އަންނަ މާޗު މަހުގެ ދެ ވަނަ ދުވަހު އޮލިމްޕަހުގައި ދިވެހި ފިލްމު "މަލިކާ" ގެ ޝޯތައް ރަސްމީކޮށް ފަށާނީ މީގެ ކުރިން ދިވެހި ސިނަމާއިން ނުފެންނަ ޕްރި ޝޯއަކަށް ފަހު އެވެ. ރަސްމީ ޝޯތައް ފެށުމުގެ އެއް ދުވަސް ކުރިން މި ފިލްމު އެންމެ ފުރަތަމަ ދައްކާލުމަށް ހަމަޖެހިފައި ވަނީ މީޑިއާގެ ފަރާތްތަކަށާއި ފާޑުކިޔުންތެރިންނަށެވެ.
މިއީ ހުރިހާ މަސައްކަތެއް ނިންމުމަށް ފަހު އެ ފިލްމެއްގެ ނަން ވެސް އާންމުނަށް އިއުލާނުކުރި "މަލިކާ" އިން ގެންދަން އުޅޭ އިންގިލާބުން ފާހަގަކޮށްލެވޭ ވަަރަށް ވެސް ހާއްސަ ސިފައެކެވެ. ޔަގީނަށް ވެސް ދިވެހި ސިނަމާގައި ފިލްމު އުފައްދައި މާކެޓްކޮށް ވިއްކުމަށް ގެންގުޅޭ ވައްޓަފާޅި އަށް ބަދަލުތަކެއް ނުވަތަ ނުފޫޒުތަކެއް ފޯރުވާނެ ކަމަކަށް މިކަން ވެގެންދާނެ އެވެ.
"މަލިކާ" އިން ބަދަލުތަކެއް ތައާރަފްކުރަމުން އަންނައިރު މި ފިލްމުން ފިލްމީ ދާއިރާ އަށް ނަގައިދިން އެންމެ ބޮޑު ފިލާވަޅަކީ މަސައްކަތެއް ނުފެށެނީސް ނުވަތަ ނުނިމެނީސް އެ މަސައްކަތެއް "ޕްރޮޑަކްޓެއްގެ" ގޮތުގައި އިއުލާނުކޮށް ފޮނި ނުކެނޑުމަށެވެ. މަސައްކަތް ފަށައިނުގަނެވެނީސް އިއުލާނުކޮށްގެން މިހާތަނަށް ވެސް އެތައް ދިވެހި ފިލްމެއް ނުއުފެއްދި އެބަތިއްބެވެ. އޭގެ ތެރޭގައި ވަރަށް މަޝްހޫރު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން އިއުލާނުކޮށްފައިވާ "މެގަ ޕްރޮޖެކްޓްތައް" ވެސް ހިމެނެ އެވެ.
ބިންމާ އިބްރާހިމް ވަހީދުގެ ސްކްރިޕްޓަކަށް ސެމީ މުސްތަފާ ޑައިރެކްޓްކޮށްފައިވާ "މަލިކާ" ގެ ޓީމުން ބުނީ އެމީހުން ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމުމަށް ފަހު އޭގެ ވާހަކަ އިއުލާނުކުރީ ފިލްމުތައް އިއުލާނުކޮށް ނުނިންމުމުގެ ތަޖުރިބާކުރެވި ކެހި ލިބިފައިވުމުން ކަމަށެވެ. އަދި މިއީ އެ ސިލްސިލާ އަށް ނިމުމެއް ގެނެސް ފިލްމީ ދާއިރާ އަށް އާ ކަންތައްތަކެއް ތައާރަފްކުރަން ބޭނުންވާ އުފެއްދުމެއް ކަމަށެވެ.
މުހައްމަދު ޖުމައްޔިލް އާއި ފާތިމަތު އާޒިފާ އާއި އާ ތަރިންތަކެއް ފެނިގެންދާ މި ފިލްމަކީ އަސަރުގަދަ އާއިލީ ޑްރާމާއެކެވެ. ބިންމާ ބުނެފައި ވަނީ މިއީ އެނާ މިހާތަނަށް ލިޔުނު ސްކްރިޕްޓްތަކުގެ ތެރެއިން ސްކްރިޕްޓަށް އެންމެ ވަފާތެރިކޮށް އުފައްދާފައިވާ ފިލްމު ކަމަށާއި ވަރަށް ގިނަ ދިވެހިންނަށް އިބްރަތްތަކެއް ހާސިލުވާނޭ ފިލްމެއް ކަމަށެވެ.
މި ފިލްމުގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށާނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ.