަރުކެހިލާފައި ނިޔާނު ލަވައެއް ކިޔަންފެށިއެވެ.

"މުޅިޖާންހިތާ... ފުރާނަޔާ... ހެޔޮހިތުން ދީފާނަމޭ...
އެދެނީ ހިފަން... އަތުގާ ކަލާ...
އެދެނީ ހިފަން އަތުގާ ކަލާ ނުހިފާނުހޭ... ނުހިފާނުހޭ..."

ނިޔާނުގެ ދެލޯ އައިރާއަށް އަމާޒުވެފައި ހުރިއިރު އޭނާ ކީ ކޮންމެ ލަފުޒެއް ރުވާފައި ދޫކޮށްލި ދުނިދަނޑިއެއް ފަދައިން އައިރާގެ ހިތަށް ހެރިގެންދިޔައެވެ. އެންމެންގެ ހޯބޯލެވުމުގެ ތެރެއިން ވެސް ނިޔާނުގެ އަޑު ފުރޭނިގެން އައިރާއާ ހަމައަށް އައި ކަހަލައެވެ. އެހިނދު ބޭއިޚްތިޔާރުގައި އައިރާގެ ތުންފަތުގައި ފަނޑު ނަމަވެސް ހިނިތުންވުމެއް ދުވެލިއެވެ. އެންމެންގެ ތަރުހީބުގެ އަޑުފަށްގަނޑު އިވެމުންދަނިކޮށް ނިޔާނު އިށީންނަން ހިނގައިގަތެވެ. އެއާއެކު ލަދުވެތިކަން ހުރަސްއެޅުމުން އައިރާއަށް އިސްޖަހާލެވުނެވެ. ނިޔާނު އައިސް އިށީންނަން އުޅުމުގެ ތެރޭ ފައިގައި ބާއްވާލައިގެން އިން އައިރާގެ އަތްތިލާގައި އަތްޖައްސާލިއެވެ. އަވަސްވެފައިވާ ހިތާއެކު އައިރާއަށް އަތްދަމައިގަނެވުނެވެ.

"އޭތް! ހާދަ ސަޅި ލަވައެކޭ ތި ފަޅާލީ... އަނެއްކާ ވަކި މީހަކަށްތަ؟" ޖުވައިން ދިމާކޮށްލި އަޑު އައިރާއަށް ވެސް އިވުނެވެ. އިހުނަށްވުރެ އޭނާގެ ދޮން ކޯތާފަތަށް ޖަވާމި ލޭކުލަ ގަދަވިއެވެ. އިސްޖަހާލައިގެން މީހަކަށް ނުބަލަން އިންދާ އޭނާގެ ކޮނޑުގައި ނިޔާނު ޖެހުމާއެކު އިޚްތިޔާރަކާ ނުލާ އެ ދެ ޒުވާނުންގެ ލޯ ބައްދަލުވެގެންދިޔައެވެ. ފަނޑު އަލިކަމުގެ ތެރެއިން ވެސް ނިޔާނުގެ ލޯ އެތައް ވާހަކައެއް އައިރާއާ ދެއްކި ކަހަލައެވެ.

"ޖުވައިން..." އައިރާއާއެކު އަރިއަޅާލި ލިޒީ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެއަށްވުރެ ބާރަށް ޖުވައިން ހޭންފެށިއެވެ.

ކުޅިވަރުގައި ބާކީ ދެތިން މީހުންނަށް ވެފައި އޮއްވާ އައިރާއަށް މެދަށް އަރަން ޖެހިއްޖެއެވެ. ހާސްކަމުގައި ލިޒީއަށް ބަލާލީ ދާން ބޭނުންނުވާކަން ހާމަކުރާށެވެ. އެހިނދު ނިޔާނާއި ޖުވައިން ހިތްވަރު ދިނުމުގެ ގޮތުން އެއްޗެއް ބުނެލިއަޑުއިވުނެވެ. އެހެންނަމަވެސް އެންމެންގެ ކުރިމަތީ ހުއްޓި ލަވައެއް ކިޔުމަކީ އައިރާއަށް ވާވަރުކަމެއް ނޫނޭ އޭނާގެ ހިތަށް އެރީއެވެ.

"ޔޫ ޝުޑް ޓްރައި... އެހެންނޫނީ އެމީހުން ދެން ޖައްސާ ކަންތައް މާ ނުލަފާނެ... ދެއާޒް ނޯ އީޒީ ވޭ..." ލިޒީ ބުނެލިއެވެ. އެހިނދު ތިރީ ތުންފަތުގައި ދައިގަންނަމުން އައިރާ އޭނާގެ ދެއަތްތިލަ މުއްކަވާ ބާރުކޮށްލިއެވެ. އޭނާ ތެދުވަން ގިނައިރުވުމުން ވެސް ދެންތިބި މީހުން ހޯބޯލަވައިގަނެއްޖެއެވެ. އެމީހުނާ ދިމާއަށް ނިޔާނު އެއްޗެއް ބުނެލިއެވެ.

"އިރާ... ލަވަނުކިޔަންޏާ އަހަރުމެން ބުނާ ކަމެއް ކުރާންޖެހޭނީ... އޯކޭތަ؟" މެދުގައި ދެފައި ވަށްކޮށްލައިގެން އިށީނދެ އިން އިޝާނު ބުނެލިއެވެ. އައިރާ އަވަސް އަވަހަށް ދެފަރާތަށް ބޯހޫރާލުމާއެކު ތެދުވެއްޖެއެވެ. އަދި އައިސް އިޝާނު ކައިރީ މެދުގައި ހުއްޓިލުމާއެކު ކަރުދާސްކޮޅެއް ނެގިއެވެ. އޭގައި ނޫކުލައިގެ މާކަރަކުން ލިޔެފައި އޮތް އަކުރަށް އައިރާ ބަލާލިއެވެ. އެންމެންގެ މޫނުތަކަށް ބަލާލާފައި އައިރާ ދެ ލޯ މަރާލިއެވެ. މީހާ ހަމަޖެހެން ވަގުތުކޮޅެއް ނެގިއެވެ. އެހިނދު ހިތާއި ސިކުނޑި އެކުގައި މަސައްކަތްކުރާން ފެށިއެވެ. ޖެހިލުންވެފައި ހުރިވަރުން އެއްއަތުން އަނެއްއަތުގައި ހިފަހައްޓާލައިގެން ހުރެ އައިރާ ލަވައެއް ކިޔަންފެށިއެވެ. އަމިއްލަ ޟަމީރު އެވަގުތު ހިތްވަރުދިނެވެ. މަޑުމަޑުން މަރާލެވިފައިވާ ދެލޮލުގެ އެސްފިޔަތައް ހުޅުވާލުމާއެކު ނިޔާނަށް ބަލާލިއެވެ. އޭނާ އައިރާގެ ފަރާތުން ބޭނުންވި ޖަވާބު ސިއްރު މެސެޖެއް ފަދައިން ފޮނުވާލީ ކިޔަމުންދިޔަ ލަވައިންނެވެ.

"ހިތުގެ ތެޅުން، މިތުރު މި އަހާބަލާ... ވާ ލޯބި އެނގޭނަމަ ކަލާ...
ފުން ޚިޔާލުގައި، ދީވާނާ ހިތްވެޔޭ، ހިތް ފާޅުގައި، ތިޔަ ލޯތްބަށް އެދެވެޔޭ...
ނުނިދޭ މިހާރު، ވެޔެ ބޭގަރާރު، އަންނާށޭ ދެން ކަލާ... ވާ ލޯބި އެނގޭނަމަ ކަލާ..."

އިސްތަށިގަނޑު މައްޗަށްވާގޮތަށް އަތްފުނާ އަޅާލުމާއެކު ނިޔާނު ކުރިއަށްވުރެ ވެސް ބޮޑަށް ހިނިތުންވެލިއެވެ. އައިރާކީ ލަވައިގެ ސަބަބުންނެވެ. އައިރާ އައިސް އިށީނުމާއެކު އޭނާގެ ކަންފަތްދޮށަށް ނިޔާނު ގާތްވެލިއެވެ.

"ހިތުގެ ތެޅުން އިއްވައިދޭން ހުރިނަމަ މިހުރީ އަޑުއަހަން ކެތްމަދުވެފައި... ލޯބިވާނަމަ... އެއަށްވުރެ ބޮޑަށް އަހަރެން ލޯބިވާކަން ކަލާއަށް އެނގޭތަ؟" ނިޔާނުގެ ލާނެތްކަންފެނި އައިރާއަށް ވެސް ހިނިތުންވެވުނެވެ. އެއީ ނިޔާނަށް ލިބުނު ކުރިއެރުމެއްކަމުގައި އޭނާ ދުށްޓެވެ.

ބާބެކިއު ނިމެންދެން ވެސް ނިޔާނުގެ ނުސިޔާނު ސަމާސާތަކުން އައިރާއަކަށް ސަލާމަތެއް ނުވެވުނެވެ. އެހެންނަމަވެސް އެ ފަދަ ސަމާސާތަކުން އައިރާގެ ހިތް އިތުރަށް ނިޔާނުގެ މައްޗަށް ލެނބެމުންދިޔައެވެ. ހަމައެކަނި އެ ލޯތްބަށް ދުލުން އާނބަސް ނުބުނާކަމެވެ. ނިޔާނުގެ އެއްވެސް ކަމެއް އައިރާ ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. އެންމެންނަށް އެނބުރި ލިޒީމެންގެއާ ހަމައަށް އާދެވުނީ ދޭއްޖެހިފަހުންނެވެ. ކޮންމެ މީހަކު ވެސް އެރޭގެ މަޖާކަމާ ހުރެ އެފަދަ ކަމެއް އަދި ބޭއްވުމުގެ ޚިޔާލު ފާޅުކުރަމުންދިޔައެވެ.

"ދެން ހިނގާ ދަތުރެއް ރާވަމާ... މިތާ ކައިރީ ދަތުރު ދެވޭނެ ފަޅުރަށެއްނޯވޭތަ؟" ޖުވައިން އަވަހަށް ޚިޔާލު ފާޅުކުރިއެވެ. އެއާއެކު ގުރޫޕުގަނޑުގެ ތެރެއިން ކުއްޖަކު ޖަވާބުދިނެވެ.

"އޭތް! ދެން ސައްލާ ކުރާނީ މާދަމާ..." ލިޒީ ހުރެފައި ބުންޏެވެ. އެކަމާ ނިޔާނު ވެސް އެއްބަސްވިއެވެ. އެއާއެކު އެކިމީހުން އެކި ކޮޅުކޮޅަށް ގޮސް ގެއްލެންފެށިއެވެ.

"އަހަރެން ވެސް ދެން ދަނީ... ނޭނގެ ދޮރޯށި ތަޅުނުލާކަމެއް ވެސް..." އައިރާ ބުންޏެވެ.

"ތަޅުލާފައި ހުރެއްޖެއްޔާ މިގޭގައި މަޑުކުރާނީ... ދޯ ލިޒީ..." ނިޔާނު ޖަވާބު ދިނުމުން ލިޒީ ވެސް ހުރީ ހައިރާންވެފައެވެ. އޭނާއަށްވުރެ އައިރާއާ ނިޔާނު ގާތްވީ ކޮންއިރަކު ބާއޭ ހިތަށް އަރާފައެވެ. ޖުވައިންއާއި ނިޔާނުގެ އިތުރުން ލިޒީ ވެސް ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ. ލިޒީ ކުރިއަށްހުރެ އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން ނެގި ތަޅުދަނޑިން ދޮރުހުޅުވާލިއެވެ.

އައިރާ އައިސް ޒަމާނީގޭގެ ރީނދޫ ދޮރޯށި ހުޅުވާލަން ހިފާލިއެވެ. ނަމަވެސް ދޮރޯށި ހުޅުވޭގޮތެއްނުވިއެވެ. ތާއިބުއާއި ހިޝްމާ ނުރުހިފައި ހުރިވަރުން ދޮރޯށި އެ ހުރީ ތަޅުލާފައިކަން އައިރާއަށް އެނގުނެވެ. އެހެންނަމަވެސް ހުޅުވޭތޯ އަދިވެސް އައިރާއަށް ތަޅުގައި ހިފާލެވުނެވެ. (ނުނިމޭ)